(މާޗް 13، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
1. އއްޑޫ ވިލިގިލި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ފެށުނު އިރަކީ ދުރު ހިސާބުތަކުގައި ރިސޯޓްތައް ހެދިފައިވާ ރަށަކަށް ނުވުމާއި މުވާސަލާތާއި ދަތުރުފަތުގެ ކަންތައްތައް މާ ތަރައްގީވެފައިވާ އިރަކަށް ނުވާތީ، އޭރު އެކަމަށް ޝައުގުވެރިވީ މަދު ބައެއް ކަމަށާއި އެ ފަރާތްތަކުން އެކަށީގެންވާ ބިޑް ހުށަހަޅާފައި ނުވާކަން.
2. ވިލިގިލި ނިމެންވާ އިރަށް ކަނޑައަޅާފައިވާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން މެދުނުކެނޑި ކުރިއަށް ގެންވަދައި ނިންމާފައިވާކަން.
3. ސަރުކާރަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރެއްވި ކަމަށާއި ޝަންގްރިއްލާ އާ ހަވާ ކުރެއްވީ، އެކަމަށް ކުރިމަތިލާނެ އެހެން ފަރާތެއް ނުވެދާނެތީ އާއި އެކަން އަވަސް ކުރެއްވުމަށް.
ޝަންގްރިއްލާ އަށް މިހާ ބޮޑު ނަސީބެއް މި ލެއްވީ ހާލަތު މެދުވެރި ކުރުވި ސާއަތަކާ ދިމާވީ ކަމަށް ވެދާނެ އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ކުޑަތަން ވަމުން އަންނަ އިރު،ގަމުގައި ހިންގި ފެކްޓްރީތައް ހުއްޓާލުމުގެ ސަބަބުން ވަޒީފާ ގެއްލިގެން ދިޔަ އެތައް ބައެއްގެ ޝަކުވާގެ އަޑު އައްސަވަން ޖެހިވަޑައިގަންނަވާނެތީ އެވެ.
އައްޑޫގައި ސަރުކާރުން ގާއިމު ކުރައްވާފައިވާ ބޮޑެތި އިންވެސްޓްމަންޓްތައް ނުވަތަ ސަރަހައްދީ ބަނދަރާއި އެއާޕޯޓާއި ލިންކް ރޯޑް ފަދަ އެތައް މިލިއަން ރުފިޔާގެ އިންފްރާސްޓްރަކްޗަތަކުގެ ބޭނުމެއް ނުހިފި ބޭކާރުވެފައިވާތީ އެވެ.
މި ދެންނެވި ތަންތަނުގެ ބޭނުން ސީދާ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ފޯރުވައި ނުދެެވޭ ވާހަކަ އެވެ. އިގުތިސާދީ ފައިދާ ނުލިބޭ މިފަދަ އަގު ބޮޑު ވަސީލަތްތައް ގާއިމުވެފައި ހުރުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލް ކުރެވެމުން ދިޔަ ދުވަސްވަރާއި ރިޔާސީ އިންތިހާބާ ދިމާވުމެވެ. އެއީ އައްޑޫ މީހުންނަށް ހެޔޮ ފާލަކަށް ވެގެން ދިޔަ އެވެ.
މިފަދަ ގޮތަކަށް ވިލިގިލި އިންވެސްޓްމަންޓްގެ ވިޔަފާރި ސައްތަ އިން ސައްތަ ދިވެހި އިންވެސްޓްމަންޓަކުން ފޮރިން
އިންވެސްޓްމަންޓަަކަށް ބަދަލުވެގެން ދިޔައީ އެވެ. އެ ކުންފުންޏަށް އެންމެ ބޮޑު ހަރު މުދަލުގެ ގޮތުގައި ލިބިފައިވާ މައުމޫނުގެ ސަރުކާރުގެ ދެ ވަޒީރުންގެ ބޭނުމެއް ނުވަތަ ފައިދާއެއް ކުންފުންޏަކަށް ނުހިފުނެވެ.
އަދި އެ ބޭފުޅުންގެ ހިއްސާ ވެގެން ދިޔައީ ކުންފުނީގެ ރައުސުލްމާލުން ގުނަވަނެއްގައި ޖެހުނު ކެންސަރަކަށެވެ. ވީމާ އެ ގުނަވަނެއް ކަނޑާލައިގެން މެނުވީ ކުންފުންޏަށް ދިރި އޮވެވޭކަށް ނެތެވެ.
ޖެހިގެން އައި ރިޔާާސީ އިންތިހާބަށް ފަހު، މައުމޫން ވެރިކަމުގެ ހަ ވަނަ ދައުރަކަށް ވަޒީރުންގެ މަޖިލިސް އެކުލަވާލެއްވި އިރު، ޑރ. މުނައްވަރާއި އިބްރާހީމް ހުސައިން ޒަކީ ބާކީކޮށް، ބޭރުކޮށްލެއްވުމުން މިވީ ގޮތް އެންމެންނަށް ވަރަށް ރަނގަޅަށް ހާމަވެގެން ދިޔަ އެވެ.
އަދި ހަމަ މި ދުވަސްކޮޅުގެ ތެރޭގައި ވިލިގިލި އިންވެސްޓްމަންޓުގެ އަނެެއް ހިއްސާދާރު، އެނާޖީ ޓުއާސްގެ ޗެއާމަން ބިސް މަނިކު ރައީސް މައުމޫންގެ ހުވަފަތް ކޮއްކޯފުޅަކާ ކައިވެނި ބައްލަވައިގަތެވެ.
ދިގު 25 އަހަރަށް ފަހު ރިޔާސީ ހަ ވަނަ ދައުރަކަށް ތާއީދު ހޯއްދެވުމަށް ރައީސް މައުމޫން ވަޑައިގެންނެވި ރަށްރަށުން އެނގިވަޑައިގެންނެވި އެއް ކަމަކީ ފަތުރުވެރިކަމުގެ ސިނާއަތު ވަކި ސަރަހައްދެއްގައި ހިފަހެއްޓިފައި ނުވަތަ ކޮންޓްރޯލް ކުރެވިފައި އޮންނަ އޮތުމާ މެދު ރާއްޖެތެރޭގެ ވަރަށް ގިނަ ބަޔަކު ހިތްހަމަނުޖެހޭ ކަމެވެ.
މި އިންތިހާބް ކާމިޔާބް ކުރެއްވުމަށް ފަހު، އިއުލާން ކުރެއްވުނު އެންމެ މުހިއްމު އެއް ކަމަކީ ރާއްޖޭގެ ކަންކޮޅުތަކަށް މި ސިނާއަތު ފުޅާ ކުރެއްވުމެވެ. ރާއްޖޭގެ އުތުރާއި ދެކުނުން އެތަކެއް ރަށެއް ބީލަމަށް ލެއެވުމަށް ނިންމެވުމެވެ.
މި ނިންމެވުމަކީ ފަތުރުވެރިކަމުގެ މުޅި ސިނާއަތަށް ކުއްލި ސިހުމެއް ލިބިގެން ދިޔަ ކަމަކަށް ވިޔަސް، މި މައްސަލައަކީ ރައީސް މައުމޫންގެ ސަރުކާރަށް ފާޑު ވިދާޅުވާ އިދިކޮޅު ސިޔާސީ ބޭފުޅުން ވެސް ފާހަގަ ކުރައްވާ މައްސަލައެކެވެ. އަދި އެހެން ނޫނަސް 2004 ވަނަ އަހަރު ނިމެމުން ދަނިކޮށް އެރި ސުނާމީގެ ބޮޑު ރާޅުގައި ދޮވެ އަވަދިކޮށްފައިވާ ރާއްޖޭގެ އިގުތިސާދާއި މި ސިނާއަތު ނެގެހެއްޓުމަށް މި ފިޔަވަޅު އެޅުއްވުން ވަރަށް މުހިއްމުވީ އެވެ.
ފަހުން ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް ރާއްޖޭގެ އެކި ހިސާބުތަކުން ފަތުރުވެރިކަން ތަރައްގީ ކުރަން މި ބީލަމަށް ލެއްވިރަށްރަށުން އަހަރު ދުވަހަށް އެޑްވާންސްގެ ގޮތުގައި ކުލި ނެންގެވުމުން، އިދެޖެހިފައި އޮތް އިގުތިސާދަށް ހިންދެމިލެވޭ ވަރުގެ ނަފާއަކަށްވި އެވެ.
މި ސިޔާސަތުގެ ދަށުން ރިސޯޓް ހަދަން ބީލަމަށް ލެއްވި 11 ރަށުގެ ތެރޭގައި ހުވަދު އަތޮޅުގެ ހަތަރު ރަށެއް ވެސް ހިމެނިގެން ދިޔަ އެވެ. އެއީ ގަ. ފުނަމައުއްޑުއާ އާއި ހަޑަހާ އަދި ގދ. ކޮނެއްޓާ އާއި ލޮނުދުވަހުއްޓާ އެވެ. (ނުނިމޭ)
ނޯޓް: މިއީ ފޭދޫ އަލީ ފަހުމީ އަހުމަދު ސެޕްޓެމްބަރު 25، 2013 ގައި ނެރުއްވި "އައްޑޫ ގަން ހިންގުން" މި ފޮތެވެ.
"އައްޑޫ ލައިވް" ގައި މި ފޮތް ސިލްސިލާއެއްގެ ގޮތުގައި ޝާއިއު ކުރަން ހަދިޔާ ކުރެއްވި ކަމަށްޓަކައި، މި ނޫހުގެ ފަރާތުން ފަހުމީ އަށް ހާއްސަ ޝުކުރެއް އަރިސް ކުރަމެވެ.