މިހާރު އަމަލުކުރަމުން އަންނަ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ކެފޭ/ރެސްޓޯރަންޓްތަކާއި ފިހާރަތައް ހިންގާ މީހުން އަހުލުވެރިކުރުވަން ހާއްސަ އިންސްޕެކްޝަނެއް މިއަދުން ފެށިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެތަނުން ބުނީ އިންސްޕެކްޝަން އެންމެ ފުރަތަމަ ކުރިއަށް ގެންދާނީ މާލެ ސަރަހައްދުގައި ކަމަށެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިނގިލީގައި ހިންގާ ކެފޭ/ރެސްޓޯރަންޓްތަކާއި ފިހާރަތައް ހިންގާ މީހުން ދުންފަތުގެ ގާނޫނަށް އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދާ އެ އިންސްޕެކްޝަނުގައި ކަމާ ގުޅޭ ދައުލަތުގެ އެހެން އިދާރާތައް ވެސް ބައިވެރިވާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެޗް.ޕީ.އޭ ގެ އިތުރުން ކަމާ ގުޅުން ހުރި ދައުލަތުގެ އެހެން ބައެއް އިދާރާތައްވެސް ބައިވެރިވާ، މި އިންސްޕެކްޝަން ގެ މަގުސަދަކީ މިހާރު ގަވާއިދާ ހިލާފަށް ހުރި ކަންކަން ދެނެގަނެ، މައުލޫމާތު ދީ، އިސްލާހު ކުރުމެވެ.
— Health Protection Agency (@HPA_MV) July 19, 2022
"މި އިންސްޕެކްޝަން ގެ މަގުސަދަކީ މިހާރު ގަވާއިދާ ހިލާފަށް ހުރި ކަންކަން ދެނެގަނެ، މައުލޫމާތު ދީ، އިސްލާހުކުރުން." އެތަނުން ބުންޏެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް، ކެފޭ ތަކާއި ފިހާރަތައް ހިންގާ ފަރާތްތައް އަހުލުވެރިކުރުމަށް ޚާއްސަ އިންސްޕެކްޝަނެއް މިއަދު (19 ޖުލައި 2022) އިން ފެށިގެން ކުރިއަށް ގެންދެވޭނެ.
— Health Protection Agency (@HPA_MV) July 19, 2022
މިހާރު އަމަލުކުރަމުން އަންނަ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގައިވާ ގޮތުން ކެފޭ/ރެސްޓޯރަންޓް ފަދަ ތަންތަނުގައި އިސްތިއުމާލުކުރެވޭނީ އެކަމަށް އެތަންތަނުގައި ހާއްސަކޮށްފައިވާ ތަންތަނުގައި އެކަންޏެވެ. އަދި ފިހާރަތަކުން ވަކިން ސިނގިރެޓް ވިއްކުމަކީ ވެސް މަނާކަމެކެވެ.
ގާނޫނުން މިފަދަ ކަންކަމަށް ލާޒިމްކޮށްފައި އޮތަސް ކެފޭ/ރެސްޓޯރަންޓްތަކުގައި ގާނޫނާ ހިލާފަށް ދުންފަތުގެ އިސްތިއުމާލުކުރުމާއި ފިހާރަތަކުން ވަކިން ސިނގިރެޓް ވިއްކުމަކީ އާންމުކޮށް ހިނގާ ކަންކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ.