ހިތަދޫގައި އެންމެ ފުރަތަމަ 100 އެނދުގެ ހޮސްޕިޓަލެއްގެ ވާހަކަ ދެއްކެވީ ރައީސް މައުމޫނެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު އެކަމާއި ގުޅޭ ލައްކަ ވާހަކަ ދެއްކެވިއެވެ. ވެރިކަން ނިމުމުގެ ކުރިން ހޮސްޕިޓަލް އެޅުމަށް ހިތަދޫ ޒޯން ސްޓޭޑިއަމް ސަރަހައްދުން ބިމެއް ވަކި ކުރެއްވިއެވެ. ނަމަވެސް މަސައްކަތެއް ނުކުރެވި އެމަނިކުފާންގެ ވެރިކަން 2008 ވަނަ އަހަރު ނިމެނެވެ.
ރައީސް މައުމޫނުގެ ސަރުކާރަށް ފަހު ނަޝީދު ވެރިކަމަށް ވަޑައިގެން އައްޑޫ ހޮސްޕިޓަލްގެ ވާހަކަ ދެއްކެވިއެވެ. އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަމަށް އެތައް ފަހަރަކު ވިދާޅުވިއެވެ. ނަޝީދުގެ ސަރުކާރުގައި ހޮސްޕިޓަލް އެޅުމާއި ގުޅޭ ގޮތުން ތަފާތު ފަހަރުމަތިން ހެލްތު މިނިސްޓްރީން މަސައްކަތްތަކެއް ކުރެއްވިއެވެ. ހޮސްޕިޓަލްގެ މަސައްކަތް ނުފެށި އުޅެނިކޮށް ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔައެވެ.
ރައީސް ވަހީދުގެ ސަރުކާރުގައި "އައްޑޫ ޑިވެލޮޕްމަންޓް ކޮމެޓީ"ގެ ނަމުގައި މާލެގައި ތިއްބެވި އައްޑޫއަށް ނިސްބަތްވާ މީހުންތަކެއް ހޮސްޕިޓަލްގެ މަސައްކަތުގެ ވާހަކަ ގަދައައް ދައްކަން ފެށިއެވެ. ވަހީދު ސަރުކާރުން ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ދިރާސާ ކުރުމަށް ޓީމެއް އައްޑޫއަށް ފޮނުވައިގެން މަސައްކަތްތަކެއް ކުރެއްވިއެވެ. ވަހީދުގެ ހާއްސަ އެޑްވައިޒަރު ޑރ. ހަސަން ސައީދުގެ ލަފާގެ މަތިން ހޮސްޕިޓަލްގެ ކަންކަން ކުރިއަށް ގެދިޔަ ކަމުގެ ހަބަރުތަކެއް އަޑުއިވުނެވެ. ނަމަވެސް އެކަމާއި ގުޅޭ މާކަ ބޮޑު ތަފްސީލެއް ހެލްތު މިނިސްޓްރީން ލިބޭ ގޮތް ނުވިއެވެ.
ތިން ސަރުކާރެއް ނިމި ހަތަރުވަނަ ސަރުކާރުގެ ވެރިކަމުގެ މިއަދަކީ 122 ވަނަ ދުވަހެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ދެވަނަ ފަހަރަށް މިއަދު އައްޑޫއަށް ވަޑައިގަންނަވާއިރު ހޮސްޕިޓަލާއި ގުޅޭ ގޮތުން މިސަރުކާރުގެ ތަސައްވަރު މިވަނީ އެނގި ފާޅުވެފައެވެ.
ހިތަދޫ ގައި މި ސަރުކާރުން އާ ހޮސްޕިޓަލެއް ނާޅާނެ ކަމުގެ ކޮޅުމަތި މިވަނީ ފެންނާށެވެ. ކުރެހުމެއް، ޕްލޭނެއް ނެތި ހޮސްޕިޓަލަށް ދާން އޮންނަ މަގު ތާރައަޅައިގެން ހަދަނީއެވެ.
ހޮސްޕިޓަލްގައި އާ ތިއޭޓަރެއް އެޅުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި ހޮސްޕިޓަލަށް އާ ވޯޑެއް އިތުރު ކުރުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ރައީސް ޔާމީންގެ އެއްވެސް ބައްދަލުވުމެއްގައި އާ ހޮސްޕިޓަލްގެ ވާހަކަ ހިމަނުއްވާފައި ނުވެއެވެ.
ދައުލަތުގެ ބަޖެޓްގައި ހިތަދޫގައި ހަދަން ނިންމާފައިވާ ހޮސްޕިޓަލަށް ވަކި ބަޖެޓެއް ފާހަގަކޮށްފައިވެއެވެ. އަދި އެމަސައްކަތަކީ ހިގަމުން އަންނަ މަސައްކަތެއް ކަމަށް ހިމަނާފައިވެއެވެ. ނަމަވެސް އެމަސައްކަތް ހިގަމުން ދަނީ ކޮން ގޮތަކުންކަން އެގެންނެތެވެ.
އައްޑޫއަށް ނިސްބަތްވާ ހެލްތު މިނިސްޓަރަކު ހުންނަވައިގެން އާ ހޮސްޕިޓަލެއްގެ ވާހަކަ މި ސަރުކާރުން ދައްކާ އަޑު ނީވޭތީ ރައްޔިތުން މިތިބީ މާޔޫސްވެފައެވެ. އެކްސިޑެންޓް ގިނަ އައްޑޫގައި ކުއްލި ފަރުވާ ދެވޭނެ ނިޒާމެއް ނެތެވެ. މީހަކު ކިރިޔާ ކަމެއްވާ އިރަށް ފުރައިގެން ދާން ޖެހެނީ މާލެއަށެވެ. އެކަމަކަށް ހައްލެއް އޮތްހެނެއް ހީނުވެއެވެ.
އައްޑޫގައި ހަދަން ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލް ބަޖެޓް ފައިސާތެރެއިން ފުވައްމުލަކު ހޮސްޕިޓަލް މަލްޓި ސްޕެޝަލް ހޮސްޕިޓަލަކަށް ބަދަލު ކުރައްވަން ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މަސައްކަތް ކުރައްވާ ކަހަލަ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ. މި ހުރިހާ އަޑެއް އިވެމުން އަންނަ އިރު ހޮސްޕިޓަލްގެ މަަސައްކަތް ނުފެށި އޮތުމުން މިވާހަކަތައް ގަބޫލް ކުރުމުގެ ފުރުސަތު ބޮޑެވެ.
މިހާރުގެ ހޮސްޕިޓަލަށް ސަރުކާރުން ބޮޑު ހަރަދެއް ކުރަމުން އަންނާތީ އާ ހޮސްޕިޓަލެއް އެޅުމާއި މެދު އުފެދިފައިވާ ޝައްކު މިވަނީ ޔަގީނަށް ބަދަލުވެފައެވެ.
މިރޭ ރައީސް ޔާމީން ދައްކާ ވާހަކަފުޅަށް އިންތިޒާރު ކޮށްލައްވާށެވެ. ހަމަ ޔަގީނުންވެސް ހޮސްޕިޓަލެއްގެ ވާހަކަ ހިމެނޭނެ ހެން ހީނުވެއެވެ.