މީގެ ދެ އަހަރު ކުރިން މުމްބާއީގެ ރެސްޓޯރެންޓެއްގެ ތެރޭގައި ހިންގި މާރާމާރިއަކާ ގުޅިގެން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ހާންގެ މައްޗަށް ދައުވާ ކުރަން ނިންމައިފި އެވެ.
މި ހާދިސާ ހިނގާފައި ވަނީ ސައިފާއި އޭނާގެ އަންހެނުން ކަރީނާ ކަޕޫރާއި [ހާދިސާ ހިނގި އިރު އަދި ކަރީނާ އާއި ސައިފް ކައިވެންޏެއް ނުކުރޭ] އަރްބާޒް ހާންގެ އަންހެނުން މަލައިކާ އަރޯރާ އާއި އޭނާގެ ކޮއްކޮ އަމްރިތާ ރާއޯގެ ފިރިމީހާ ޝަކީލް ލަޑަކް އާ އެކު ރޭގަނޑުގެ ކެއުމަކަށް ތާޖް ހޮޓެލް ރެސްޓޯރެންޓަަށް ގޮސް އުުޅުމުގެ ތެރޭގަ އެވެ.
ސައިފް މާރާމާރީ ހިންގާފައި ވަނީ ސައުތު އެފްރިކާގައި ދިރިއުޅޭ އިންޑިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ އިގްބާލް ޝަރްމާ (ފޮޓޯގައި) އާ އެވެ. މި ކުރިމަތިލުމުގައި ސައިފް ވަނި އިގްބާލުގެ މޫނުމަތީގައި ޖަހައި އޭނާގެ ނޭފަތް ވެސް ފަޅާލައިފަ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ ސައިފްމެން ކާން ތިބި މޭޒާ ކައިރީގައި އިން މޭޒެއްގައި އިގްބާލް އިން އިރު، އޭނާ އަށް އުނދަގޫވާ ވަރަށް އަޑު ހަރުކޮށް އެ މީހުން ވާހަކަ ދައްކައި، ހީ ސަމާސާކޮށް ހެދުމުން، އިގްބާލް އެ މީހުން ކައިރި އަށް ގޮސް ޝަކުވާ ކުރުމުންނެވެ.
އަދި ރެސްޓޯރެންޓް ތެެރޭގައި އަޑު ގަދަ ކުރާތީ އުނދަގޫވާ ކަމަށް އިގްބާލް ބުުނުމުން، ރައްދުގައި ސައިފް ވަނީ "އަޑު މަޑު ތަނަކަށް ކަލޭ ދާން ބޭނުންވާ ނަމަ ލައިބްރަރީއަކަށް ދާށޭ" ބުނެފަ އެވެ.
މި ރައްދާ ގުޅިގެން އެ ދެ މީހުންގެ މެދުގައި ހޫނު ޒުވާބުގަނޑެއް ހިނގުމަށް ފަހު، ސައިފް އެންމެ ފަހުން އިގްބާލްގެ މޫނުމަތީގައި ޖެހީ އެވެ. އަދި މި މައްސަލަ، އިގްބާލް ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން ސައިފް ހައްޔަރު ވެސް ކުރި އެވެ.
ނަމަވެސް ކަފާލާތުގެ ދަށުން އޭނާ ވަނީ ފަހުން ދޫކޮށްލައިފަ އެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި ސައިފްގެ މައްޗަށް މިހާރު ދައުވާ ކުރަނީ އިންޑިއާގެ ގާނޫނުލް އުގޫބާތުގެ 325 ވަނަ ބާބުގެ 34 ވަނަ މާއްދާގެ ދަށުންނެވެ.
ސައިފްގެ މައްޗަށް ކުރާ ދައުވާގެ އަޑު އެހުންތައް އެޕްރީލް މަހުގެ 30 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.