ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 2023 ގައި ރިޔާސީ އިންތިހާބަށް ވާދަކުރުން އެމްޑީޕީއަށް ރަނގަޅު ނޫން ކަމަށާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަކީ ވެރިކަމަށް ރުކުން ހަމަވާ ބޭފުޅެއް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
"އާސްކް ސްޕީކާ" ޕްރޮގްރާމްގައި އާންމު ފަރާތަކުން ވަނީ އެމްޑީޕީ ޕްރައިމަރީގައި ބަލިވެއްޖެނަމަ ޕްރައިމަރީ ކާމިޔާބު ކުރާ ކެނޑިޑޭޓަކަށް ރައީސް ނަޝީދު ތާއީދު ކުރައްވާނަންތޯ ސުވާލު ކޮށްފައެވެެ.
އެސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ކާމިޔާބު ނުވާނެ ކަމަށް ދެކިގެންނެއް އިންތިހާބަކަށް ކުރިމަތި ނުލައްވާ ކަމަށެވެ. އިންތިހާބުތަކުގައި ނިކުންނާނީ ކާމިޔާބު ކުރުމަށް ކަމަށާއި އަދި ކާމިޔާބު ކުރެވޭނެ ކަމަށް ދެކޭކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށެވެ. ރައީސް ސޯލިހް 2018 ގައި ވާދަކުރެއްވި އިރު އެފަހަރު އަބްދުﷲ ޝާހިދު ވެސް ބައްދަލުކުރެއްވި ކަމަށާއި، ކެނޑިޑޭޓެއްގެ ގޮތުގައި ނިކުތުމަށް ޝާހިދު އެދިވަޑައިގެންނެވި ކަމަށެވެ. އެހެންނަމަވެސް 2018 ގައި ނިކުތުމަށް އެންމެ ރަނގަޅީ ސޯލިހް ކަމަށް ދެންނެވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ޝާހިދު އަރިހުގައި ވެރިކަމަށް ކުރިމަތިލުން މަޑުކުރަން ދެންނެވި އިރު، ޝާހިދަކީ ވެރިކަން ކުރުމަށް ހުރިހާ ރުކުނެއް ހަމަވާ ބޭފުޅެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެމްޑީޕީން ރިޔާސީ ޓިކެޓްގައި ނިކުންނާނީ 3 ވަނަ ބޭފުޅެއް ތޯ އެކަން ކުރިއަށް އޮތް ހަފްތާތަކުގައި ސާފުވާނެ ކަމަށެވެ.