Last Updated: November 24, 19:19
Sunday, November 24, 2024
ރިޕޯޓް

އައްޑޫ "ގަން" ހިންގުން (22)

(މާޗް 8، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ގަމު ހޮސްޕިޓަލް ބަންދުކޮށް އައްޑޫގައި އެންމެ ފުރަތަމަ ސިއްހީ މަރުކަޒެއް ހުޅުވީ 1977 ވަނަ އަހަރު އެވެ. މި މަރުކަޒު ހުޅުވުމާ އެކު ގަމުގެ ހޮސްޕިޓަލްގައި މަސައްކަތް ކުރި ސިއްހީ ދާއިރާގެ އެތަކެއް އަހަރުގެ ތަޖުރިބާ ލިބިފައިވާ ބައެއް މުވައްޒަފުން މިތަނަށް ބަދަލުވި އެވެ.
ވުމާ އެކު މި ދާއިރާގެ ފަންނީ މުވައްޒަފުން ނުލިބުމުފެ ދަތިކަމެއް އައްޑުއަކަށް ނާދެ އެވެ.
މަސައްކަތުގެ ދާއިރާ އަށް މީހުން ތަމްރީނު ކުރަން ވޮކޭޝަނަލް ޓްރޭނިން ސެންޓަރު (ވީޓީސީ) ހުޅުވުނީ 1975 ގަ އެވެ. އެތާގައި ހިންގަން ފެށީ ލަކުނޑީގައި ބިންވަޅު ނަގައި ކުރެހުމާއި ވަޑާމުގެ ކޯސްތަކެވެ.

ވީޓީސީ ހުޅުވުނުތާ ދެ އަހަރު ފަހުން މުދައްރިސުން ތަމްރީނު ކުރަން ފެށި އެވެ. އެއީ 1977 ވަނަ އަހަރު އެވެ. ރާއްޖޭގައި ތައުލީމް އާންމު ކުރަން ކަނޑައެޅުނު މަޝްރޫއަކާ ގުޅިގެންނެވެ.
އަތޮޅުތަކުގައި އަލަށް އުފައްދަވާ އެތަންތަނުން ހިލޭ ކިޔަވައި ދޭން ފެށި ފުރަތަމަ ކޮމިއުނިޓީ ސްކޫލްތައް ތަމްރީނު ލިބިފައިވާ މުދައްރިސުން، ތަމްރީނު ކުރުން އިތުރަށް ތަރައްގީ ކުރަން ޖެހިފައިވާތީ އެވެ.
މިކަމަށްޓަކައި ވަކި މަރުކަޒެއް ނުވަތަ އިންސްޓިޓިއުޓެއް އުފެއްދެވި އެވެ. މައުމޫނުގެ ވެރިކަމަށް ހަ އަހަރު ފަހުންނެވެ. އެއީ 1984 ގަ އެވެ.

ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާގެ ސަބަބުން ސަރުކާރުގެ ހިންގުމުގެ ނިޒާމަށް ގެންނަން ޖެހުނު ބަދަލުތަކުގެ ތެރޭގައި، ރާއްޖެތެރޭގެ ތައުލީމީ ހާލަތު ވެސް ހިމެނިގެން ދިޔަކަން ފާހަގަވި އެވެ.
އެގޮތުން 1990 ވަނަ އަހަރު ފަސް އަތޮޅެއްގެ ތައުލީމީ މަރުކަޒުގައި ގްރޭޑް 8 އުފައްދަވައި ސާނަވީ ތައުލީމް އާންމު ކުރެއްވުމާ ގުޅިގެންނެވެ. އަދި 1991 ވަނަ އަހަރު ރަޖިސްޓްރީ ކުރެވިގެން ހިނގަމުންދާ ސްކޫލް މަދަރުސާތަކުގައި 68,000 އަށް ވުރެ ގިނަ ކުދިން ކިޔަވަމުން ދިޔަ އެވެ. އޭގެ ތެރޭގައި 40,000 ކުދިންނަނީ ރާއްޖެތެރޭގެ ސްކޫލް މަދަރުސާތަކުގައި ކިޔަވަމުން ދިޔަ ކުދިންނެވެ. މާލެ މަދަރުސާތަކުގައި ކިޔަވާ 28,000 ކުދިންގެ %40 އަކީ ވެސް ރާއްޖެތެރޭގެ ކުދިންނެވެ. ވީމާ ޖުމްލަ 51,000 ކުދިންނަކީ ރާއްޖެތެރޭގެ ކުދިންނެވެ.

ފެބްރުއަރީ 17، 1992 ގައި ރާއްޖޭގެ އަތޮޅުތަކުގެ ފުރަތަމަ ސަރަހައްދީ ސާނަވީ (ރީޖަނަލް ސެކަންޑްރީ) ސްކޫލް ހުޅުވުނެވެ. އެއީ ހިތަދޫގައި ހުޅުވި ސަދަން ސެކަންޑްރީ ސްކޫލް (މިހާރުގެ ޝަރަފުއްދީން ސްކޫލް) އެވެ. މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ 11 ތަނެއްގައި ސާނަވީ ތައުލީމްގެ ފުރުސަތު ހުޅުވާލެވުނެވެ.
އަދި 1994 ވަނަ އަހަރު ރާއްޖެތެރޭގެ ސްކޫލަކުން ފުރަތަމަ ފަހަރަށް ޖީސިއީ އޯ ލެވެލް އިމްތިހާނުގައި ބައިވެރިވި އެވެ. އެއީ ސަދަން ސެކަންޑްރީ ސްކޫލާއި ފުވައްމުލަކު ތައުލީމީ މަރުކަޒުގެ ދަރިވަރުންނެވެ.

ސާނަވީ ތައުލީމް މުޅި ރާއްޖެ އަށް އާންމުވެގެން ދިޔައީ ކިޔަވައިދޭ ފޮތްތައް ސަރުކާރުން ހިލޭ ދެއްވި ދުވަސްވަރެއްގައެއް ނޫނެވެ. ގްރޭޑް 1 އަށް ވަންނަ ކުދިން އަންނަނީ އެދުރުގެތަކުންނެވެ. ރާއްޖެތެރޭގައި ނާސަރީ ތައުލީމްގެ އެހީތެރިކަން އެއްވެސް މިންވަރަކަށް ލިބެން އޮތް ދުވަސްވަރެއް ނޫނެވެ.
ގްރޭޑް 10 ނިންމާ ކުދިންނަށް އޯ ލެވެލް އިމްތިހާނުގައި ބައިވެރިވާން ދައްކަން ޖެހޭ ފީ ސަރުކާރުން ހިލޭ ދެއްވާފައި އޮތް ދުވަސްވަރެއްގައެއް ވެސް ނޫނެވެ. (ނުނިމޭ)

ނޯޓް: މިއީ ފޭދޫ އަލީ ފަހުމީ އަހުމަދު ސެޕްޓެމްބަރު 25، 2013 ގައި ނެރުއްވި "އައްޑޫ ގަން ހިންގުން" މި ފޮތެވެ.
"އައްޑޫ ލައިވް" ގައި މި ފޮތް ސިލްސިލާއެއްގެ ގޮތުގައި ޝާއިއު ކުރަން ހަދިޔާ ކުރެއްވި ކަމަށްޓަކައި، މި ނޫހުގެ ފަރާތުން ފަހުމީ އަށް ހާއްސަ ޝުކުރެއް އަރިސްކުރަމެވެ.