ކޯމާއެއްގައި އޮންނަތާ ހަތަރު އަހަރެއްހާ ދުވަސްވެފައި ވަނިކޮށް، ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޖޫހީ ޗަވްލާގެ ބޭބެ ބޮބީ ޗަވްލާ މިއަދު މަރުވެއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން 2010 ވަނަ އަހަރުގެ ތެރޭގައި ވަރުގަަދަ ހާޓްއެޓޭކެއް ޖެހުނު ފަހުން ބޮބީ އޮތީ ކޯމާއެއްގަ އެވެ. އޭނާ މަރުވީ ހޮސްޕިޓަލުގައި މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
ބޮބީއަކީ ޖޫހީ އާއި ޝާހްރުކްހާން ގުޅިގެން އުފައްދާފައިވާ ކުންފުނި ރެޑް ޗިލީޒް އެންޓަޓެއިންމަންްޓްގެ ޗީޕް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އެވެ.
ބޭބެގެ މަރާ އެކު ދެ ކުދިންގެ މަންމަ ޖޫހީ ވަނީ ޓްވިޓާ މެދުވެރިކޮށް އެ ހިތާމަ ފޭނުންނާ ހިއްސާ ވެސްކޮށްފަ އެވެ. ޖޫހީއަށާއި އޭނާގެ އާއިލާ އަށް ލިބުނު ހިތާމައިގައި ޝާހްރުކާއި ފަރަހް ހާން ފަދަ ފަންނާނުން ވަނީ ޓްވިޓާ މެދުވެރިކޮށް އާއިލާ އަށް ތައުޒިޔާ ފޮނުވައިފަ އެވެ.
ޖޫހީގެ އެންމެ ފަހުގެ ފިލްމް، މިދިޔަ ހުކުރު ދުވަހު ރިލީޒްވި "ގުލާބް ގޭންގް" އާ ބެހޭ ގޮތުން ޖޫހީ ވަނީ އުފާވެރި ޝުއޫރުތަކެއް ވެސް ފާޅުކޮށްފަ އެވެ.
އެ ފިލްމުގައި ޖޫހީ އަދާކޮށްފައިވާ ނެގަޓިވް ރޯލަށް ކްރިޓިކުންގެ އިތުރުން ބެލުންތެރިން ވެސް ވަނީ ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ. އަދި "ގްލާބް ގޭންގް" ގައި މަދޫރީގެ ރޯލަށް، ޖޫހީ ކުޅެފައިވާ ވިލަންގެ ރޯލުން ހިޔަނި އެޅިފައިވާ ކަމަށް ވެސް ބައެއް ކްރިޓިކުން ވަނީ ސިފަކޮށްފ އެވެ.