އަޅުގަނޑު ހަނދާން ހުންނަން ފެށިއިރު ރާއްޖޭގެ ވެރިކަމުގައި ހުންނެވީ މައުމޫނެވެ. މީހުނާ އިނދެ ދަރިން ލިބުނު އިރުވެސް ހަމަ މައުމޫނެވެ. ބޮލުގެ އިސްތަށިތައް މަދުވެ މެދުއުމުރުގެ އަލާމާތްތައް ފެންނަން ފެށިއިރުވެސް ހަމަ މައުމޫނެވެ. މި މައުމޫން ފެނިފެނި ވާންފެށި ފޫއްސެއްގެ ބޮޑުކަން ބުނެދޭންވެސް ނޭގެއެވެ. އެނަން އިވުނަސް ފޫހިވެއެވެ. މައުމޫން ނޫން އެހެން މީހަކު މިރާއްޖޭގެ ވެރިކަންކުރާތަން ދުށުމަކީ އެންމެ ބޭނުން ކަންތަކަށް ވެފައިވަނިކޮށް އެމްޑީޕީގެ ނަމުގައި ބަޔަކު މީހުން ނުކުމެ މައުމޫނުގެ ނިދި ޚަރާބުކޮށްލައިފިއެވެ. މިކަމާވީ އުފަލެއްގެ ބޮޑުކަމުން ހިތުގެ އެންމެ ފުންމިނުން އެމްޑީޕީއާ ހިތާވެއްޖައިމެވެ.
މައުމޫން ދެކެ ކިތަންމެ ބޮޑު ފޫއްސެއްވިޔަސް ބޭރުފުށުން އެކަން ފާޅެއް ނުކުރަމެވެ. މައުމޫނާ ވަރަށް ގިނައިން ދިމާވެއެވެ. މައުމޫން ރާއްޖޭން ބޭރަށް ކުރަައްވާ ބައެއް ދަތުރުތަކުގައިވެސް އަޅުގަނޑު ބައިވެރި ކުރައްވައެވެ. ކޮންމެތާކުން ދިމާވިއަސް އަޅުގަނޑާ ވާހަކަ ދައްކަވައެވެ. އަޅުގަނޑުގެ ޝައުގާއި މަސައްކަތާ ގުޅުންހުރި ކޮންމެވެސް ކަމަކާގުޅޭ ވާހަކަފުޅެއް ދައްކަވާފައި ނޫނީ އަޅުގަނޑާ ދުރަކަށް ވަޑައެއް ނުގަންނަވައެވެ. ނުވިތާކަށް މައުމޫންގެ ސަރުކާރުން އަޅުގަނޑާ އެކަށީގެންނުވާ ވަރުގެ ބޮޑު މަގާމެއްވެސް ހުށައެޅުއްވިއެވެ. އަޅުގަނޑު އެ މަގާމު ގަބޫލެއް ނުކުރަމެވެ.
އެމްޑީޕީގެ އެއްވުންތަކަށް ސިއްރު ސިއްރުން އަޅުގަނޑު ދަމެވެ. ރާއްޖޭގައި އޮންނާން ރައްޔިތުންނަށް ފެންނަނީ ވެރިކަމުގެ ކޮންކަހަލަ ނިޒާމެއްތޯ ބެލުމަށް ނެގި ވޯޓުގައިވެސް އަޅުގަނޑު ތާއީދުކުރީ ބަރުލަމާނީ ނިޒާމަށެވެ. އެއީ އެމްޑީޕީން ކެމްޕޭނު ކުރީ ބަރުލަމާނީއަށް ކަމަށް ވުމުންނެވެ. އަޅުގަނޑަކީ އޭރުވެސް ލިޔާ މީހަކީމެވެ. އެހެންވެ ބަރުލަމާނީގެ މޮޅުކަން ބަޔާންކޮށްފައި ބޮޑު ނޫހުގައި ކޮލަމެއްވެސް ލިޔުނީމެވެ. ބޮޑު ނޫހުގެ އެހެން އެންމެން ރިއާސީ ނިޒާމުގެ މޮޅުކަން ބަޔާންކޮށްދެމުން ދަނިކޮށް އަޅުގަނޑު ބަރުލަމާނީ މޮޅުކުރުމުން އޮފީހުގައި ހައިޖާނު އުފެދިއްޖެއެވެ. ބޮޑު ބަހުސެއް ފެށިއްޖެއެވެ. ނިޒާމުގެ ބަހުސްގެ ނަމުގައި ބޮޑު ނޫހުން އިންތިޒާމްކުރި ބަހުސްގެ ފެށުމަކީ މިއީއެވެ.
ބޮޑު ނޫހުގެ ކުޑައިގެ ދަށުގައި ރޭޑިއޯއެއްވެސް ހުރެއެވެ. ކެނެރީގޭ ނަޝީދަށް އެރޭޑިއޯ ފުރަތަމަ ހުޅުވާދިނީވެސް އަޅުގަނޑެވެ. އޭރު ނަޝީދަށް މީޑިއާގެ ބޭނުން ނުހަނު ބޮޑެވެ. މިހާރުގެ ގޮތަށް ނަޝީދަށް ކަންކަން ފައިވެފައެއް ނެތެވެ. އެމްޑީޕީގެ ރިއާސީ ޕްރައިމަރީގެ ދުވަސްވަރު ގާތްތިމާގެ ބައެއް މީހުންނާ މުޅިން ދެކޮޅަށް މަގާމުގެ ގޮތުން އަޅުގަނޑަށް ފަހިވެފައިވާ ބައެއް ވަސީލަތްތައް ކޮންމެ ގޮތެއްވިޔަސް ވަރިހަމަކޮށްފައި ނަޝީދަށް ހުޅުވައިދިނީމެވެ. ނަޝީދަކީ އޭރު އަޅުގަނޑުގެ އެކުވެރިއެކެވެ. އަޅުގަނޑުގެ ހީރޯއެވެ. ބައެއް ދުވަސްދުވަހު ނަޝީދު ރޭޑިއޯ ސްޓޫޑިއޯއަށް ވައްދާފައި ނިމެންވާ ތަނަށް ބެންސަން ސިގިރޭޓް ހޯދަން އުސް އިމާރާތެއްގެ ނުވަވަނަ ބުރިން ތިރިއަށް ފައިބައި ސިޑި ބޭނުންކޮށްގެން އަލުން މައްޗަށްވެސް އަރަމެވެ.
ވަކި ހިސާބަކުން އަޅުގަނޑަށް ވަޒީފާ ދޫކޮށްލަން މަޖްބޫރު ހިސާބަށް ހިނގައްޖެއެވެ. މައުމޫނާ ދެކޮޅަށް އަޅުގަނޑު ހިތްއެދޭވަރަށް ކެމްޕޭނު ޖެއްސެން އޮތީ ވަޒީފާ ދޫކޮށްލައިގެން ކަމަށްވާތީ އެކަންވެސް ކޮށްފީމެވެ. ރިއާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވާހަކަ ދައްކާކަށް ނެތީމެވެ. ދެވަނަ ބުރުގައި ނަޝީދުގެ ހުރިހާ ގޭހެއް އެނބުރުމުގައި އަޅުގަނޑުގެ އާވަޒީފާގެ ބޭނުން އެކަށީގެންވާ މިންވަރަށް ކުރީމެވެ. އެބުރުގައި ނަޝީދުގެ ކެމްޕޭނުގެ އެންމެ ކުރީ ސަފުގައި އޮތީ އަޅުގަނޑު އިސްވެ ހުރެގެން ހިންގަމުންދިޔަ މީޑިއާއެވެ. ކޮންމެއަކަސް ނަޝީދަށް ކާމިޔާބު ލިބިއްޖެއެވެ. ރެއާދުވާ އެއްކޮށްލައިގެން ކުރި ބުރަ މަސައްކަތުގެ މޭވާ ފެނުމުން ވީއުފަލެއްގެ ބޮޑުކަމުން އަޅުގަނޑު އަވަސްއަވަހަށް ގާދޫކޮލުން ބޭރުވެއްޖައީމެވެ. ބޭނުމަކީ މައުމޫންގެ ވެރިކަމުގައި ރާއްޖެއިން ފުރައިގެން ގޮސްފައި އެހެން މީހެއްގެ ވެރިކަން ފެށުމުން ރާއްޖެއައިސް ހުޅުލޭގައި ފައިބީއްސާލުމުން އެކުރެވޭ އިހުސާސް ތަޖުރިބާކޮށްލުމެވެ.
ނަޝީދުގެ ވެރިކަމަށް އަހަރެއްހާ ދުވަސް ފާއިތުވެގެން ދިޔަފަހުން އެއްދުވަހަކު ދަރުބާރުގޭގެ ތެރެއިން ދެމީހުން ދިމާވެއްޖެއެވެ. އެއީ ޑިމޮކްރަސީ ފެއާ ހުޅުވިރެއެވެ. ކަންދިމާވިގޮތުން އަޅުގަނޑުމެން ހުޅުވައިގެން އުޅުނު ސްޓޯލަށް ވަޑައިގެން ބަހެއް ވިދާޅުވެދެއްވަން ނަޝީދަށް ދަންނަވަން ޖެހުނީ އަޅުގަނޑަށެވެ. އަސްތާ ނަޝީދުގެ މޫނުމަތިން ފެނުނު ކުލަވަރާއި ފޫހިކަމާއި ވާހަކަދެއްކެވުމުގައި އެބޭނުންކުރެއްވި ޖުމްލަތަކުގެ ތަފްސީލް މިތާގައި ބަޔާންކުރާކަށް ނެތީމެވެ. ޑިޕްލޮމަސީގެ ކަންފުޅެއްވެސް ނެތެވެ. އަޅުގަނޑަކީވެސް ދެނެވަޑައިގަންނަވާ މީހަކަށެއް ނުވިއެވެ. ނަޝީދު ހުންނެވިކަމަށް އަޅުގަނޑަށް ޔަގީން ކުރެވުނީ އެހެން އާލަމެއްގައެވެ. އެއީ ނަޝީދުގެ ވެރިކަން ފެށުނުފަހުން އަޅުގަނޑުމެން ދެމީހުންގެ ފުރަތަމަ އަދި ފަހުވެސް ބައްދަލުވުމެވެ.
އޭގެ ކުޑަދުވަސްކޮޅެއް ފަހުން ކޮންމެވެސް މަސައްކަތެއްގައި އަލިވާގެއަށް ދާން އަޅުގަނޑަށް ޖެހިއްޖެއެވެ. ބޭނުމަކީ ކައިރިވަމުންއައި ކޮންމެވެސް މުނާސަބަތަކާ ގުޅުވައިގެން މައުމޫންގެ ބަހެއް ހޯދުމެވެ. ވަރަށް ފަސޭހައިން އެކަންތައް ހަމަޖެހިއްޖެއެވެ. މައުމޫންގެ އަރިއަހަށް ދާން އަޅުގަނޑު ހުރީ ހަގީގަތުގައިވެސް ޖެހިލުންވެފައެވެ. ސަބަބަކީ މައުމޫންގެ ވެރިކަން ނިމުމަކަށް ގެނައުމުގައި އަޅުގަނޑުގެ މީޑިއާ ކެމްޕޭން މައުމޫނަށް އެގިވަޑައިގަންނަވާނެކަން ކަށަވަރުވާތީ އާއި މައުމޫންގެ ފަރާތްޕުޅުން ނުރުހުމެއް ފެނިދާނެ ކަމުގެ ނުތަނަވަސްކަން އޮތުމެވެ. ކޮންމެއަކަސް މަޖްބޫރީ ހާލަތެއްގައި އަޅުގަނޑު އަލިވާގެއަށް ހިނގައްޖައީމެވެ. އަޅުގަނޑު ހަމަފެނުމުން މައުމޫން ހިނިފުޅުވަޑުވާފައި ވިދާޅުވީ ނުފެންނަތާ ހާދަދުވަހެއް ވެއްޖެ ވާހަކައާއި ހާލު ކިހިނެތްތޯއެވެ. ދެން ފެއްޓެވީ އަޅުގަނޑުގެ އާވަޒީފާގެ ވާހަކައެވެ. މައުމޫނަށް އަޅުގަނޑާމެދު ކަމެއް އެގިވަޑައިގެންފައި އޮތަސް އަމަލުންވިޔަސް އަދި ބަހަކުންވިޔަސް އެކަމެއް ނުދައްކަވައެވެ. އެންމެ ކުރިއެކޭ ހަމައެއްވެސް ތަފާތެއް ނެތެވެ.
ކޮންމެއަކަސް ދެރައީސުންގެ ގޮތް އަޅުގަނޑަށް ފެނުމުން ހިތަށް އެރީ ވަރަށް އެހެން ޒާތެއްގެ އެއްޗެކެވެ. ހިތުގައި ޖެހުނެވެ. މިގެނެވުނީ ހެޔޮ ބަދަލަކަށެއް ނުވާނެއެވެ. ވެރިއެއްގެ ކިބައިގައި ހުންނަންވާ ސިފަ މިފެންނަނީ ކުރީގެ ވެރިމީހާގެ ކިބައިންނެވެ. އާވެރިމީހާގެ ކިބައިގައި މިހިރީ އަޅުގަނޑަށް ކަމުދާ ސިފަތަކެއް ނޫނެވެ. އެހެން ހިތަށް އެރިދުވަހުން ފެށިގެން މައުމޫނާ ދޭތެރޭ ކުރިން އޮތް ފޫހިކަން ނެތިގޮސް އިހުތިރާމާއި ގަދަރަށް ބަދަލުވެއްޖެއެވެ.