Last Updated: November 24, 19:19
Sunday, November 24, 2024
ރިޕޯޓް

އައްޑޫ "ގަން" ހިންގުން (28)

(މާޗް 14، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ރައީސް މައުމޫން ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވައި ކެމްޕޭންގެ ވާހަކަފުޅާއިގެން ދަތުރު ކުރެއްވުމުގެ ތެރޭގައި 1992 ވަނަ އަހަރު ވެސް ފަތުރުވެރިކަމުގެ އައު ސިޔާސަތެއް ކަނޑައެޅުއްވި އެވެ.
އެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ތަފާތު ސަރަހައްދުތަކަށް މި ސިނާއަތު ފުޅާ ކުރެއްވުމަށް އިއުލާން ކުރެއްވި އެވެ. އެ ފަހަރު ފުރަތަމަ އަތޮޅަކަށް ހަމަޖެއްސެވީ ވެސް އައްޑު އެވެ. ނަމަވެސް އެ ނިންމެވުމަކަށް އަމަލީ ސިފައެއް ނާދެ އެވެ.

އޭގެ ހަ އަހަރު ފަހުން އައްޑު ވިލިގިލި ރިސޯޓަކަށް ހެދުމަށް ބީލަމަށް ލެއްވީ 1998 ވަނަ އަހަރު އެވެ. ވިލިގިއްޔާ އެކު ބީލަމަށް ލެއްވި 15 ރަށުގެ ތެރެއިން 2000 ވަނަ އަހަރު ނިމުނު އިރު 12 ރަަށެއް ނިމި، ރިސޯޓްގެ ގޮތުގައި ހިންގަން ފަށާފައިވެ އެވެ.

ހަންކެޑެ

އައްޑޫގައި ފަތުރުވެރިކަން އާލާކޮށް ވަޒީފާގެ ފުރުސަތު އިތުރު ކުރެއްވުމަށްޓަކައި ރިސޯޓް ހެދުމަށް އެ އަތޮޅު ވިލިގިލި ދޫކޮށް އެ ރަށުގައި މަސައްކަތް ފެށިފައި ވަނިކޮށް، ހަންކެޑެ އޭ ކިޔާ ރަށުގައި 100 އާއި 160 އެނދުގެ ސިޓީ ހޮޓަލެއް ހެދުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބިދް ކުރައްވައި އެންމެ އެކަށީގެންވާ ހުށަހެޅުމެއް ހުށަހެޅުއްވުނީ ދިވެހި ކުންފުންޏަކަށެވެ. އެއީ ތޫނޑު ޕްރައިވެޓް ލިމިޓެޑް އެވެ.
އެ ކުންފުންޏާ މި ރަށް ހަވާލު ކުރެއްވުމަށް ފަހުގައި ވެސް، ވިލިގިއްޔެކޭ އެއްފަދައިން މި ރަށުގައި ވެސް މަސައްކަތެއް ނުފެށި، އެއްބަސްވުމާ ހިލާފުވެފައިވާތީ އެ ފަރާތުން ވެސް ރަށް ވަކި ކުރެެއްވީ އެވެ. އަދި އަލުން އެހެން ފަރާތަކާ ރަށް ހަވާލު ކުރެއްވި އެވެ. ނަމަވެސް އަދި އަދަށް ދާންދެން ވެސް އެ ރަށް އޮތީ ހަމަ އޮތް ގޮތަށެވެ.

ހެރަތެރަ

ދެހާސް ފަސް ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައިި ބީލަމަށް ލައްވަން ނިންމެވި ހެރެތެރައިގައި ރިސޯޓެއް ހަދަން ހަވާލު ކުރެއްވީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ އެވެ.
އެ ރަށް އެމްޓީޑީސީ އަށް ދެއްވީ އެ ކުންފުންޏަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށްވެފައ ސަރުކާރުގެ ވިސްނުންފުޅާ އެއްގޮތަށް އެ ރަށް ތަރައްގީކޮށް ހިންގޭނީ އެމްޓީޑީސީ އާ ހަވާލުކޮށްގެން ކަމަށްވާތީ އެވެ.
އެންމެ ބޮޑަށް ބެލެވެނީ އެގޮތަށެވެ.
ސިޔާސީ ޕާޓީތައް ރަޖިސްޓްރީވެ، ގައުމުގެ އެންމެހައި ރަައްޔިތުންހެން ސިޔާދީ ހަލަބޮލިކަމުގެ ތެރޭގައި ދެން ވާނީ ކިހިނެއްތޯ ބަލަބަލާ ތިބި ދުވަސްވަރެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ މިނިވަންކަމާ އެކު ޕާޓީ ނިޒާމަކުން ހިންގާ ވެރިކަމަކަށް އިންތިހާބް ކުރާ ރައީސަކު ހޮވުމަށް ތައްޔާރުވަމުން ދަނީ އެވެ.
އައު ގާނޫނު އަސާސީއަކުން ބާރު ލިބިދިން ސިޔާސީ މުއައްސަސާތައް ރައްޔިތުންނަށް ކަށަވަރުކޮށްދޭ ރައްޔިތުންގެ ވެރިކަމެއްގެ ފޮނިމީރުކަން ލިބިގަތުމަށް މީސްތަކުން ކެތްމަދުވެފައި ތިބި ދުވަސްވަރެކެވެ.

ރާއްޖޭގެ އާބާދީގެ އެންމެ ބޮޑު އަތޮޅުގައި ރައީސް މައުމޫން ރައްޔިތުންނަށް ތަނަވަސްކަމާއި ވަޒީފާގެ ފުރުސަތުތައް ހޯއްދަވައި ދެއްވުމަށް އެތަކެއް ފަހަރުމަތިން ވެވަޑައިގެންފައިވާ ވައުދުތައް ނުފުއްދި އޮތުމަކީ މިފަދަ ދުވަސްވަރެއްގައި ސަރުކާރަށް ގަބޫލް ކުރެވޭނެ ކަމެއް ނޫނެވެ. އެއީ 25 އަހަރުން ސަރުކާރަށް ނުކުރެވޭ ވަރުގެ ކަންތައްތަކެއް ނޫނެވެ.

ވުމާއެކު 2008 ގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ އިރު، ހެރަތެރަ ފަދަ ބޮޑު ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީވެ، ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބިފައި އޮތުން މަޖުބޫރުވެ ވަޑައިގަތީ އެވެ. ރިސޯޓް ހަދަމުންދާ ވިލިގިލީގެ މަސައްކަތް ވެސް އެ ހިސާބަށް ނިމި، ރަށް ހުޅުވޭ ވަރު ވާނެ ކަމަށް ނުފެންނާތީ އެވެ.

ވިލިގިއްޔާއި ގަމުގެ އެއާޕޯޓް އިންޓަނެޝަނަލްކޮށް، ބޮޑެތި ފްލައިޓްތައް ޖެއްސޭ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ހިނގަމުން ދިޔައީ ވަރަށް ބާރަށެވެ. ނަމަވެސް އެވަރަކުން ނުފުދޭނެ ކަމަށް ފެނިވަޑައިގެން ހެރަތެރައިގެ މަސައްކަތް ވެސް ވަރަށް ބާރަށް ގެންދަވަން ފެއްޓެވި އެވެ.
ހެރަތެރަ ހެއްދެވުމުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެން ރާއްޖޭގެ މަޝްހޫރު އޯނަރުންގެ ތެރެއިން ތިން ބޭފުޅަކު ވަރަށް އިސްވެ، މަސައްކަތް ކުރައްވަމުން ގެންދެވި އެވެ. އެއީ ޗަމްޕާ ހުސައިން އަފީފާއި ކޮލި މުހައްމަދު އުމަރު މަނިކާއި ޑިމްސް މުހައްމަދު ސޯލިހެވެ. އަފީފަކީ އޭރު އެމްޓީޑީސީގެ ޗެއާމަނެވެ. ސޯލިހަކީ މެނެޖިން ޑިރެކްޓަރެވެ. (ނުނިމޭ)

ނޯޓް: މިއީ ފޭދޫ އަލީ ފަހުމީ އަހުމަދު ސެޕްޓެމްބަރު 25، 2013 ގައި ނެރުއްވި "އައްޑޫ ގަން ހިންގުން" މި ފޮތެވެ.
"އައްޑޫ ލައިވް" ގައި މި ފޮތް ސިލްސިލާއެއްގެ ގޮތުގައި ޝާއިއު ކުރަން ހަދިޔާ ކުރެއްވި ކަމަށްޓަކައި، މި ނޫހުގެ ފަރާތުން ފަހުމީ އަށް ހާއްސަ ޝުކުރެއް އަރިސް ކުރަމެވެ.