Last Updated: February 5, 10:55
Wednesday, February 5, 2025
ވިޔަފާރި

މީދޫ ދަނޑު ބިންތަކަށް ކަރަންޓް ލަނީ

މީދޫގެ ދަނޑުވެރިކަން ކުރާ ސަރަހައްދަށް ކަރަންޓްގެ ހިދްމަތް ފޯރުކޮށްދޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ހުޅުމީދޫގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ކައުންސިލުން ކުރި ދަތުރުގައި މީދޫގެ ދަނޑުވެރިންނާއި ބައްދަލުކޮށް ކައުންސިލުން ބުނީ ދަނޑުބިން ސަރަހައްދުގެ ބިން ވަކިކޮށް، ރެޖިސްޓްރީކޮށް އެހިސާބުގަނޑަށް ކަރަންޓްގެ ހިދްމަތް މިހާރުގެ ކައުންސިލުން ފޯރުކޮށްދޭނެ ކަމަށެވެ.

ހުޅުމީދޫ ދާއިރާގެ ކައުންސިލަރު އަލީ މުހައްމަދު (އައްދު) ވިދާޅުވީ ދަނޑުވެރިންގެ ކަންކަން ކައުންސިލުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާނެކަމަށެވެ.

މީދޫގެ ދަނޑުވެރިން ބުނީ ދަނޑު ބިންތަކަށް ކަރަންޓްގެ ހިދްމަތް ލިބިއްޖެނަމަ، ވަރަށް ބޮޑުތަން ފަސޭހަ ވެގެންދާނެކަމަށެވެ. އަދި ބިން ރަޖިސްޓްރީކޮށް، ދަނޑުތަކަށް ދާން އޮންނަ މަގު ހެދައިދިނުމަށް ކައުންސިލުގައި އެދިފައިވާނެ ކަމަށެވެ.

އައްޑޫ ސިޓީގެ ރަށްތަކުގެ ތެރެއިން އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަނީ މީދޫގައެވެ. އަދި މީދޫގައި ދަނޑުވެރިކަން ގިނައިން ކުރަމުން އަންނަނީ ޒުވާނުންކަންވެސް ފާހަނގަކޮށެލެވެ.

އައްޑޫ މީދޫ ކޯޕަރޭޓްސް އާއި ދަނޑުވެރިން ގުޅިގެން އުފައްދާ ގިނަ ބާވަތްތަކުގެ ތަރުކާރީ އާއި މޭވާ، ޝަންގްރިއްލާ، ހެރެތެރެ އަދި އައްޑޫގެ ގުޅިފައިވާ ރަށްތަަކަށް ދަނީ ވިއްކަމުންނެވެ.