(މާޗް 17، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ވީމާ އެ ހިސާބުން ގަމުގައި ސިޓީ ހޮޓަލެއް ހިންގަމުންދާ އީކްއޭޓަ ވިލެޖަށާއި ވިލިގިލީގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ވިޔަފާރި އަށް ވިސްނަމުންދާ ފަރާތްތަކުގެ ސަމާލު ކަމަށް ޖަވާބު ލިބެން ބޭނުން ބޮޑު ސުވާލެއް ކުރިމަތިވީ އެވެ. ކުރިން ހޯދަންވީ ގަމުގެ ވައިގެ ބަނދަރަށް ދަތުރު ކުރާނެ ޕެސެންޖަރުންތޯ (ޓޫރިސްޓުން) ނުވަތަ އައްޑު އަަށް އަންނަން ބޭނުންވާ ފަތުރުވެރިން ތިބޭނެ ޖާގަތޯ މި ސުވާލެކެވެ.
އޭގެ ފަހުން ވޭތުވެ ދިޔަ ދުވަސްތަކަކީ މި ސުވާލުގެ ޖަވާބު ހޯދުމަށް ހޭދަ ކުރެވުނު މުއްދަތެއް ކަމަށް ވެދާނެ އެވެ. މި ސަރަހައްދުގައި ފަތުރުވެރި ކަމަށް އިންވެސްޓް ކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން އިންތިޒާރު ކުރަމުން ދިޔައީ ސަރުކާރުން އެ ފަރާތްތަކަށް ވެފައިވާ ވައުދުތަކާ އެއްގޮތަށް ގަމުގެ އެއާޕޯޓް ތަރައްގީ ކުރެވޭނެ ދުވަހަކަށެވެ.
ފްލައިޓް އޮޕަރޭޓް ކުރުމާ ހަވާލުވެފައިވާ ފަރާތްތަކުން އިންތިޒާރު ކުރަމުން ދިޔައީ ބޮޑެތި ފްލައިޓްތަކުން ގެންނަހާ ފަތުރުވެރިން ތިބެވޭނެ ޖާގަ ކަށަވަރު ވާނެ ދުވަހަކަށެވެ.
އޭގެ ހަތް އަހަރު ފަހުން ގަމުގެ އެއާޕޯޓް އިންޓަނެޝަނަލް އެއާޕޯޓަކަށް ހެދުމަށްޓަކައި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް އިނގިރޭސިވިލާތުގެ ކުންފުންޏަކާ ހަވާލު ކުރައްވާފައިވާ ވާހަކަ ޓްރާންސްޕޯޓް މިނިސްޓްރީން އެންގެވި އެވެ.
އެ މިނިސްޓްރީން ނޫސްވެރިންނަށް މައުލޫމާތު ދެއްވީ 2002 ގެ ޑިސެމްބަރު މަސް ފެށުނުތަނާހެންނެވެ. ބޮއިިން 767 ގެ މަތިންދާބޯޓް ޖެއްސޭ ފެންވަރަށް މި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލު ކުރަން ހަމަޖެހިފައި ވަނީ އިނގިރޭސި ކުންފުންޏެއް ކަމަށްވާ ލަގާންސް ހޮލްޑިން ޕްރައިވެޓް ލިމިޓެޑާ އެވެ.
އެ ކުންފުނީގެ އިންޖިނިއަރުން ގަން އެއާޕޯޓްގެ ރަންވޭގެ ފެންވަރު ބެލުމަށްޓަކައި ހަދާ "ފޯލިން ވެއިޓް ޑިފްލެކްޓޯ މީޓާ ޓެސްޓް" އާއި "ފްރިކްޝަން ޓެސްޓް" ހެދުމުގެ މަސައްކަތް ކުރަން ތައްޔާރުވަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެއާޕޯޓްގައި ހަދާ އައު ޓާމިނަލް ކުރެހުމަށް ބޭނުންވާ މައުލޫމާތު އެއްކުރަމުންދާ ކަމަށެވެ.
އެގޮތުން 2004 ވަނަ އަހަރު ނިމުނު އިރު ގަމުގައި ހިންގަމުން އައި ހުރިހާ ފެކްޓްރީތައް ވަނި ބަންދު ކުރެވިފަ އެވެ. އެތަންތާނގައި ވަޒީފާ އަދާ ކުރަމުން ދިޔަ އެތައް ސަތޭކަ ބައެއްގެ ވަޒީފާ ވަނީ ގެއްލިގެން ގޮސްފަ އެވެ.
އައްޑޫ ރައްޔިތުންނަށް ވަޒީފާ ހޯއްދަވައި ދެއްވުމަށާއި އަތޮޅުގެ އިގުތުސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ވިލިގިލި ތަރައްގީ ކުރަން ހަވާލު ކުރެެއްވި ދެވަނަ ފަރާތުން ވެސް ރަށް ވަކިކޮށް ޝަންގްރިއްލާ އާ ހަވާލު ކުރެވިފައިވެ އެވެ.
މައުމޫނުގެ ސަރުކާރަށް ފާޑު ވިދާޅުވާ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ފިއްތުންތައް އިންތިހާ އަށް ބޮޑުވެފައިވާ ދުވަސްވަރެއްގައި އައްޑޫ ރައްޔިތުންނަށް ރަނގަޅު އާމްދަނީއެއް ލިބެމުން އައި ގަމުގައި ހިންގި ފެކްޓްރީތައް ވަނީ ބަންދުވެފަ އެވެ.
މިފަދަ ވަގުތެއްގައި ވިލިގިލީގެ މައްސަލަ އުދާހަކަށްވެފައި އޮތުމާ އެކު ރައްޔިތުންގެ މެދުގައި ވަނީ ހިތްހަމަނުޖެހުން އުފެދިފަ އެވެ. ނުރުހުން އިތުރުވަމުން ގޮސްފައިވެ އެވެ.
ވީމާ ގަމުގެ އެއާޕޯޓާއި ވިލިގިލީގެ މައްސަލައަށް ރަނގަޅު ހައްލެއް ހޯއްދަވައި ނުދެވި 2008 ގެ އިންތިހާބާ ހަމައަށް ދިއުން ރަނގަޅެއް ނުވާނެކަން ދިޔައީ ފެންނަމުންނެވެ.
މާލެ އާއި މާލެ ވަށައިގެންވާ އަސްދަނޑިން ބޭރަށް ފަތުރުވެރިކަމުގެ ސިނާއަތް ފުޅާ ކުރެއްވުމަށް ސަރުކާރުން ނިންމެވީ މި ދުވަސްކޮޅުގެ ތެރޭގަ އެވެ.
މި ސިޔާސަތުގެ ދަށުން 2004 ގައި ރިސޯޓް ހެދުމަށް ބީލަމަށް ލެއްވި 11 ރަށުގެ ތެރޭގައި އެންމެ ފުރަތަމަ ފަހަރަށް ހުވަދު އަތޮޅުގެ ހަތަރު ރަށެއް ހިމެނިގެން ދިޔަ އެވެ. މި ނިންމެވުމަށް ފަހު "އައްޑު އަތޮޅު ގަމުގައި އިންޓަނެޝަނަލް އެއާޕޯޓެއް އޮވެފައި އެ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީ ކުރުމުން ވަރަށް ރަނގަޅު ވާނެ" ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.
މާނައަކީ އައްޑު އާއި ހުވަދޫ އަދި ފުވައްމުލަކުގެ ޓޫރިޒަމް އެއް ސަރަހައްދަކަށް ބައްލަވައިގެން އެ ސަރަހައްދުގައި ގާއިމު ކުރެވޭ ރިސޯޓްތަކަށް ފަތުރުވެރިން ގެނައުމަށް ގަމުގެ އެއާޕޯޓް އިންޓަނެޝަނަލް އެއާޕޯޓަކަށް ހެދުމުގެ ބޭނުންތެރިކަން ބޮޑުވެގެން ދިޔަ ވާހަކަ އެވެ.
ގަމުގެ އެއާޕޯޓް އިންޓަނެޝަނަލް ފެންވަރަށް ގެނައުމަށްޓަކައި ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކަށް ވެގެން ދިޔައީ އެއާޕޯޓްގެ އައު ޓާމިނަލް އެ ފެންވަރަށް އިމާރާތް ކުރުމުގެ މަސައްކަތެވެ. (ނުނިމޭ)
ނޯޓް: މިއީ ފޭދޫ އަލީ ފަހުމީ އަހުމަދު ސެޕްޓެމްބަރު 25، 2013 ގައި ނެރުއްވި "އައްޑޫ ގަން ހިންގުން" މި ފޮތެވެ.
"އައްޑޫ ލައިވް" ގައި މި ފޮތް ސިލްސިލާއެއްގެ ގޮތުގައި ޝާއިއު ކުރަން ހަދިޔާ ކުރެއްވި ކަމަށްޓަކައި، މި ނޫހުގެ ފަރާތުން ފަހުމީ އަށް ހާއްސަ ޝުކުރެއް އަރިސް ކުރަމެވެ.