ރީތިވުމަށް ބޭނުންވާ ތައްޔާރީ އުފެއްދުންތަކަށް ވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅީ ގުދުރަތީ އެއްޗެހި ބޭނުންކުރުމެވެ.
އެކަމަކު ފިހާރައިން ގަނެލަން ފަސޭހަކަމުން ގިނަ މީހުން އަމިއްލައަށް ތައްޔާރުކޮށް އެފަދަ އެއްޗެހި ބޭނުން ކުރުމަކަށް ސަމާލުކަމެއް ނުދެ އެވެ.
އަދި ވަގުތުގެ ދަތިކަމާ އެކު އެފަދަ އެއްޗެހި ތައްޔާރު ކުރުމަކީ ދަތިކަމަށް ބައެއް ފަހަރުވެ އެވެ. އެކަމަކު ރީތިވުމަށްޓަކައި ފޭޝަލް މާސްކުތައް ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވެ އެވެ.
ކާއްޓަކީ ރާއްޖޭގައި އާންމު އެއްޗެކެވެ. ގިނަ މީހުން ކާށި ބޭނުން ކުރަނީ ކާނާގެ ބާވަތްތައް ތައްޔާރު ކުރުމަށެވެ. ނަމަވެސް ކާއްޓަކީ ތަފާތު އެހެން ގޮތް ގޮތަށް ވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ރީތިވުމަށް ކާށި ބޭނުން ކުރެވިދާނެ އެވެ.
ކާށި ކިރަކީ (ކްލީނިން އެޖެންޓެއް) ގެ ގޮތުގައި މޫނު ސާފު ކުރުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ކާށި ކިރުގައި ތެޔޮ ހުރި ނަމަވެސް އެއިން މޫނު ދޮވެލުމުން މޫނުގައި ހުންނަ ތެޔޮކަން ކެނޑި މޫނުގައި ހުންނަ ހަޑިތައް ސާފުވެ އެވެ. މޫނުގެ ހަންގަނޑު މަޑުވެ ރީތިވެ އެވެ.
ބާޒާރުގައި ވިއްކަން ހުންނަ ގިނަ އެއްޗެހި ތައްޔާރުކޮށްފައި ހުންނަނީ ގުދުރަތީ މާއްދާ އާއި އާޓިފިޝަލް މާއްދާތައް އެއްކޮށްގެންނެވެ. ކާށިން ވެސް މިފަދަ ތަކެތި ތައްޔާރުކޮށްފައި ހުރެ އެވެ.
އެފަދަ ކޮންމެ އެއްޗެއް ގަތުމުގެ ކުރިން އޭގައިވާ ލޭބަލް ކިއުމަށް ސަމާލުވާށެވެ. ކާށި ބޭނުން ކޮށްގެން ތައްޔާރުކޮށްފައިވާ ކްލީނާ އަކީ ހަންގަނޑަށް ވަރަށް ފައިދާ ހުންނަ ބާވަތްތަކެވެ. އެކަމަކު މަދުން ނަމަވެސް އެފަދަ ކްލީނާ އިން ގެއްލުން ލިބޭ ފަދަ އާޓިފިޝަލް މާއްދާތައް ހުންނަ ތަން ފެނެ އެވެ.
ކޮންމެ އެއްޗެއް ވެސް ގަތުމުގެ ކުރިން ލޭބަލް ކިއުމަށް ހަނދާން ބަހައްޓާށެވެ. ކޮކްނަޓް ފެއިޝަލް ކްލީނާއެއް ގަންނަ އިރު ފުރަތަމަ ކަމަކަށް ސަމާލުކަން ދޭންވީ ލޭބަލްގައި "އޯގެނިކް ކޮކްނަޓް މިލްކް" ތޯ ބެލުމެވެ. ކާށިކިރު އާޓިފިޝަލް އެއްޗަކާ އެއްކުރުމުން އެއިން ލިބެންވާ އަސްލު ފައިދާގެ ބޮޑު ބައެއް ގެއްލެ އެވެ. ވުމާއެކު އެންމެ ރަނގަޅީ އޭގެ އަސްލު ފައިދާ ލިބޭ ގޮތަށް އެ ބޭނުން ކުރުމެވެ.
ކުރިން ދެންނެވި ގޮތަށް ކާށި ކިރު ކްލީނިންގެ އެޖެންޓެއްގެ ގޮތުގައި ބޭނުން ކުރެވެ އެވެ. އަދި ފޭޝަލް މާސްކެއް ވެސް ކާށި ކިރުން ތައްޔާރު ކޮށްލެވިދާނެ އެވެ.
އެގޮތުން އާމަންޑް ޕައުޑާ އާއި ކާށި ކިރު އެއްކޮށް ޕޭސްޓެއް ތައްޔާރު ކުރާށެވެ. މޫނާއި ކަރުގައި އުނގުޅުމަށް ފަހު ހިކުމުން ދޮވެލާށެވެ. މިގޮތަށް ހެދުމުން މޫނުގެ ހަނގަނޑު އޮމާންވެ ރީތިވާނެ އެވެ.