ސޫރަޖް ބަރްޖަތިއާގެ އާ ފިލްމަށް ނީލް ނިތިން މުކޭޝް ވެސް ސޮއިކޮށްފި އެވެ.
ސަލްމާން ހާނާއި ސޯނަމް ކަޕޫރު ލީޑް ރޯލް ކުޅޭ މި ފިލްމުން ނީލް ފެނިގެން ދާނީ ސަލްމާންގެ ކޮއްކޮއެއްގެ ގޮތުގައި ކަމަށްވެ އެވެ. އަދި މި ފިލްމުގައި ސަލްމާން ކުޅޭނީ ޑަބަލް ރޯލެއް ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
"މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" ފަދަ އަސަރު ގަދަ އާއިލީ ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ސޫރަޖްގެ އާ ފިލްމުގެ މުހިއްމު ރޯލަކަށް ނީލް ހަމަޖެހުނު އިރު، އެ ރޯލް ފުރަތަމަ އޮފާ ކުރީ "ކޮމާންޑޯ" އާއި "ފޯސް" ފަދަ ފިލްމުތަކުން ފެނިފައިވާ ވަރުގަދަ ހަށިގަނޑުގެ ވެރިޔާ ވިދްޔަތު ޖަމްވާލަށެވެ.
އެހެން ނަމަވެސް އޭނާ ސޮއިކޮށްފައި ހުރި އިތުރު ފިލްމްތަކެއްގެ ސަބަބުން، ސޫރަޖްހެ ފިލްމަށް ވަގުތު ދެވޭ ގޮތެއް ނުވި އެވެ.
އަދި ވަކި ނަމެއް ހަމަޖެހިފައި ނުވާ މި ފިލްމުގެ މުހިއްމު ތަރިންނަށް ސަލްމާނާއި ނީލް އަދި ސޯނަމް ހަމަޖެހުނު އިރު، ސޯނަމް އާއި ނީލް ވަނީ މީގެ ކުރިން ވެސް އެކުގައި މަސައްކަތްކޮށްފަ އެވެ.
އެއީ 2011 ވަނަ އަހަރު އައްބާސް/މަސްތާން ގެނެސް ދިން "ޕްލެޔާޒް" ގަ އެވެ.
ސޫރަޖްގެ އާ ފިލްމުގެ ނަމަކީ "ބަޅޭ ބެއްޔާ" ކަމަށް މީޑިއާތަކުން ބުންޏަސް، އެ ފިލްމުގެ ނަމަކީ "ޕްރޭމް ރަތަން ދަން ޕާޔޯ" ކަމަށް މިއަދު ވަނީ އިއުލާންކޮށްފަ އެވެ.
ސޫރަޖް އެންމެ ފަހުން ބެލުންތެރުންތެރިންނާ ހަމައަށް ގެނެސް ދިން ފިލްމަކީ 2006 ވަނަ އަހަރު ރިލީޒްވި "ވިވާ" އެވެ.
އެ ފިލްމުގައި ލީޑް ރޯލް ކުުޅުނީ ޝާހިދު ކަޕޫރާއި އަމްރިތާ ރާއޯ އެވެ.