މިހާރު ރާއްޖޭގައި ކުރަމުން އަންނަނީ ގާނޫނީ ވެރިކަމެއް ނޫން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ ކ. ދިއްފުށީގައި ގއ.ވިލިނގިލީ މީހެއްގެ މައްޗަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ އޭނާއަށް ހަމަލާދީ މާރާމާރި ހިންގި މައްސަލައާ ގުޅިގެންނެވެ. އެގޮތުން ދިއްފުށީ ބަޔަކު އޭނާ ބަރަހަނާކޮށް ހަމަލާދީ ހަދާފައިވާއިރު އެމީހާގެ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެމީހާ ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. ނަމަވެސް ފުލުހުން ރޭ ވަނީ އަންހެންކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމުގެ ހެކި މިހާތަނަށް ތަހުގީގަށް ލިބިފައިވާ ކަމަށް ބުނެފަ އެވެ.
އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާފު ހޯދަން ރައްޔިތުން މަގުތަކަށް ނިކުތުމުން ސަރުކާރު ފެއިލްވެފައިވާ މިންވަރު ހާމަވާ ކަމަށާއި އިންސާފު ގާއިމުކޮށް އިޖުތިމާއީ އަދާލަތު ދެމެހެއްޓޭނީ ސަރުކާރަށް އިތުބާރު ހޯދުނު ދުވަހަކުން ކަމަށެވެ.
"މިކުރަނީ ގާނޫނީ ވެރިކަމެއް ނޫން." އޭނާ ވިދާޅުވި އެވެ.
ރާއްޖެއިން މިހާރު ފެންނަމުން ދަނީ ގާނޫނު ތަންފީޒު ނުކުރެވި، މުއައްސަސާތައް ބޮއްސުންލާފައިވާ ހިތާމަވެރި މަންޒަރު ކަމަށާއި ހުރިހާ ގެއްލުމެއް ލިބެނީ އާންމު ރައްޔިތުންނަށް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި ކުށްކުރާ މީހުންނާއި ގާނޫނު އަރާ ހަމަނުކުރާނަމަ ސަރުކާރެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށާއި ބަދަލަކަށް މިހާރު ވިސްނަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ދިއްފުށީގައި މީހެއްގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތާއެކު އޭނާއަށް ހަމަލާދީ މާރާމާރި ހިންގިއިރު، އެކަން ހުއްޓުވުމަށް ދިޔަ ފުލުހުންނަށް ވެސް ހަމަލާދީފައިވެ އެވެ. އެކަމާ ގުޅިގެން ފުލުހުން ވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރަށް ގެންގޮސްފަ އެވެ.