Last Updated: November 25, 10:53
Monday, November 25, 2024
ޚަބަރު

ވަކި ބަޔަކު ދިފާއުކުރާ ކަމަށް ބުނެ ގާސިމްގެ ރައްދެއް

ބަދުއަހްލާގީ އަމަލުތައް ހިންގާކަމަށް ތުހްމަތު ކުރެވޭ ވީޑިއޯތަކާއި ފޮޓޯތަކާ ގުޅިގެން ފުލުސް އޮފީހަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގެންދެވުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެެއްކެވި ވާހަކަފުޅަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ރައްދު ދެއްވައިފި އެވެ.

ޖުމްހޫރީ ޕާޓީން "ތައްޔާރު" ނަމުގައި މިރޭ ބޭއްވި ޖަލްސާގައި ގާސިމް ސިފަ ކުރެއްވި ގޮތުގައި ނަޝީދު އެ މޭރުމުން ވާޙަކަފުޅު ދެެއްކެވީ ވަކި ބަޔަކު ކުރި އަމަލަކަށްވާތީ އެވެ.

"އަޅުގަނޑުމެނަށް ފެންނަނީ ގާނޫނާ ހިލާފަށް ވަކި ބަޔަކު ކަމެއް ކުރީމަ، ފާސިދުވެގެންވާ އަމަލެއް ނުވަތަ ﷲ ނަހީކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން ބޮޑު ކަމެއް ހިންގީމަ ނުވަތަ ޝައްކުވީމަ، ވަކި މީހަކު އަރާފައި އެ ބުނޭ ފުލުހުންނަށް މިވެނި މީހަކު ހާޒިރު ކުރެވިގެނެއް ނުވާނެ އޭ. އަޅުގަނޑަކަށް ނޭނގެ މި ކިޔަނީ ކީކޭތޯ. އެހެންވީމަ އިސްލާމް ދީނުގެ އަސްލުތަކާވެސް ހިލާފަށް އަޅުގަނޑުމެން މާތްﷲ ގަންދީ ހުވާކޮށްގެން ތިބި މީހަކު މިގޮތައް ބުނާކަމުގައިވާނަމަ ކިހާ ހިސާބަކަށްބާވައޭ މި ދަތުރުކުރެވެނީ އަޅުގަނޑު ހިތައް އަރަނީ،" ނަޝީދުގެ ވާހަކަފުޅަށް އިޝާރަތް ކުރައްވައި ގާސިމް ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވި ނަމަވެސް ފުލުހުން އަމަލުކުރާނީ ގާނޫނުތަކާ އެއްގޮތައްކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ރައީސް ސޯލިހްވެސް އެކަން ހުއްޓުވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އަަޅުގަނޑު ޝައްކެތް ނުކުރަން، މިކަން ކޮންމެ ބޭފުޅަކުވިއަސް)ވަކި ބޭފުޅަކު ފުލުސް އޮފީހަށް ގެންގޮސްގެންނުވާނެ އޭ ވިދާޅުވިއެއްކަމަކު ފުލުހުން އެ ބޭފުޅުންގެ ޒިންމާ އެ ބޭފުޅުން އަދާ ކުރައްވާނެކަމާމެދު. އަދި އެއިން އެއްޗެއް ފޮރުވާ ރައްކާތެރިކޮށް ވަކި މީހަކަށްވީތީ ސިއްކަ ޖަހާފައި ނުބާއްވާނެ ކަމަށް. އެއީ ކޮންމެ މީހެެއް ކަމަށްވިއަސް،" ގާސިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަމަށް ބެލެވޭ މީހަކު ބަރަހަނާ ހާލުގައި އިތުރު ދެ ދެ މީހަކާ ފެންނަ ފޮޓޯއެއް އާއްމު ވެފައިވަނިކޮށް ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ފުލުހަށް ހާޒިރުކުރާ ނަމަ އެކަން އަންގައިދިނުމަށް އެމަނިކުފާނަށް އެންގެވުމަށް އެދިވަޑައިގެންފަ އެވެ.

މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އިއްޔެ ފޮނުއްވި ސިޓީގައި ވިދާޅުވީ އެއްވެސް މައްސަލައެއްގައި މަޖިލީހުގެ އެއްވެސް މެމްބަރަކު ފުލުހަށް ހާޒިރުކުރާ ނަމަ މަޖިލީހުގެ ރައީސަށް އަންގައިދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ސިޔާސީ ބޭފުޅުންގެ ބަރަހަނާ ވީޑިއޯތަކާ ގުޅޭ ގޮތުން ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ އެޖެންޑާ ނުކުރި މައްސަލައިގައި އިދިކޮޅުން ވަނީ ޖަލްސާ ހުއްޓުވާފައި އެވެ.