Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

އައްޑު އަށް ވެކްސިންގެ ތާށިކަމެއް!

ކުދިންތަކެއް ހިތަދޫ ޕާކްގައި ކުޅެނީ. ފޮޓޯ/ އައްޑޫ ލައިވް

އައްޑޫ ޕަބްލިކް ހެލްތުން ކުޑަކުދިންނަށް ދެމުން އަންނަ ވެކްސިން ބޭނުންވާ ވަރަށް ނެތުމާ ގުޅިގެން ބައެއް ރަށްރަށުން މިއަދު ވެކްސިން ނުދެވި، ބައެއް ބެލެނިވެރިން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި ވެކްސިން އެއްކޮށް ހުސްވެފައި ވަނީ މަރަދު އާއި މަރަދޫފޭދުންނެވެ.

އާންމުކޮށް ކޮންމެ މަހެެއްގައި ވެސް ވެކްސިން ދެނީ 19 ހިސާބުގަ އެވެ.

އެހެން ނަމަވެސް ހިތަދު އާއި ފޭދުގެ އިތުރުން ހުޅުމީދޫގައި "ކޮންމެވެސް ވަރަކަށް" ވެކްސިން ހުރުމާ އެކު، މިއަދު އަންނަނީ އެ ރަށްރަށުގައި ވެކްސިން ދޭން ޖެހޭ ކުދިންނަށް ވެކްސިން ދެމުންނެވެ.

އެހެންވެ މި މަހު ކުދިންނަށް ދޭން ޖެހޭ ވެކްސިން ނުދެވިގެން ގިނަ މައިންބަފައިން ތިބީ ކަންބޮޑުވުމެއްގެ ތެރޭގަ އެވެ.

"މިއަދަކީ ވެކްސިން ޖަހަން ޖެހޭ ދުވަސް. އެކަމަކު ވެކްސިން ޖަހަންް ދަރިފުޅު ގޮވައިގެން ދިޔައިމަ ވެކްސިން ދެވޭ ގޮތެއް ނުވި،" މަރަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ. "ޕަބްލިކް ހެލްތުން ބުނަނީ ވެކްސިން ހުސްވެފައޭ ހުރީ. މާލޭން ގެނައުމުގެ މަގުމަތީގައޭވީ."

އައްޑޫ ޕަބްލިކް ހެލްތުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ވެކްސިންގެ ތާށިކަމެއް ކުރިމަތިވީ ވެކްސިން ގެންނަ "އާގަލާ ކްއީން" މާލޭން ފުރުން ލަސްވެގެން ކަމަށެވެ.

"ކުރިން ބޯޓް ފުރާ ގޮތަށް އޮތީ އާދީއްތަ ދުވަހު. އެކަމަކު ފުރޭ ގޮތްވީ. އެކަމަކު މިއަދު ބޯޓް އައްޑު އަށް ވަންނާނެ. އޭރުން އާދީއްތަ ދުވަހުން ފެށިގެން ވެކްސިން ނުދެވި ހުރި ރަށްރަށުގައި ވެކްސިން ދެވޭނެ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ މަރަދު އާއި މަރަދޫފޭދޫން ވެކްސިން މިއަދު ނުދެވުނީ އެ ދެ ރަށަށް ބޭނުންވާ ވަރަށް ހިތަދޫން ވެސް ވެކްސިން ފޮނުވައި ދެވެން ނެތިގެން ކަމަށެވެ.