Last Updated: November 24, 19:19
Sunday, November 24, 2024
ރިޕޯޓް

އައްޑޫ "ގަން" ހިންގުން (23)

(މާޗް 9، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ތަމްރީނު ލިބިފައިވާ މުދައްރިސުންނާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީތެރިކަން އާންމުވެފައި އޮތް ދުވަސްވަރެއް ނޫނެވެ. އެހެން ކަމާ އެކު ވެސް އެބައި މީހުންގެ ދަރިންގެ މުސްތަގުބަލަށްޓަކައި މި ވަސީލަތްތައް ފުރިހަމަވެފައިވާ މާލޭގެ ސްކޫލްތަކުން ކިޔެއްވުމަށް ރާއްޖެތެރޭގެ އަހުލުވެރިން އުފުއްލި ބުރަ އާއި ދުއްތުރާތައް އަދި ހަނދާން ނެތޭނޭހާ ދުވަހެއް ނުވެ އެވެ.

މިފަދައިން 1980 ގެ އަހަރުތަކުގައި ތައުލީމާއި ސިއްހީ ފަރުވާ އާއި ވަޒީފާއަށްޓަކައި މާލެ އަށް ހިޖުރަ ކުރި މީހުންގެ އަދަދު އިންތިހާ އަށް ގިނަވެގެން ދިޔަކަން ފާހަގަ ކުރެވެ އެވެ.
ނަމަވެސް އެކަން އޭރު އޮތް ސަރުކާރަށް ބާރު ބޮޑުވެގެން ދިޔައީ މާލެ ފަދަ ކުޑަކުޑަ ރަށަަކަށް މި އެންމެން ތޮއްޖެހުމުން ދިއުމުގެ ސަބަބުން މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ދަތިވެ، އެކަމަށް ހައްލެއް ހޯދަން ޖެހިފައިވާ ސިފައަށެވެ.

އޭގެ ވިއްސަކަ އަހަރު ފަހުން މިއަދު މާލެއަށާއި މުޅި ރާއްޖެ އަށް އިޖުތިމާއ ރޯގާއެއް ފަދައިން ފާވެފައިވާ މަސްތުވާތަކެތީގެ ވަބާ އާއި ވައްކަމާއި މާރާމާރީ ހެދި ބޮޑުވެ، ކުރިލާ ފޯދީ މި މުއްދަތުގެ ތެރޭގައިކަން އެންމެންނަށް އެނގެ އެވެ. މިއަދު މި ވަބާގައި ޖެހިފައި ތިބި ޒުވާނުންނަކީ ހަމަ ގައިމުވެސް އިއްޔެ އަޅުގަނޑުމެންނަށް އަޅާ ނުލެވި އަތުން ދޫކޮށްލެވުނު ކުޑަ ކުދިންނެވެ.
މާލެ އަށް ޖަމާ ކުރެވިފައި ހުރި ދިރިއުޅުމުގެ ހެޔޮ ވަސީލަތްތަކުން ފަސޭހަ ދިރިއުޅުން ހޯދަން ރާއްޖެތެރޭގެ އެކި ދިމަދިމާއިން މާލެ އަށް ކުރި ދަތުރުގައި ބެހިގެން ދިޔަ އާއިލާތަކުގެ "ޔަތީމު" ކުދިންނެވެ.
މި މަގުން ދަތުރު އާވެ ދިއުމަށް ދޫކޮށްލުމުން ނިކުންނާނެ ނަތީޖާތަކާ މެދު އަޅާލެވިފައި އޮތް ނަމަ މި ގައުމު މި ދެކޭ އިޖުތިމާއީ ބަލިމަޑުކަމުގެ ވަބާއިން ފޭވެވުނީހެވެ.

މިއީ ސްކޫލްތަކުން ޖާގަ ފުރިގެންނާއި ސަރުކާރުގެ ކަންކަމަށް ބޭނުންވާ މުވައްޒަފުން ހޯދމުގެ ދަތިކަން ބޮޑުވުމުގެ ސަބަބުންނާ ވެސް އެކު 1980 ވަނަ އަހަރުން ފެށިގެން ޖޫނިއާ ސްކޫލް ސެޓްފިކްޓް (ޖޭއެސްސީ) ތައާރަފްވި ދުވަސްވަރެވެ. މި ގޮތަށް އިމްތިހާނުތައް ތައާރަފް ކުރައްވަން ޖެހިވަޑައިގަތީ މެދު މަދުރަސީ ތައުލީމް އާންމުވުމާ ގުޅިގެން އެ ފެންވަރަށް ކިޔަވައި ދިނުމަށް ބޭނުންވާ ކުދިން ހޮވުމަށެވެ.
ރާއްޖެތެރޭގެ ސްކޫލްތަކުގައި ވެސް ފަށާ ތައުލީމަށް ކިޔަވައި ދިނުމުގެ ފެންވަރު އެކަށީގެންވާ ވަރަށް ގެނެވިފައިވާ ކަމަށް ފެނިވަޑައިގަތުމާ އެކު 1984 ވަނަ އަހަރުން ފެށިގެން އިމްތިހާން ރާއްޖެތެރޭގެ ސްކޫލްތަކަށް ވެސް ހުޅުވާލެވުނެވެ. އެ ދުވަސްވަރު މި ސްކޫލްތަކުގެ ހާލަތާއި ކިޔަވައި ދިނުމުގެ ފެންވަރު މިހާރު ބޮޑެތިވެފައި ތިބި އެ ދުވަސްވަރުގެ ކުޑަ ކުދިންނަށް އެނގޭނެ އެވެ. އެ ދަރިންގެ ބެލެނިވެރިން ހެކި ވާނެ އެވެ.

މި އިމްތިހާނުން އަރައި ނުގަނެވިގެން ގްރޭޑް 7 އިން ސްކޫލް ދޫކޮށްލަން މަޖުބޫރުވި ކުޑަ ކުދިން މުޖައަށް ގިނަވަމުން ދިޔަ އެވެ. ރަނގޅު މުދައްރިސުން މަދުކަމުން ކިޔަވައި ދިނުމުގެ ވަސީލަތްތަކާ އެކު ސްކޫލްތަކުގެ ފެންވަރު ދެރަކަމުންނާއި އަޅާލުން ނުލިބިގެން ގްރޭޑް 7 އިން ފެއިލްވަމުން ދިޔަ ކުދިންނަށް ގްރޭޑް 8 އިން ޖާގަ ލިބޭނެ އެއްވެސް ގޮތެެއް ނެތުމުން ދެން ވާނެ ގޮތް ވަމުން ދިޔަ އެވެ.

އެ ދުވަސްވަރު ގަވައިދު ހައްދަވަން ތިއްބެވި ބައެއް ބޭފުޅުންނަށް ހީފުޅުވީ އެ ކުދިން ބޮޑެތިވެގެން މަސް ދޯނިފަހަރުގެ ފަޅުވެރިންނަށް ވާނެ ކަމަށެވެ. އެދި ދާއިރާތަކުން އެހީތެރިކަން ހޯދޭނެ މުރާލި މަސައްކަތްތެރިންނަށް ވާނެ ކަމަށެވެ.
ނަމަވެސް އޭގެ 30 އަހަރު ފަހުން މިއަދު ފެންނަނީ އެހެން މަންޒަރެކެވެ.
އަޅުގަނޑުމެން ދެކުނު ހުވަފެއް ނޫނެވެ. ޖޭއެސްސީގެ ނަމުގައި ދަރިފަސްކޮޅުގެ ޖީލެއް ގުރުބާންކޮށްގެން އެ އުރެންނަށްޓަކައި ވަގުފު ކުރި މަސައްކަތުގެ ދާއިރާ އިން މިއަދު ފެންނަނީ ބިދޭސީންނެވެ.
ސްކޫލްތަކާ ދުރުގައި ބޮޑެތިވެގެން ދިޔަ އަޅުގަނޑުމެންގެ އެ ދަރިންގެ ގިނަ ބަޔަކުވީ މަސްތުވާތަކެތީގެ ޝިކާރައިންނަށެވެ. މުޖުތަމައު ފަސާދަ ކުރާ މުޖުރިމުންނަށެވެ. (ނުނިމޭ)

ނޯޓް: މިއީ ފޭދޫ އަލީ ފަހުމީ އަހުމަދު ސެޕްޓެމްބަރު 25، 2013 ގައި ނެރުއްވި "އައްޑޫ ގަން ހިންގުން" މި ފޮތެވެ.
"އައްޑޫ ލައިވް" ގައި މި ފޮތް ސިލްސިލާއެއްގެ ގޮތުގައި ޝާއިއު ކުރަން ހަދިޔާ ކުރެއްވި ކަމަށްޓަކައި، މި ނޫހުގެ ފަރާތުން ފަހުމީ އަށް ހާއްސަ ޝުކުރެއް އަރިސްކުރަމެވެ.