ސަރުކާރާއި ރަައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯ އިން މާލޭގައި އަގު ހެޔޮކޮށް ފިޔަ އާއި އަލުވި އަދި ބިސް ވިއްކި ނަމަވެސް، އައްޑޫގެ ފިހާރަތަކުން އެ ބާވަތްތައް ނުލިބޭ ކަމަށް އައްޑޫގެ އެސްޓީއޯގެ ފިހާރަތަކުން ބުނެފި އެވެ.
މިކަމާ އާންމުން ވެސް ދަނީ ޝަކުވާ ކުރަމުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި މާލޭގައި މި ބާވަތްތައް އަގު ހެޔޮކޮށް އެސްޓީއޯ އިން މާލޭގައި ވިއްކި ނަމަވެސް، އަތޮޅުތަކުގެ ރައްޔިތުންނަށް އެ ތަކެތި ފޯރުކޮށް ނުދިނުމަކީ ތަފާތު ކުރުމެކެވެ.
"މިއީ ރައްޔިތުން ހިއްސާވާ ކުންފުންޏެއް. ވަކި ބަޔަކަށް ވަކި ގޮތެއް ހަދައިގެން ނުވާނެ. އެސްޓީއޯ އިން ހަމަހަމަކޮށް ހުރިހާ ރައްޔިތުންނަށް އެ ކުންފުނިން ވިއްކާ ތަކެތި ލިބެން ޖެހޭނެ،" މަރަދޫ މީހަކު ބުންޏެވެ. "މި ތަކެތި އަގު ހެޔޮކޮށް ވިއްކާ އަޑު އިވިގެން އައްޑޫގައި ހުރި އެސްޓިއޯގެ ފިހާރަތަަކަށް ގުޅާލީމަ މިކޮޅަކުން މި ތަކެއްޗެއް ލިބޭކަށް ނެތް ކަމަށް ބުނަނީ. މިއީ މައްސަލައެއް."
އެސްޓީއޯގެ އައްޑޫ ފިހާރަތަކުން ބުނީ ފިޔަ އާއި އަލުވި އަދި ބިސް ފަދަ ބާވަތްތައް މި ދުވަސްކޮޅު އެ ކުންފުނިން އަގު ހެޔޮޮކޮށް ވިއްކާތީ، އައްޑޫގެ ގިނަ ބަޔަކު ފިހާރަތަކުން ގުޅާ ކަމަށެވެ.
"މަ ވެސް ދިޔައިން މިއަދު އަލުވި ބަސްތާއެއް ގަންނަން މަރަދޫފޭދޫ އެސްޓީއޯ ފިހާރަ އަށް މިއަދު. އެކަމަކު އެތާ ތިބި ކުދިން ބުނީ އެތަނުން ނެތޭ ލިބޭކަށް ނެތޭ. ފިޔަ އާއި އަލުވި މާލޭގައި އަގު ހެޔޮކޮށް ވިއްކި ނަމަވެސް، މިތަނުން ލިބޭނެ ދުވަހެއް ނޭނގެއޭ. އަދި ލިބޭނެ ކަމެއް ވެސް ނޭނގެއޭ،" ފޭދޫ މީހަކު ބުންޏެވެ.
އެހެން ނަމަވެސް އެ ބާވަތްތައް އައްޑޫން ލިބެން ނެތް ކަމަށާއި ލިބޭނެ ކަމުގެ އިޝާރާތްތަކެއް ވެސް އެސްޓީއޯގެ މައި އޮފީހުން އަންގާފައި ނެތް ކަމަށް ވެސް އައްޑޫގެ ފިހާރަތަކުން ބުންޏެވެ.