އައްޑޫގައި ކުރިން ވަރުގަދަ ސިޔާސީ ތަނބެއް ތިބި ނަމަވެސް މިއަދު އެފަދަ ތަބުތަކެއް ނެތްކަމަށާއި، އައްޑޫން އަނެއްކާ ވެސް ވަރުގަދަ ސިޔާސީ ތަބުތައް އުފައްދަން ޖެހޭ ކަމަށް ފޭދޫ ދާއިރާ އަށް އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ އިމާދު ސާލިހް ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. ވަހީދުގެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އިމާދު ވިދާޅުވީ ކުރީގެ ބަންޑާރަ ނާއިބު ކަމާއި ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރުކަން ކުރެއްވުމަށްފަހު ރިޔާސީ އިންތިޚާބުގައި ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިވަޑައިގެންނެވި ޑރ. ހަސަން ސައީދު އާއި، އަދި ކުރީގެ ބަންޑާރަ ނާއިބު ކަން ކުރެއްވި ޑރ. މުހައްމަދު މުނައްވަރުގެ ފަދަ ބޭބޭފުޅުން މިއަދު ސިޔާސީ ދާއިރާއިން ނުފެންނަކަމަށެވެ.
އެހެންވެ އައްޑޫން ވަރުގަދަ ސިޔާސީ ތަނބެއް އުފައްދަން ޖެހިފައިވާކަމަށެވެ. އަދި ތަނބެއްގެ ގޮތުގައި އުފައްދާ ސިޔާސީ ލީޑަރަކީ ތައުލީމީ ގާބިލު ތަޖުރިބާ ހުރި ބޭފުޅަކަށް ވާންޖެހޭނެ ކަމަށް އިމާދު ވިދާޅުވިއެވެ.
”އާބާދީ ބޮޑު އައްޑޫގައި ސިޔާސީ ވަރުގަދަ ތަނބެއް އުފައްދަން ޖެހޭ އެބަ. ޑރ. ހަސަން ސައީދު، ޑރ. މުނައްވަރުފަދަ ސިޔާސީ ލީޑަރުން މިއަދަކު ނެތް. އެހެންކަމުން މިއަދު އައްޑޫގައި އެބަ ތިއްބެވިތޯ ސިޔާސީ ލީޑަރުން، އެފަދަ ލީޑަރަކީ ތައުލީމީ ތަޖުރިބާހުރި ގާބިލު ބޭފުޅަކަށް ވާންޖެހޭނެ.” އިމާދު ވިދާޅުވިއެވެ.
އިމާދު ވިދާޅުވީ މަޖިލީހުގެ ގޮނޑިއަށް މީހަކު އިންތިޚާބު ކުރާނަމަ ކުލައަކަށް ފިކުރަކަށް ބަލާކަށް ނުޖެހޭނެ ކަމަށެވެ. ބަލަންޖެހޭނީ އިލްމާއި، ތަޖުރިބާއާއި، އެމީހެއްގެ ގާބިލުކަން ހުރި މިންވަރަށް ކަމަށް އިމާދު ވިދާޅުވިއެވެ.
އަދި މީގެއިތުރުން އިމާދު ވިދާޅުވެފައިވަނީ ފޭދޫ ދާއިރާގެ މެންބަރުކަމަށް އެންމެ ގާބިލު ބޭފުޅަކީ އޭނާ ކަމަށެވެ. އެހެންކަމުން މިފަހަރުގެ މަޖިލީހުގެ އިންތިޚާބުގައި ފޭދޫ ދާއިރާގެ މެންބަރުކަމަށް އޭނާ އިންތިޚާބު ކުރެއްވުމަށް ދާއިރާގެ ރައްޔިތުންނަށް ވަނީ ގޮވާލައްވާފައެވެ.