(މާޗް 16، 2014 ވަނަ ދުވހުގެ ބަޔާ ގުޅޭ)
ދަތުރު ނުކުރެވޭ ގަމުގެ އިންޓަނެޝަނަލް އެއާޕޯޓް
ގަން އެއާޕޯޓަކީ 1956-1976 އަށް އިނގިރޭސީންގެ އަސްކަރީ މަރުކަޒެއް ގަމުގައި އޮތް ދުވަސްވަރު ބޭނުން ކުރި އެއާޕޯޓެވެ. އެ ދުވަސްވަރު އިނގިރޭސިވިލާތުން އޮސްޓްރޭލިއާ އަށާއި ސައުތު އީސްޓް އޭޝިއާގެ ގައުމުތަކަށް ދަތުރު ކުރި މަގުމަތީގައި ބްރިޓިޝް އެއާވޭސްގެ 737 ގެ މަތިންދާބޯޓް ގަމުގެ އެއާޕޯޓަށް ޖައްސަމުން ދިޔަ އެވެ. ގަމުން އެ ފްލައިޓްތަކަށް ބަންކަރިން ދީ ހެދި އެވެ.
ނަމަވެސް މާޗް 29، 1976 ގައި އިނގިރޭސީން ގަން ދޫކޮށް ދިއުމަށް ފަހު، އެތަކެއް މިލިއަން ރުފިޔާގެ ގަމާއި ގަމުގެ މުދަލާއި ތަކެތި ދިވެހި ސަރުކާރުގެ މިލްކިއްޔާތުގައި ހިމެނުމުން އޭގެ ފައިދާ ޒަމާނަށް ދެމިހުންނާނެ ގޮތަކަށ އަދި މުޅި ދިވެހި ގައުމަށް އެންމެ ފައިދާ ހުންނާނެ ގޮތަކަށް ބޭނުން ކުރެވޭނީ ކިހިނެއްކަން އެނގިވަޑައި ނުގަންނަވަނީސް ރައީސް އިބްރާހީމް ނާސިރުގެ 20 އަހަރުގެ ދިގު ވެރިކަން ނިމިގެން ދިޔައީ އެވެ.
އިނގިރޭސީން ގަމުން ފޭބުމާއި ރައީސް ނާސިރުގެ ވެރިކަން ނިމި ދިއުމާ ދެމެދު ވޭތުވެ ދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގަމުގެ ކަންތައްތައް ގެންދެވި ގޮތް އަދި މިހާތަނަށް އެންމެ ސާފު ބަހުން ލިޔެފައި ވަނީ "ސުވާދީބު" ފޮތުގަ އެވެ.
އެ މުއްދަތުގެ ތެރޭގައި ގަން އައްޑޫ ރައްޔިތުންނަށާއި މުޅި ދިވެހި ރާއްޖެ އަށް ވެސް އެންމެ ފައިދާ ހުރި ގޮތުގައި ހިންގާނެ ފަރާތަކަށް ގަން ދޫކޮށްލެއްވުމަށް އެ ސަރުކާރުން ވެސް ޝައުގުވެރިވެ ވަޑައިގަތެވެ.
ބޭރުގެ އިންވެސްޓަރުން ގަން ބަލަން އަންނަމުން ދިޔަ އެވެ. ގަން ބޭނުންވެގެން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައި ވަނީ ސޮވިއެޓް ޔުނިއަންގެ ދުވަސްވަރު ރަޝިއާ އިންނެވެ. އަހަރަކު އެއް މިލިއަން ޑޮލަރަށެވެ. ނަމަވެސް އަސްކަރީ ބޭނުމަށް ގަން ދޫކޮށްލެއްވުމަށް ފެނިވަޑައިނުގަތީ އެވެ.
އެ މުއްދަތުގައި ގެމުގެ އެއާޕޯޓަށް ބޭނުން ކުރި ވީއެޗްއެފް ރާޑާ ވެސް ކޭބަލް އެންޑް ވަޔަލަންސަށް ވިއްކާލެއްވީ އެވެ. އެއާޕޯޓް އޮތީ ފަޅަށެވެ. ދޭތެރެއަކުން ކުޑަކުޑަ ސެނެކާ މަތިންދާ ބޯޓަކުން ސަރުކާރުގެ އެކި ވެރުގެ ވެރިން ކޮންމެވެސް ބިދޭސީއަކާއިގެން ވަޑައިގަންނަވަ އެވެ.
ރައީސް މައުމޫނަށް 1978 ވަނަ އަހަރު ވެރިކަން ލިބިވަޑައިގަތުން ވެގެން ދިޔައީ ގަމާ މެދު ކުރަމުން އައި އުންމީދުތައް އައުވެގެން ދިޔަ ކަމަކަށެވެ.
ގަމާއި އެއާޕޯޓް ވިޔަފާރި އުސޫލުން ހިންގުމަށް ޝައުގުވެރިވާ ރަނގަޅު އިންވެސްޓަރުން ހޯއްދަވައި، އައްޑޫގައި ފަތުރުވެރިކަން ތައާރަފްކޮށް ވަޒީފާގެ ފުރުސަތުތައް ހޯއްދަވައި ދެއްވާނެ ކަމަށް މައުމޫން ވައުދުވެވަޑައިގަތެވެ. ނަމަވެސް އެކަންވެގެން ދިޔައީ މި ސަރުކާރަށް ވެސް ކުރިމަތިވެ ވަޑައިގެން ނުހަނު ބުރަ އަދި އެހާމެ ބޮޑު ކަމަކަށެވެ.
ވޭތުވެ ދިޔަ ދިގު މުއްދަތުގައި ގަމުގެ އެއާޕޯޓް ބޭނުން ނުކުރެވި އޮތުމުގެ ސަބަބުންނާ އެކު އެއާޕޯޓަށް ވަނީ އެކި ގޮތްގޮތުން ވަރަށް ބޮޑެތި މަރާމާތުތަކެއް ބޭނުންވެފަ އެވެ.
ވުމާ އެކު އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީ (އޭޑީއޭ) އިން އެކަން ފާހަގަ ކުރައްވައި އެކަމަށް ބޭނުންވާ އެހީތެރިކަން ހޯއްދެވުމަށް ކުރެއްވި މަސައްކަތުން އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީ ލިބުނެވެ. މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއްގެ ދަށުން އެއާޕޯޓްގެ ރަންވޭ ލައިޓް ސިސްޓަމް އައު ކުރެވި، ބައެއް ނެވިގޭޝަނަލް އިކްޕްމަސްޓްސް ވެސް އައު ކުރެވުނެވެ.
ރައީސް މައުމޫން ވެރިކަމަށް ވަޑައިގަތްތާ ހަތް އަހަރު ފަހުން ގަމުގެ، އެއާޕޯޓަށް ބޮއިން 747 ގެ މަތިންދާ ބޯޓް ޖެއްސޭ ފެންވަރަށް ތަރައްގީކޮށް އެއާޕޯޓް އިންޓަނެޝަނަލް ކުރެއްވުމަށް ބޭނުންވާ ގްރައުންޑް ހޭންޑްލިން އިކްޕްމަންޓާއި ފަޔާ ފައިޓިން ފަދަ މުހިއްމު ސާމާނުތައް ހޯއްދެވުމަށް ބޭރުގެ އެހީއަށް އެދިވަޑައިގަތެވެ.
މި އެހީ ލިބޭނެ ކަމުގެ ފެހި ސިގްނަލް ލިބިވަޑައިގެންފައިވާ ކަމަށް މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންސް އަހުމަދު ޒާހިރު ވިދާޅުވި އެވެ. އެއީ 1995 ވަނަ އަހަރުގެ ތެރޭގަ އެވެ.
ނަމަވެސް ޓޫރިޒަމާ ބެހޭ ޕްލޭނުގައި ގަން އެއާޕޯޓް އިންޓަނެޝަނަލްވުމުގެ ކުރިން ފްލައިޓްތައް ގަމަށް އޮޕަރޭޓް ކުރާނީ ކޮން ގައުމުތަކުންތޯ، ކިހާ ޕެސެންޖަރުންނަކާއިގެންތޯ ބެލިފައި އޮންނަން ވާނެ ކަމަށް ފާހަގަކޮށްފައިވެ އެވެ. މިކަންކަމުގެ ފީސިބިލިޓީއެއް ހެދިފައި އޮންނަން ވާނެ ކަމަަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އަދި އެހާ ހިސާބަށް އެއިން އެއްވެސް ކަމެއް ކުރެވިފައެއް ނެތެވެ. (ނުނިމޭ)
ނޯޓް: މިއީ ފޭދޫ އަލީ ފަހުމީ އަހުމަދު ސެޕްޓެމްބަރު 25، 2013 ގައި ނެރުއްވި "އައްޑޫ ގަން ހިންގުން" މި ފޮތެވެ.
"އައްޑޫ ލައިވް" ގައި މި ފޮތް ސިލްސިލާއެއްގެ ގޮތުގައި ޝާއިއު ކުރަން ހަދިޔާ ކުރެއްވި ކަމަށްޓަކައި، މި ނޫހުގެ ފަރާތުން ފަހުމީ އަށް ހާއްސަ ޝުކުރެއް އަރިސް ކުރަމެވެ.