Last Updated: November 27, 01:11
Tuesday, November 26, 2024
މުނިފޫހިފިލުވުން

"މެޑަމްޖީ" އަކީ ޕްރިޔަންކާ

"ފެޝަން" އިން ޕްރިޔަންކާ ޗޯޕްޅާ އަށް އެންމެ މޮޅު ބަތަލާގެ ގައުމީ އެވޯޑް ހޯދައި ދިން، ޑައިރެކްޓަރު މަދުރު ބަންދާކަރުގެ އާ ފިލްމް "މެޑަމްޖީ" ގެ ބަތަލާއަކީ ޕްރިޔަންކާކަން މަދޫރު ކަށަވަރުކޮށް ދީފި އެވެ.

އޭނާ ބުނީ 2008 ވަނަ އަހަރު ރިލީޒް ކުރި "ފެޝަން" އަށް ފަހު، އިތުރު ފިލްމެއްގައި ޕްރިޔަންކާ އާ އެކު މަސައްކަތް ކުރަން ވަރަށް ބޮޑަށް ބޭނުންވެގެން ދެ މީހުން އެކަމާ ވަރަށް ބޮޑަށް މަަޝްވަރާ ކުރަމުން ދިޔަ ކަމަށެވެ.

ނަމަވެސް ރަނގަޅު ސްކްރިޕްޓެެއް ނެތުމާއި ޕްރިޔަންކާގެ ޝެޑިއުލް ވެސް ޓައިޓްކަމުން ކުރިއަށް ނުދެވިފައި އޮތީ ކަމަށް، އާންމުކޮށް އަންހެނުންގެ މައްސަލަތަކަށް ބިނާކޮށް ފިލްމް ހަދަން މަޝްހޫރު މަދުރު ބުންޏެވެ.

"ފެޝަން" ގައި ދައްކުވައި ދިނީ އިންޑިއާގެ ސްޕަމޮޑެލުންގެ ހަޔާތުގެ އަނދިރި ފަރާތެވެ.

HJNB (1)

"އެހެން ނަމަވެސް މެޑަމްޖީގެ ސްކްރިޕްޓާ ދޭތެރޭ ޕްރިޔަންކާ ހުރީ ވަރަށް ހިތްހަމަޖެހިފައި. މިހާރު ބަލަމުން މި އަންނަނީ ޕްރިޔަންކާގެ ޑޭޓްސް މި ފިލްމަށް ފިކްސް ކުރާނެ ގޮތަކާ ދޭތެރޭ. އޭނާ ވަރަށް ބިޒީކޮށް އުޅެނީ،" މަދުރު ބުންޏެވެ. "އެހެންވީމާ ހުރިހާ ކަމެއް ހަމައަކަށް އެޅުނީމަ ޕްރިޔަންކާ އާ އެކު މެޑަމްޖީގެ މަސައްކަތް ފަށާނަން."

ފިލްމުގެ ވާހަކަ އާ ބެހޭ ގޮތުން މަދުރު އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އެކަމަކު މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން "މެޑަމްޖީ" ބިނާކޮށްފައި ވަނީ އައިޓަމް ގާލްއަކުން ނުފޫޒު ފަދަ ސިޔާސީ ލީޑަރަކަށް ބަދަލުވާ އަންހެނެއްގެ މައްޗަށެވެ.

މަދުރު އެންމެ ފަހުން ގެނެސް ދިން ފިލްމަކީ ކަރީނާ ކަޕޫރު ލީޑް ރޯލް ކުޅުނު "ހިރޮއިން" އެވެ. އެކަމަކު އެ ފިލްމުވީ ބޮޑު ފްލޮޕަކަށެވެ.