Last Updated: April 21, 09:35
Monday, April 21, 2025
ޚަބަރު

ކޮމިއުނިޓީ ފަންޑުން ބިލެތްފަހި ސްކޫލް ލައިބްރަރީ ތަރައްގީކޮށްފި

ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. ބިލެތްފަހި ސްކޫލްގެ ލައިބްރަރީ ތަރައްގީކޮށްފިއެވެ.

މި މަޝްރޫއު ހިންގާފައިވަނީ އެ ސްކޫލްގެ ޓީޗަރެއް ކަމަށްވާ އިސްމާޢިލް ޝަރީފް ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

މި ޕްރޮޖެކްޓު ދަށުން ލައިބްރައީއަށް އަލަށް 700 އެއްހާ ފޮތް އިތުރުކޮށް ފޮތްހަރުގަނޑު ހިމަނައި، ގޮނޑި، މޭޒު ފަދަ ފަރުނީޗަރު ހޯދައިދެވިފައިވާ ކަމަށް ވެސް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

"ލައިބްރަރީއަށް އިނގިރޭސި އަދި ދިވެހި ފޮތް އިތުރުކޮށް ކުދިންނަށް ފޮތް ކިޔުމަށް އެކަށޭނެ މާހައުލެއް ގާއިމްކުރެވިގެން ދިޔުމުގެ ސަބަބުން ސްކޫލްގެ ރީޑިންގ ޕްރޮގްރާމަށްވެސް އިތުރުފުރިހަމަކަމެއް މިވަނީ ލިބިފައި. ލައިބްރަރީ އަށް މި ގެނެވުނު ބަދަލާއެކު ފޮތްކިޔުމަށާއި ފިލާވަޅުތައް ދަސްކުރުމަށް އިތުރު ކުދިން ޝައުގުވެރިވާނެ މާހައުލެއް މިވަނީ ގާއިމްވެފައި. މި ފުރުސަތުގައި ބިލެތްފަހި ކައުންސިލަށާއި، ޓީޗަރުންނަށް، ލައިބްރޭރިއަންގެ އިތުރުން އެކި ގޮތްގޮތުން މި ޕްރޮޖެކްޓަށް އެހީވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން." މި މަޝްރޫއު ހިންގި އިސްމާއިލް ޝަރީފް ވިދާޅުވިއެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިހާރު ބީއެމްއެލްއިން ދަނީ މިއަހަރުގެ ދެވަނަ ކުއާޓަރ އަށް ހުށަހެޅުނު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްކުރަމުންނެވެ.