"ވާރޭ ވެހެންޏާ މިސްކިތުގެ އެތެރޭގެ އެތަން މިތަނުގައި މި ޖެހެނީ ބާލަދީ ބަހައްޓަން. މިއީ އަބަދު ވެސް މިތަނުގެ ހާލު. ކިތަންމެ ކުޑަކުޑަކޮށް ވާރޭ ވެހުނަސް މިސްކިތުގެ ތެރެއަށް އޮންނާނީ ލީކްވޭވޭ،" ފޭދޫ މަސްޖިދުލް އައްވާބީން އަށް އާންމުކޮށް ނަމާދަށްދާ އުމުރުން ދުވަސްވީ މީހަކު ބުންޏެވެ. "މިކަން ހައްލުކޮށް ދޭކަށް އެއްވެސް ބަޔަކު މަސައްކަތެއް ނުކުރޭ. ވަރަށް އުނދަގޫ އެހެންވެ ވިއްސާރަ މޫސުމުގައި މި މިސްކިތުގައި ނަމާދު ކުރަން."
މިއީ މާދެލަ އަވަށު މަސްޖިދުލް އައްވާބީނަށް ދާ އެތައް ބައެއްގެ ކަންބޮޑުވުން ތަކެވެ. މިސްކިތު ތެރެއަށް ފެން ލީކްވާތީ، ނަމާދު ކުރަން ޖެހެނީ ވަރަށް ހާލުގަ އެވެ. ހާއްސަކޮށް، ނަމާދު ވަގުތަކާ ދިމާކޮށް ވާރޭ ވެހޭ ނަމަ، ޖަމާއަތް ހަދަން ޖެހެނީ މިސްކިތުގެ ކޮންމެ ވެސް އެއް ދިމާއެއްގަ އެވެ.
އާންމުކޮށް މިސްކިތު ތެރެއަށް ލީކް ވަނީ މިސްކިތުގެ މެދާ ދިމާއިންނެވެ. އަދި އެ ދިމާލުގައި އޮންނަ ޗަންދަލިއާ ވެސް އޮންނަނީ ވާރޭ ފެން ޖެހިޖެދި ދަބަރު ޖަހައިފަ އެވެ. އެ ދިމާލުން ވަރަށް ބޮޑަށް ލީކްވާތީ، ބިން މަތީގެ އެކި ދިމަދިމާލުގައި ބާލިދީ އަތުރަން ޖެހެ އެވެ. ފެން މިސްކިތުތެ ތެރެއަށް ދިޔަ ނުދިނުމަށްޓަަކައި، އެކި ތަންތަނގާއި ފޮތި އަޅަން ޖެހެ އެވެ.
އަދި އިމާމު ނަމާދު ކުރަން ހުންނަ ދިމާ އިން ވެސް ވަރަށް ބޮޑަށް ލީކްވެ އެވެ.
މަސްޖިދުލް އައްވާބީންއަކީ ފޭދޫގެ ވިޔަފާރިވެރިއެއް ކަމަށްވާ ވިމްލާ އިބްރާހީމް ރަޝީދު އެ ރަށުގައި އިމާރާތްކޮށް ދެއްވި މިސްކިތެކެވެ. ހަނދާންވާ ގޮތުން މިސްކިތް ނިންމައި ބޭނުން ކުރަން ފެށީ 1998 ހިސާބުގަ އެވެ.
މިސްކިތް ބަލަހައްޓަނީ ފޭދޫ އަވަށު އޮފީހުންނެވެ.
އެހެން ނަމަވެސް މި މިސްކިތް ބޭނުން ކުރަން ފެށިތާ މާ ގިނަ ދުވަހެއް ނުވެ މިތަނުގެ ފުރާޅުން ވަނީ ލީކްވާން ފަށައިފަ އެވެ.
އެކަމަކު މިކަން ހައްލު ކުރާކަށް މިހާތަނަށް މަސައްކަތެއް ކޮށްފައެއް ނެތެވެ.
ވާރޭ ވެހިލާ އިރަށް މުދިމަށް އަބަދު ޖެހިފައި އޮންނަނީ މިސްކިތުގެ ތެރޭގައި ބާލިދީ އަތުރައިގެން ހާލެއްގައި އުޅޭށެވެ.
"އަމިއްލަ މީހަކު އިމާރާތްކޮށް ދިން މިސްކިތެއް. އެކަމަކު މިތަނުގެ ހުރިހާ ޒިންމާއަކާ ހަވާލުވެފައި އޮންނަނީ އަވަށު އޮފީހާ. އެތަނުން ވެއްޖެ ފުރާޅުން ލީކްވާ މައްސަލަ އަށް ހައްލެއް ހޯދައި ދޭން. ކޮންމެ ރޯދަ މަހަކާ ދިމާކޮށް ވެސް އާބާތުރަ ފިލުވުމުގެ މަސައްކަތް ވެސް ކުރޭ،" އާންމު މީހަކު ބުންޏެވެ. "އެކަމަކު މިސްކިތަށް ދިމާވެފައި އޮތް އެއް މައްސަލަ އަށް ހައްލެއް ހޯދައި ނުދެވޭ. މިއީ ވަަރަށް ދެރަ ކަމެއް. މީގެ ސަަބަބުން އެތައް ބަޔަަކަށް އެބަ އުނދަގޫވޭ."