Last Updated: November 27, 01:11
Tuesday, November 26, 2024
މުނިފޫހިފިލުވުން

މަޝްހޫރު ލިއުންތެރިޔާ ޙުޝްވަންތު މަރުވެއްޖެ

ހިތް ދަމައިގަންނަ ފަދަ ވަރުގަދަ އިބާރާތްތަކުން އިނގިރޭސި ބަހުން ފޮތްތައް ލިޔަން މަޝްހޫރު އިންޑިއާގެ ލިއުންތެރިޔާ ޙުޝްވަންތު ސިންގް އުމުރުން 99 އަހަރުގައި މަރުވެއްޖެ އެވެ.

މިކަން އޭނާގެ އާއިލާ ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.

ޙުޝްވަންތުގެ ފިރިހެން ދަރިފުޅު ރާހުލް ސިންގް ބުނީ ބައްޕަ އެންމެ ފަހު ނޭވާ ލައިފައި ވަނީ ރޭ މެންދަމު 12:55 ގައި ކަމަށެވެ.

އޭނާގެ ޖަނާޒާ މިއަދު ހަވީރު 4:00 ގައި ނިއު ދިއްލީގެ ލޯޑީ ކްރެމެޓޯރިއަމްގައި ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އާދަޔާހިލާފް މޮޅު އިބާރާތްތަކުން އިނގިރޭސި ބަހުން ލިޔަން މަޝްހޫރުވި ޙުޝްވަތު ސިންގުގެ ލިއުންތައް އެންމެ ބޮޑަށް ފާހަގަވާން ފެށީ 1960 އާއި 1970 ގެ އަހަރުތަކުގެ ތެރޭގަ އެވެ. އޭނާ ވަނީ 40 އަށް ވުރެ ގިނަ ފޮތް، ލިޔެ އާންމުކޮށްފަ އެވެ.

އޭގެ ތެރޭގައި އެތައް ހާސް ކުރު ވާހަކަތަކެއް ވެސް ހިމެނެ އެވެ. ޙުޝްވަންތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފޮތަކީ 1956 ގައި ނެރުނު "ޓްރެއިން ޓް ޕާކިސްތާން" އެވެ.
އެ ފޮތުގައި ކިޔައި ދެނީ އިންޑިއާ އާއި ޕާކިސްތާން ވަކިވުމާ ގުޅިގެން އުފެދުނު އުދާސްތަކުގެ އަސަރު ގަދަ ހާދިސާތަކެވެ.

017349

އޭނާގެ އެންމެ ފަހުގެ ފޮތަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ނެރުނު "ދަ ގުޑް، ދަ ބޭޑް އެންޑް ދަ ރިޑިކިއުލަސް" އެވެ.

ފޮތްތައް ލިއުމުގެ އިތުރަށް ޙުޝްވަންތު ސިންގަކީ ކިއުންތެރިންގެ ވަރަށް މަގުބޫލް ކޮލަމިސްޓެއް ވެސް މެ އެވެ.

އެގޮތުން އަހަރުތަކެއް ވަންދެން އޭނާ ހަފުތާ މަޖައްލާއަކަށް ލިއުނު ކޮލަމް "މެލައިސް ޓްވާޑްސް ވަން އެންޑް އޯލް" އަކީ މިހާރު ވެސް ގިނަ ބައެއްގެ ހަނދާނުގައި ހުންނަ ވާހަކަތަކެވެ.