އައްޑޫ ސިޓީގެ މަގުތައް ކުއްލި ގޮތަކަށް މަޖިލިސް އިންތިހާބާ ދިމާކޮށް ޕީޕީއެމް ކެންޑިޑޭޓުން ކުރާކަމެއް ކަމަށް ދޭހަވާ ގޮތަށް ހަދާ މައްސަލަ އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) އިން ބަލަން ޖެހޭނެ ކަމަށް އައްޑޫގެ މޭޔަރު އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.
ސޯބެ ވިދާޅުވީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ މަގު ހެދުން، ކައުންސިލްގެ މަޝްވަރާއެއް ނެތި ކެންޑިޑެޓުން ގޮވައިގެން، ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކޮށް، މަގާމާއި ނުފޫޒު ބޭނުންކޮށްގެން ކުރިއަށް ގެންދާ ގެންދިއުން އޭސީސީން ބަލަން ޖެހޭ ކަމަށެވެ.
އެހެންވެ އެކަން ބަލައި ދިނުމަށް ސޯބެ ވަނީ އޭސީސީ އަށް އެދިފަ އެވެ.
ސޯބެ ވިދާޅުވީ އައްޑޫގައި ތަރައްގީގެ މަސައްކަތެއް ކުރާ ކަމަށް ވަނީ ނަމަ އެކަން ކައުންސިލަށް އެނގެން ޖެހޭނެ ކަމަށެވެ. އަދި ކައުންސިލަށް އެކަން އަންގައި މަޝްވަރާ ވެސް ކުރަން ޖެހޭނެ ކަމަށާއި ކައުންސިލް އޮތީ އެ މަޝްވަރާ އަށް ތައްޔާރަށް ކަމަށް މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ މަގު ހެދުމާއި ކައުންސިލުން އެއް ގޮތަކަށް ވެސް ދެކޮޅު ހަދަން ބޭނުން ނޫން ކަމަށެވެ. ނަމަވެސް މަގު ހަދަމުންދާ ގޮތް ކަމަކު ނުދާ ކަމަށް ސޯބެ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އައްޑޫގެ ތަރައްޤީ އަށް ކުރާ ކަމަކަށް ހުރަސް އަޅާކަށް ނެތިން. އެކަމަކު އެކަން ކުރަން ޖެހޭނީ ކައުންސިލަށް އެނގިގެން. މާދަމާ ރައްޔިތުން ސުވާލު ކުރާނީ ކައުންސިލާ. އެއަށް އަޅުގަނޑުމެން ޖަވާބު ދާރީވާން ޖެހޭ،" ސޯބެ ވިދާޅުވި އެވެ.
ހިތަދޫގެ ތިން މަގު ހެދުމަށް މިއަދު ރަސްމީކޮށް ފަށާފައިވާ އިރު ހިތަދޫ ޝަރަފުއްދީން ސްކޫލް މަގު ހަދަން ކުރީގެ ރައީސް ޑރ. ވަހީދުގެ ސަރުކާރުން ވަނީ އިއްލާންކޮށްފަ އެވެ.
ނަމަވެސް ހިޔަލީގެ ކެމްޕެއިން އަށް ފައިދާވާ ގޮތަށް ހިޔަލީ ހިމަނައިގެން މިއަދު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ކުރިމަތީގައި މަގު ހެދުމާއި ގުޅޭ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
މިކަން ގިނަ ބަޔަކު ވަނީ ފާހަގަ ވެސް ކޮށްފަ އެވެ.