Last Updated: November 24, 17:24
Sunday, November 24, 2024
ސިޔާސީ

"ރިޝްވަތުގެ މައްސަލަތައް ފާހަގަ ކުރެވޭ"

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭންތައް މިއަދު ހަވީރު 6:00 އަށް ނިންމާލި އިރު، ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ރިޝްވަތު ދޭ ތަފާތު ކަންތައްތައް ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ދެކުނު ޑިވިޝަންގެ ކޮމާންޑަރު، އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ފައިސާ ބެހުމުގެ ކަންތައްތަކެވެ. އަދި އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ އެކަމެެއް ހިނގި ސަރަހައްދަށް ވަގުތުން ފުލުހުން ގޮސް އެކަން ބަލާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ދައްކަނީ އަތުން އަތަށް ދޭ އެއްޗެއްގެ ވާހަކަ. އަޅުގަނޑުމެން އެފަދަ ސީންއަކަށް އެޓެންޑް ކުރިއަސް މީހަކު ހައްޔަރުކޮށް ސުވާލުކުރެވޭކަށް ވެސް ނޯވޭ. އެއީ ސީދާ މީހާ މީހާ އަށް ދޭ އެއްޗެއް. އެކަމަކު އެފަދަ ކަމެއް ހިންގަން އުޅޭ ކަމަށް ޝައްކުވަންޏާ އެކަމެއް ވަގުތުން ހުއްޓުވާނަން. މިދިޔަ 24 ގަޑިއިރު އެފަދަ ކަންކަން އިތުރުވަމުން އަންނަކަން ފާހަގަވޭ،" ޝިފާން ވިދާޅުވި އެެވެ.

JHN

އެހެން ނަމަވެސް މިކަމާ ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް މީހަކު އައްޑޫން ހައްޔަރު ނުކުރެ އެވެ. އަދި ސުވާލެއްކޮށްފައި ނުވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

އެކަމަކު ފުލުހުން މިރޭ ކުރިއަށް ގެންދާ ޕެޓްރޯލް ހަރަކާތްތައް ބޮޑަށް އަމާޒުކޮށްފައި ހުރީ މިފަދަ މައްސަލަތައްް ހުއްޓުވަން ކަމަށް ފުލުހުން ބުންޏެވެ.