ރާއްޖެ އަށް މަންކީޕޮކްސް ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
ހަލުވި މިނެއްގައި ފެތުރެމުންދާ މަންކީޕޮކްސް އަކީ ދުނިޔޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ދުނިޔޭގެ ސިއްްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިއްޔެ ވަނީ ކަނޑައަޅާފަ އެވެ.
އެކަމާ ގުޅިގެން އެޗްޕީއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގައި މަންކީޕޮކްސް ބަލި ފެންނަމުންދާ ހާލަތަށް ބަލާއިރު ރާއްޖެ އަށް ވެސް މި ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް ކޮވިޑް-19އާ އަޅާބަލާއިރު މިފަދަ ބައްޔެއް ފެތުރުމުގެ ފުރުސަތު ބޮޑީ ވަރަށް ގައިގޯޅިކޮށް އެކުގައި އުޅޭ މީހުންގެ މެދުގައި ކަމަށްވުމުން މި ބަލި ފެތުރޭ ގޮތާއި މިންވަރު ތަފާތު ވާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
އެގޮތުން މަންކީޕޮކްސްގެ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ސިއްހީ ހިދުމަތްތެރިއަކަށް ދެއްކުމަށާއި، ބަލި ކަށަވަރު ކުރެވެންދެން އެހެން މީހުންނާ ގައިގޯޅިވުމުން ދުރުވެ އެކަހެރިވުން މުހިއްމު ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
އެޗްޕީއޭ އިން ބުނިގޮތުގައި މި ބަލި އާންމު ގޮތެއްގައި ފެތުރިފައިވަނީ ފިރިހެނުންގެ މެދުގަ އެވެ. އޭގެތެރެއިން ވެސް ހާއްސަކޮށް އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ މީހުންގެ މެދުގައި މި ފެތުރުން އާންމު ވެފައިވާއިރު އަންހެނުންނާއި ކުޑަކުދިިންގެ މެދުގައި ވެސް މި ބަލި މަދު މިންވަރަކަށް ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެ އެވެ.
އެޗްޕީއޭ އިން ވަނީ މި ބައްޔާއި ގުޅިގެން ވާންޖެހޭ ތައްޔާރިތަކާއި ދޭންޖެހޭ އިޖާބަ ދިނުމަށްޓަކާ ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ. އެގޮތުން މި ބައްޔަށް ސިއްހީ ހިދުމަތްތެރިން ހޭލުންތެރިކުރުވުމާއި، ޓެސްޓު ކުރެވޭނެ ގޮތް ގާއިމުކުރަން މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
މީގެއިތުރުން ސަވައިލެންސް ހަރުދަނާ ކުރުމާއި، ބަލިޖެހޭ މީހުންނަށް ފަރުވާ ކުރުމާ ބެހޭ ގައިޑްލައިންތައް ކަނޑައެޅުމުގެ އިތުރުން ވެކްސިނާއި ބޭސް ލިބޭނެ ގޮތްތައް ވެސް ބަލަމުން އަންނަ ކަމަށް އެޗްޕީއޭ އިން ހާމަކުރެ އެވެ.