ސ. ފޭދޫ ސިއްހީ މަރުކަޒުގެ އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ ގިނަ ދުވަސްތަކެއްވެ އާންމުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ސިއްހީ މަރުކަޒުގެ އޮފިޝަަލަކު ވިދާޅުވީ އެމްބިއުލަންސް ވަރަށް ބޮޑަށް ހަލާކުވެގެން މަރާމާތު ކުރަން މަރަދޫ ގަރާޖަަކަށް ލާފައި އޮންނަތާ މިހާރު ތިން ހަފުތާއެއްހާ ދުވަސް ވެދާނެ ކަމަށެވެ.
އަދި އެ އެމްބިއުލަންސަކީ އެކިއެކި މައްސަލަތައް ދިމާވެ، މަރާމާތު ނުކުރެވި ބޭނުން ކުރަމުން ދިޔަ އެއްޗަކަށްވާތީ އޭގެ ހާލަތު ވަރަށް ދަށްވެފައިވާ އޮތް އުޅަނދެއް ކަމަށް ސިއްޖީ މަރުކަޒުން ބުންޏެވެ.
އެހެން ނަމަވެސް މިކަމާ ހެދި އާންމުންނަށް ވަނީ ބޮޑު ތަކުލީފެއް އުފުލަން ޖެހިފަ އެވެ.
"ކުއްލި ހާލަތެއްގައި ވެސް ކަމެއް ދިމާވެގެން ގުޅާލާ އިރު އެމްބިއުލަންސާއް ނޯވޭ. ދެން މި ޖެހެނީ ބަލި މީހާ އަތްދަނޑި މައްޗަށް ނަގައިގެން ސިއްހީ މަރުކަޒާ ހަމައަށް އަންނަން،" ފޭދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ. "މިއީ ވަރަށް ދެރަވަރު ކަމެއް. މިކަމަށް އެބަ ޖެހޭ އަވަސް ހައްލެއް ހޯދައި ދޭން."
ފޭދޫން ވާހަކަ ދެއްކި ފޭދޫ ސްކޫލުގެ ބެލެނިވެރިއަކު ބުނީ މިދިޔަ ހަފުތާ އާއި މިއަދު ވެސް އެ ސްކޫލުގެ ބައެއް ދަރިވަރުންނަށް އެކި ކަހަލަ ސިއްހީ މައްސަތައް ދިމާވެގެން، ސިއްހީ މަރުކަޒަށް ގެންދަން ޖެހިފައި ވަނީ އަތްދަނޑި މައްޗަށް ލައިގެން ދުވެފައި ކަމަށެވެ.
"މި މަންޒަރު މިގޮތަށް ތަކުރާރުވާން އަދި ކިހާ ދުވަހެއް ނަގާނެ ކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ. އެނގޭ ކަމަކީ އެމްބިއުލަންސެއް ފެދޫ އަށް ބޭނުންވާކަން. މިހާރު އޮތް އެތި ހަލާކުވެފައި އޮތް ނަމަ، ސިއްހީ މަރުކަޒުން އިތުރު ގޮތެއް ރައްޔިތުންނަށް ހޯދައި ދޭން ޖެހޭނެ،" އޭނާ ބުންޏެވެ.