"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި ސަރުކާރުން ނެރުނު ގަރާރު ބާތިލްކުރަން ސިވިލް ކޯޓަށް ޕީޕީއެމްއިން ހުށައެޅި މައްސަލައިގައި އެ ޕާޓީން ކޯޓަށް ހާޒިރުނުވުމުން ބޭރުކޮށްލައިފި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ އޭޕްރީލް މަހުގެ 21 ގައި ނެރުއްވި ގަރާރަކީ ގާނޫނުއަސާސީއާ ހިލާފު އަދި ބާތިލު ގަރާރެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ކޯޓަށް ހުށަހެޅީ އޭޕްރީލް 27ގައި އެވެ. އެހެން ނަމަވެސް އެ މައްސަލާގެ ޝަރީއަތަށް ޕީޕީއެމްގެ ވަކީލުން ހާޒިރު ނުވުމުން މިއަދު ވަނީ މައްސަލަ ބޭރުކޮށްލާފަ އެވެ. ކޯޓުން މައްސަލަ ބޭރުކޮށްލާނީ މައްސަލަ ހުށައެޅި ފަރާތުން މަގުބޫލު އުޒުރެއް ނެތި ޝަރީއަތައް ހާޒިރުނުވެއްޖެ ނަމަ އެވެ. އެހެން ނަމަވެސް އެ ކަމާ ގުޅޭ ގޮތުން ޕީޕީއެމްއިން އަދި އެއްވެސް އެއްޗެއް ހާމައެއްނުކުރެ އެވެ.
އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ކުރިއަށް ގެންދާ އެ ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ އިން ސިފައިން ބާލަން ގޮވާލައި ކުރިއަށް ގެންދާ ކެމްޕޭނެކެވެ. މީގައި އެންމެ އިސްކޮށް ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.
"އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން ސަރުކާރުން ގަރާރެއް ނެރުނީ "އިންޑިއާ އައުޓް" ލިޔެފައިވާ ބޮޑެތި ބެނާތައް މާލޭގައި ދަމަން ފެށުމާ ގުޅިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ނެގި އެފަދަ ބެނާ އަކީ ޔާމީންގެ ގޭގައި ދެމި ބެނާ އެވެ