(މާޗް 12، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
މިއީ ދިވެހި ސަރުކާރުން ބައިވެރިވާ ފުރަތަމަ ރިސޯޓަށްވާތީ އެވެ. ސަރުކާރާ އެކު މި ބައިވެރިވި އެނާޖީ ޓުއާސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުންގެ ގޮތުގައިި ދައުލަތުގެ ބަންޑާރަ ނައިބް ޑރ. މުހައްމަދު މުނައްވަރާއި ޓްރާންސްޕޯޓް މިނިސްޓަރު ހުސައިން ޒަކީ ވެސް މި ވިޔަފާރީގައި ބައިވެރިިވެ ވަޑައިގަންނަވާތީ އެވެ.
ސާދަ ޕަސެންޓްގެ ހިއްސާއަކާ އެކުގަ އެވެ. ބަންޑާރަ ނައިބްގެ މަގާމުގައި ހުންނަވައިގެން ޑރ. މުހައްމަދު މުނައްވަރު މި ވިޔަފާރީގައި ބައިވެރިވެ ވަޑައިގެންނެވި މައްސަލަ މީޑިއާގެ ފަލަ ސުރުހީ އަށް އަރައިގެން ދިޔަ ދުވަސްވަރު އެ ބޭފުޅާ ވިދާޅުވެފައި ވަނީ އެ ވިޔަފާރީގައި ބައިވެރިވެ ވަޑައިގަތީ ވިޔަފާރީގެ އެދުމެއްގައި ނޫން ކަމަށެވެ.
އެ ބޭފުޅާއަކީ އެ ވަގުތު އައްޑޫގެ ރައްޔިތުންގެ މަޖިލިސް މެމްބަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކަށްވެފައި، ކުންފުނީގެ ހިއްސާދާރުން އެކަމަށް ވަރަށް ބޮޑަށް އެދެމުން ގޮސްފައިވާތީ ކަމަށެވެ.
އައްޑޫގައި ހުރި ފެކްޓްރީތައް އުވި އެތައް ބައެއްގެ ވަޒީފާ ގެއްލި، އަތޮޅުގެ އިގުތިސާދު ފުނޑުފުނޑުވެފައި އޮތް ދުވަސްވަރަކަށްވާތީ އެވެ. މިފަދައިން ކަންތައްތައް އޮއްވައި ވިލިގިލި ރިސޯޓަކަށް ހެދުމުގެ މައްސަލަ ވެސް ދިގުލައިގެން ގޮސް ރައްޔިތުން ވަރަށް ބޮޑަށް މާޔޫސްވެފައި ތިބި ދުވަސްވަރަކަށްވާތީ އެވެ.
ކުންފުނީގެ ހިއްސާދާރުންނާއި އަދި ވަރަށް ގިނަ ރައްޔިތުންގެ ވެސް އެދުމާ އެކު މި ވިޔަފާރީގައި މުނައްވަރާއި ޒަކީ ބައިވެރިވެވަޑައިގަތުމަކީ ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަން ލިބޭނެ ކަމެއް ކަމުގައި ވަރަށް ބޮޑަށް ބެލެވިފައި އޮތެވެ.
ކޮންމެއަކަސް ވިލިގިލި އިންވެސްޓްމަންޓުން، ވިލިގިލި ރިސޯޓަކަށް ތަރައްގީ ކުރަން 4.5 މިލިއަން ޑޮލަރުގެ ލޯނެއް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގުމަށް ފަހުގައި ވެސް ރިސޯޓް ހެދުމުގެ މަސައްކަތް ކުރިއަށްދާ ތަން ފެނުނީ ލަސްކޮށެވެ. އަދި ސަރުކާރަށް ދައްކަން ޖެހޭ ކުލި ވެސް ދެއްކޭ ވަރެއް ނުވި އެވެ.
މިގޮތަށް އޮވެ ދުވަސްތަކެއް ދިގުލައިގެންދާ ނަމަ ބޯމަތިވަމުން އަންނަ ރިޔާސީ އިންތިހާގެ ކެމްޕޭނުގެ ތެރޭގައި އައްޑޫ މީހުން ސަރުކާރަށް (މައުމޫނަށް) ކުރިމަތި ކުރުވާނެ އެންމެ ބޮޑު ސުވާލަކީ ވިލިގިލީގެ މައްސަލަކަން ކަށަވަރެވެ. އެއީ އައްޑޫ މީހުންގެ އުންމީދެވެ. ވިލިގިލި ރިސޯޓަކަށް ހެދުން މައްސަލައަކަށް ހަދައިގެން ބަލަން ތިބެވޭކަށް ފުރުސަތެއް ނެތެވެ.
ވޭތުވެ ދިޔަ ފަސް ވަރަކަށް އަހަރުގެ ތެރޭގައި ވިލިގިލި އިންވެސްޓްމަންޓުން ސަރުކާރަށް ދައްކަން ޖެހޭ ކުލި ނުދައްކައި އޮތުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާގެ %50 ޕަސެންޓް މާފުކޮށް ދެއްވުމުން ވެސް ގާތްގަނޑަކަށް 25 މިލިއަން ރުފިޔާ ސަރުކާރަށް ދައްކަން ޖެހެ އެވެ.
މި ހުރިހާ ސަބަބުތަކެއް ކުރިމަތިވެފައި އޮތުުމުން ޓޫރިޒަމް މިނިސްޓްރީން ވިލިގިލި އިންވެސްޓްމަންޓާ އެކު ކޮށްފައިވާ އެގްރިމަންޓް ބާތިލް ކުރެއްވީ އެވެ. އަދި މޭ 19، 2005 ގައި މި ރަށް ސަރުކާރަށް ނެންގެވި އެވެ. އަދި ވިލިގިލި އިންވެސްޓްމަންޓުން އެގްރިމަންޓާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ ކުންފުނީގެ ދަރަންޏާ ސަރުކާރުން ޒިންމާވާން ނުޖެހޭނެ ކަމަށް ވެސް ކަނޑައެޅުއްވި އެވެ.
މި ރަށް ވިލިގިލި އިންވެސްޓްމަންޓަށް ދެއްވާފައިވާތާ ފަސް އަހަރުގެ ތެރޭގައި ކުންފުނީގެ މަސައްކަތާއި ބާރާ ވެސް އެކު މި ރިސޯޓް ހޯދުމަށް ގިރާ ކުރަން ޖެހޭ ބޮޑު ހުރަސްތައް ވެސް ގިރާކުރުމުގެ ކޮޅުމަތި ފެންނަން ފަށާފައިވެ އެވެ. އާދެ، ގަމުގެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތުގައި އިންޓަނެޝަނަލް ކުލަ ޖެހެން ފަށާފައިވެ އެވެ.
މި މުއްދަތުގެ ވިލިގިލި އިންވެސްޓްމަންޓަށް ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ މަޝްހޫރު ހޮޓެލް މެނޭޖްމަންޓް ކުންފުންޏެއް ކަމަށްވާ ޝަންގްރިއްލާ އާ އެކު މެނޭޖްމަންޓް އެއްބަސްވުމެއްގައި ސޮއި ކުރެވުމެވެ. ޝަންގްރިއްލާ އިން ވިލިގިލި ރިސޯޓް މާކެޓްކޮށް، ހިންގުމަށެވެ.
ވިލިގިލި އިންވެސްޓްމަންޓާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލުމަށް ފަހު އެންމެ ބޮޑު ހައިރާންކަމެއް ލިބިގެން ދިޔައީ ހަފުތާއެއްހާ ދުވަސް ނުވަނީސް ޝަންގްރިއްލާ އަށް ވިލިގިލި ދެއްވި ވާހަކަ އިއުލާން ކުރެއްވުމެވެ. ބިޑް ކުރުމެއް ނެތި އެވެ. މީގެ ފަސް އަހަރު ކުރިން ވިލިގިލި އިންވެސްޓްމަންޓަށް ވެސް މި ރަށް ދެއްވީ ކުއްޔަށެވެ.
ފުރަތަމަ 10 އަހަރު 6.92 ޑޮލަރަށެވެ. އެނދަކަށް އަހަރަކު ދައްކަން ޖެހޭ ޖެހޭނީ އެވްރެޖްކޮށް 1,729 ޑޮލަރެވެ. މިއީ ރާއްޖޭގެ އެންމެ ކުލި ކުޑަ ރިސޯޓެވެ. މި ފަހުން ކުއްޔަށް ދެއްވި ރާއްޖޭގެ ރިސޯޓްތަކުގެ އެވްރެޖް ކުއްޔަށް ބަލާ އިރު، 10 ގުނަ އަށް ވުރެ ވެސް ދަށް އަގެކެވެ.
ޖުލައި 14، 2005 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ 13 ވަނަ ޖަލްސާ އަށް ވިލިގިލި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މައްސަލަ ހުށަހެޅުނެވެ.
މި މައްސަލަ ހުށަހެޅުއްވީ އައްޑޫ މެމްބަރު އިބްރާހީމް ޝަރީފެވެ. މި ބިލްގެ ކޮމިޓީ ވަގުތުގަިއ މެމްބަރުން ދެއްކެވި ވާހަކަތައް ޖަވާބު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު ފާހަގަ ކުރެއްވި ނުކުތާތަކުގެ ތެރޭގައިވެ އެވެ. (ނުނިމޭ)
ނޯޓް: މިއީ ފޭދޫ އަލީ ފަހުމީ އަހުމަދު ސެޕްޓެމްބަރު 25، 2013 ގައި ނެރުއްވި "އައްޑޫ ގަން ހިންގުން" މި ފޮތެވެ.
"އައްޑޫ ލައިވް" ގައި މި ފޮތް ސިލްސިލާއެއްގެ ގޮތުގައި ޝާއިއު ކުރަން ހަދިޔާ ކުރެއްވި ކަމަށްޓަކައި، މި ނޫހުގެ ފަރާތުން ފަހުމީ އަށް ހާއްސަ ޝުކުރެއް އަރިސް ކުރަމެވެ.