Last Updated: April 23, 22:45
Wednesday, April 23, 2025
ދުނިޔެ

ތާޒާ ފެންގަނޑަކުން ހިފި މަޑިއެއް ރެކޯޑަކަށް

ތާޒާ ފެންގަނޑަކުން މިހާތަނަށް ހިފި އެންމެ ބޮޑު މަސް ކެމްބޯޑިއާގެ މަސްވެރިންތަކެއް ހިފައިފި އެވެ.

މި މަހުގެ 13 ވަބަ ދުވަހު އުތުރު ކެމްބޯޑިއާގެ ސްޓަންގް ޓްރެންގް ސަރަހައްދުގެ ފެންގަނޑަކުން މަސްވެރިންތަކެއް ހިފި މަޑި އަށް މިހާރު ވަނީ ތާޒާ ފެންގަނޑަކުން މިހާތަނަށް ހިފި އެންމެ ބޮޑު މަހުގެ ރެކޯޑް ވެސް ރަސްމީކޮށް ލިބިފަ އެވެ. ގިނިސް ވޯލްޑް ރެކޯޑުން ރެކޯޑް ކަށަވަރުކޮށް ދީފައިވާ އިރު، ބަރުދަނުގައި 300 ކިލޯހުރި އަންހެން މަޑީގެ ނިގުލާ އެކު އޭގެ ދިގުމިނުގައި 3.98 މީޓަރު (13 ފޫޓް) ހުއްޓެވެ.

މަސްވެރިންތަކެއް ހިފި މި ރެކޯޑް މަހަކީ ނެތިދިއުމުގެ ބިރު ހީވެފައިވާ ބާތުގެ މަޑިއެކެވެ. މަޑި ހިފި ނަމަވެސް ރައްކާތެރިކަމާ އެކު އޭތި މިހާރު ވަނީ އޭގެ އަސްލު ވަޒަނަށް ދޫކޮށްލައިފަ އެވެ.

މީގެ ކުރިން ތާޒާ ފެންގަނޑަކުން ބޭނި އެންމެ ބޮޑު މަހުގެ ރެކޯޑް އޮތީ ތައިލޭންޑްގެ މެކޮންގް ކޯރުން 2005 ގެ ޖޫންގައި ބޭނި 2.7 މީޓަރު (11 ފޫޓް) ކެޓްފިޝްއަކަށެވެ. އޭގެ ބަރުދަނުގައި 293 ކިލޯ ހުއްޓެވެ.