ދިރިއުޅުމުގެ ހުރިހާ ކަމަކާ ފެންވަނީ ގުޅިފަ އެވެ. ފެން ބުއިން މަދުވުމަކީ ސިއްހީ އެތައް މައްސަލަތަކަކަށް މަގުފަހިވާ ކަމެކެވެ. ވަރުބަލިކަން އިހްސާސް ކުރެވޭ ނަމަ ވެސް ފެން ބުއިން ގިނަކުރުން ރަނގަޅު ވާނެ އެވެ.
އިންސާނާގެ ހަށިގަނޑުގެ 71 ޕަސެންޓަކީ ފެނެވެ. ހަށިގަނޑުގެ ޓީޝޫތަކާއި ސެލްތައް އޭގެ ދައުރު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމުގައި ފެން ކުޅޭ ދައުރު ކުޑައެއް ނޫނެވެ.
ސިކުނޑީގެ މަސައްކަތާއި ނޭވާލާ ނިޒާމާއި ހަޖަމުކުރުން، މިހެން ގޮސް ހަށިގަނޑުގެ ހުރިހާ މަސައްކަތަކަށް ފެން ވަރަށް މުހިއްމު ދައުރެއް އަދާކުރެ އެވެ.
ފެން މަދުވުމުން އެންމެ ބޮޑަށް ދިމާވާ އެއް މައްސަލައަކީ ކިޑްނީގެ މައްސަލަތަކެވެ. ފެނާ އެންމެ ބޮޑަށް ގުޅިފައިވާ ހަށިގަނޑުގެ އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް ގުނަވަނަކީ ކިޑްނީ އެވެ. މި ގޮތުން ފެން ބުއިން މަދު ނަމަ ކިޑްނީގައި ހިލަ އުފެދި، ކިޑްނީ ފެއިލްވުމަށް ވެސް ދިމާވެ އެވެ.
ހޫނު ގަދަ ދުވަސް ދުވަހު ބޮލުގައި ރިއްސުން އިތުރުވެ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ހަށިގަނޑުން ބޭރުވާ ފެނުގެ ނިސްބަތް އިތުރުވުމެވެ.
ހޫނު ގަދަ އިރު އާދަޔާ ހިލާފަށް ކަރު ހިއްކަނީ ވެސް އެހެންވެ އެވެ. ވުމާއެކު ހަށިގަނޑުން ބޭރުވާ ފެނާ އެއް ވަރަށް ހަށިގަނޑަށް ފެން އެތެރެވާން ޖެހެ އެވެ. ބޮލުގައި ރިއްސުމުން ދުރުވުމަށް ވެސް އާއްމުކޮށް ފެން ބުއިމަށް އާދަ ކުރުން މުހިއްމެވެ.
އެންމެހާ ބަލިތަކުން ސަލާމަތްވެ ރީތިކޮށް ހުރުމަށް ފެން ބުއިމަށް އާދަކުރާށެވެ. ފެން ބުއިން މަދުނަމަ ދިމާވާ އަނެއް މައްސަލައަކީ ހަންގަނޑު ހިކުން ނުވަތަ ހަންފޮޅުމުގެ މައްސަލަ އެވެ.
ގިނައިން ފެން ނުބޯ ނަމަ ހަންގަނޑު ކުރަކިވެ އެވެ. އެހެންވުމުން މީހާގެ ތާޒާކަން ގެއްލިފައި ހުންނަ ކަމަކަށް ދައްކަ އެވެ. ފެނަކީ ރީތިވުމަށް ވަރަށް ބޮޑު ދައުރެއް އަދާ ކުރާ އެއްޗަކަށް ވުމުން ގިނައިން ފެން ބުއިމަށް އިސްކަން ދޭށެވެ. ކޮންމެ ދުވަހަކު އެންމެ މަދުވެގެން 7 ނުވަތަ 8 ތަށި ފެން ބޯށެވެ.