Last Updated: November 17, 22:40
Sunday, November 17, 2024
ޚަބަރު

އަމާން އައްސޭރިއަކަށް ދެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައީސް އޮފީސް

އަމާން އައްސޭރިއަކަށް ދެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މަޓީން އިންތިޒާމުކުރި، ފަތުރުވެރިކަމުގެ ރަން ޔޫބީލް އެވޯޑް ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިއަދުވެސް ދުނިޔޭގެ އިޤްތިޞާދު އޮތީ ހަމަ މާ ފަހި ދުވެއްޔެއްގައި ނޫން ކަމަށާއި ޔޫރަޕްގެ އިރުމަތީ ބިތުގައި ކުރާ ވަރުގަދަ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެއަށް ނުރައްކާކޮށްފައިވާ ކަމަށެވެ. އަދި އިޤްތިޞާދުތައް ހީނަރުކޮށް، ދަތުރުފަތުރަށް ބުރޫ އަރުވައިފި ކަމަށާއި ކާބޯތަކެތީގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދެން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިފަދަ ޙައްޞާޞް ދަނޑިވަޅެއްގައި ކޮންމެ ޤައުމަކަށް ވެސް އަމާންކަމުގެ އައްސޭރިއަށް ދެވޭނީ، ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުން." ރައީސް ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ކޮވިޑްގެ ސަބަބުން ޤައުމުތަކުގެ ބޯޑަރުތައް ބަންދުކުރަން ޖެހުނުއިރު އެއީ ރާއްޖެ ފަދަ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށް، ކުރަން ވަރަށް އުނދަގޫވި ކަމެއް ކަމަށެވެ.

ނަމަވެސް 27 މާޗް 2020 ގައި ރާއްޖޭގެ ބޯޑަރުތައް މުޅިން ބަންދުކުރަން ސަރުކާރުން ނިންމި ކަމަށާއި އެ ނިންމުން ނިންމީ ބައެއް ބޭފުޅުންގެ ވިސްނުމާ ދެކޮޅަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރިޒޯޓުތައް މުޅިން ބަންދުކޮށްފައި ބޭއްވުމަކީ، ހީނުކުރާވަރުގެ ބޮޑު ގެއްލުމެއް، ރިޒޯޓް ހިންގާ ފަރާތްތަކަށް ވާނެ ކަމެއްކަން އޭރުވެސް އިހުސާސް ކުރެވުނު ކަމަށާއި ރާއްޖެ ފުރަބަންދުކޮށްފައި އޮތް ދުވަސްވަރު، ސަރުކާރުގެ ފަރާތުން ކޮށްދެވެން އޮތް ހުރިހާ ކަމެއް ފޯރުކޮށްދެމުންދިޔަ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ތިން މަސްދުވަހަށްފަހު، ޖުލައި 15، 2020 ގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލީ ވެސް ބައެއް ބޭފުޅުންގެ ވިސްނުމާ އިދިކޮޅަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ދަނޑިވަޅުގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލުމަށް ނިންމި ނިންމުމަކީ ހަމަ ޙަޤީޤަތުގައިވެސް ރަނގަޅު ނިންމުމެއް. މިއަދު އަޅުގަނޑުމެން މިތިބަ ހިސާބަށް އާދެވިފައި މިތިބީ އެ ނިންމުމުގެ ސަބަބުން." ރައީސް ވިދާޅުވި އެވެ.