އަލްޓްރާވައިލެޓް އައްޔަކީ ލައިޓް ސްޕެކްޓްރަމްގެ އެންމެ ތިރީގައިވާ ނޫކުލަ އާއި ދަނބު ކުލައަށް ވުރެ ފަނޑު، ލޮލަށް ނުފެންނަ އައްޔެކެވެ.
ގިނަ މީހުން އަލްޓްރާ ވައިލެޓް ރޭޑިއެޝަން އަށް ހުށައެޅޭ މައިގަޑު މަސްދަރަކީ އިރެވެ. ވެލްޑިން ކުރާ އިރު ފެންނަ އައްޔާއި، ފްލަރިސެންޓް އައްޔާއި، ބާރުގަދަ މާކަރީ ލައިޓާއި އެކި އެކި ވަޒީފާގެ މާހައުލުގައި ބޭނުން ކުރާ އާލާތްތަކުން (މިސާލަކަށް ފޮޓޯ ކޮޕީ މެޝިން، ޕްރިންޓަރު) ނިކުންނަ އައްޔަކީ ވެސް މަދުން ނަމަވެސް މީހުން ހުށައެޅޭ އަލްޓްރާވައިލެޓް ރޭޑިއޭޝަންގެ މަސްދަރުތަކެވެ.
އަލްޓްރާ ވައިލެޓް ދޯދިތަކުގެ ސަބަބުން ހަންގަނޑު ފިހިފައިވާ ނުވަތަ ސަން ބާރން ވެފައިވާ މީހަކަށް އެކަމުގައި ހުރި ވޭން ރަނގަޅަށް އިހުސާސް ކުރެވޭނެ އެވެ.
ގިނަ މީހުންނަށް މައުލޫމާތު ލިބިފައި ހުންނަނީ ގިނަ ވަގުތު އަލްޓްރާ ވައިލެޓް ދޯދިތަކަށް ހުށައެޅިއްޖެ ނަމަ ހަމުގެ ކެންސަރުޖެހޭކަމާއި އަދި ހަންގަނޑު އަވަހަށް ރޫޖެހި މުސްކުޅިވާކަމެވެ. އަލްޓްރާ ވައިލެޓް ދޯދިތަކަކީ އިންސާނާގެ ކަށިތަކާއި މަސްގަނޑު އަދި ދިފާއީ ނިޒާމް ބާރުގަދަކުރަން ބޭނުންވާ ވިޓަމިން ޑީ އުފެއްދުމަށް ބޭނުންވާ އެއްޗެއްކަން އެނގެނީ ވަރަށް މަދު ބަޔަކަށެވެ.
އެހެން ނަމަވެސް ގިނަވަގުތު އަލްޓްރާ ވައިލެޓް ދޯދިތަކަށް ހުށައެޅިއްޖެނަމަ ލޮލުގެ ޓިޝޫތައް ހަލާކުވެ ލޮލުގެ ލެންސް ފުސްވެ ލޮލަށް ކެޓަރެކްޓް ކިޔާ ބައްޔެއް ޖެހި ލޮލުގެ ފެނުން ދާއިމަށް ގެއްލިދާނެ ކަމީ ގިނަ ބަޔަކަށް އެނގޭ މައުލޫމަތެއް ނޫނެވެ. އަދި މީގެ އިތުރުން ލޮލު ތެރޭގައި ހުންނަ ހިމަ އަދި ނާޒުކު ނާރުތަކުގެ ބާރު ކެނޑި ނުވަތަ ދުޅަވުމުގެ ނުރައްކާ ވެސް އިރުގެ ނުރައްކާތެރި ދޯދިތަކުގެ ސަބަބުން ކުރިމަތިވެ އެވެ.
ކެޓަރެކްޓް އަކީ އަލްޓްރާވައިލެޓް ދޯދީގެ ސަބަބުން ދިގު މުއްދަތުން ލޮލަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމުގައި ވިއަސް އަވަހަށް ފަރުވާކޮށްފިނަމަ ޝިފާލިބޭ ބައްޔެކެވެ. އެހެންކަމުގައި ވީނަމަވެސް މިބައްޔަކީ އާއްމު ސިއްޙަތަށް ހުރި ކަންބޮޑުވުންތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އަންދާޒާ ކުރާ ގޮތުގައި 2011 ވަނަ އަހަރު އެކަނި ވެސް ދުނިޔޭގައި 12 ނުވަތަ 15 މިލިއަން މީހުން ކެޓެރެކްޓް ޖެހި ލޮލުގެ ފެނުމުން މަހުރޫމްވެފައި ވެ އެވެ.
އޭގެ ތެރެއިން %20 މީހުން ނުވަތަ ތިން މިލިއަން މީހުންނަށް ކެޓެރެކްޓް ޖެހެން ދިމާވެފައިވާ ސަބަބަކީ އަލްޓްރާ ވައިލެޓް ދޯދިއެވެ. އެމެރިކާގެ ސަރުކާރުން އެކަނިވެސް އަހަރުކު 3.4 ބިލިއަން ޔޫއެސް ޑޮލަރު، 1.2 މިލިއަން މީހުންގެ ކެޓަރެކްޓް ސާޖަރީ އަށް ހަރަދު ކުރެ އެވެ.
މި ބަލީގެ އިޖްތިމާޢީ ގެއްލުން ކަމުގައިވާ އިންސާނާގެ ލޯ އަދިރިވުމުގެ ސަބަބުން ތަހައްމަލު ކުރަން ޖެހޭ އުނދަގޫތަކަކީ އިގްތިސާދީ ގޮތުން ލިބޭ ގެއްލުން ތަކަށް ވުރެ ވަކި ކުޑަ ކަމެއް ނޫނެވެ. ފަރުދީގޮތުން ރަނގަޅު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ މި ބަލި ޖެހޭ އަދަދު މަދު ކުރެވިއްޖެ ނަމަ އެކަމަށްދާ ޚަރަދު އެހެން މުހިއްމު ސިއްޙީ ޚިދުމަތްތަކަށް ޚަރަދު ކުރުމަށް ބޭނުން ކުރެވިދާނެ އެވެ.
އަލްޓްރާވައިލެޓް ދޯދިތަކުން ރައްކާތެރި ވުމަށްޓަކައި %100 އަލްޓްރާވައިލެޓް އިން ރައްކާތެރިކޮށްދޭ އައިނު ބޭނުން ކުރެވިދާނެ އެވެ.
މިފަދަ އައިނެއް އިޚްތިޔާރު ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަންތައްތަކުގެ ތެރޭގައި ކަޅުކުލައިގެ ކޮންމެ އައިނަކީ އަލްޓްރާވައިލެޓް ރޭޑިއޭޝަނުން ރައްކާތެރިކޮށްދޭނެ އެއްޗެއް ނޫންކަން ފާހަގަކޮށްލަން ޖެހެ އެވެ.
އެއްވެސް ކުލައެއް ނެތް %100 އަލްޓްރާވައިލެޓް ރޭޑިއޭޝަނުން ރައްކާތެރިކޮށްދޭ އައިނެ އްވެސް ކުލަކުލައިގެ އާދައިގެ ލެންސްތަކަށް ވުރެ ރަނގަޅު ވާނެ އެވެ.
ހަގީގަތުގައި އެކި ކުލަކުލައިގެ އަލްޓްރާވައިލެޓް ދޯދިތަކުން ރައްކާތެރިކޮށް ނުދޭ ލެންސް ބޭނުން ކުރުމުން އެއްވެސް އައިނެއް ބޭނުން ނުކުރުމަށް ވުރެ ލޮލަށް ލިބޭ ގެއްލުން ބޮޑު ވާނެ އެވެ.
ސަބަބަކީ އާދައިގެ ކުލަކުލައިގެ ލެންސް ބޭނުންކުރުމުން ލޮލުގެ ޕިއުޕިލް އިތުރަށް ހުޅުވި ގިނަ އަދަދެއްގެ އަލްޓްރާވައިލެޓް ރޭޑިއޭޝަން ލޮލަށް ވަނުމަށް މަގު ފަހިކޮށްދެ އެވެ.
އެހެންކަމުން، ބުއްދިވެރި ގޮތަކީ އަވި އައިނެއް ބޭނުން ކުރަނީ ލޮލަށް ލިބިދާނެ ސިއްޙީ ގެއްލުން ތަކުން ސަލާމަތްކޮށް ދިނުމަށް ކަމުގައިވާނަމަ އަލްޓްރާވައިލެޓުން ރައްކާތެރިކޮށްދޭ އައިނު ބޭނުން ކުރުމެވެ. އެހެންކަމުން ކަމާއިގުޅޭ ތަޖުރިބާކާރެއްގެ އިރުޝާދުގެ ދަށުން އައިނެއް އިހްތިޔާރު ކުރުން މުހިއްމެވެ.
ގިނަ ވަގުތު ބޭރުގައި މަސައްކަތް ކުރަން ޖެހޭ މީހުންނާއި އަލްޓްރާވައިލެޓް ދޯދި އުފެދޭ ބާވަތްތައް ވަޒީފާގެ މާހައުލުގައި ބޭނުން ކުރާ މީހުންނަކީ ކެޓަރެކްޓް ޖެހުމަށް މަގުފަހި ވެފައިވަ މީހުންނެވެ.