މިއުޒިކް ވެސް ފާހިޝް ކަންކަމަށް މަގުފަހިނުވާ ގޮތަށް ކުޅުން ހަރާމް ނުވާ ގޮތަށް ޔޯގާ ވެސް ހަރާމްނުވާނެ ކަމަށް ކުރީގެ ރައީސް މައުމުން އަބަދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މި ފަހުން އެންމެ ބޮޑުވި އެއް މައްސަލަ ކަމަށްވާ ޔޯގާއާ ބެހޭ ގޮތުން ރާއްޖޭގެ ނޫހަކަށް ދެއްވާފައިވާ އިންޓަވިއުއެއްގައި މައުމޫން ވިދާޅުވީ "ޔޯގާ ހެދުމުގެ ތެރޭގައި ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ އެކަން ކުރުމަކީ މައްސަލައެއް ނޫން" ކަމަށާއި "އެއީ ހަމަ އާދައިގެ ކަސްރަތެއް" ކަމަށެވެ.
މިސްރުގެ އަޒުހަރު ޔުނިވަސިޓީން ތައުލީމު ހާސިލުކުރެއްވި މައުމޫން ވިދާޅުވީ ބައެއް މީހުން ބުނާ ގޮތުގައި ޔޯގާ ހެދުމުގައި އިރަށް އަޅުކަން ކުރުން ފަދަ ކަންކަން ކުރާ ކަމަށް ބުނާ ކަމަށެވެ.
"[އެކަަމަކު] އެ ކަހަލަ ކަމެއް ނެތިއްޔާ މައްސަލައެއް ނޫން އެއީ. ތިމާގެ ސިއްހީ، ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި ކުރާ ކަސްރަތުތަކެއް އެއީ." މައުމޫން ވިދާޅުވި އެވެ.
ރާއްޖޭގެ މިހާރުގެ ބައެއް ދީނީ އިލްމުވެރިން ޔޯގާއާ ބެހޭ ގޮތުން ނެރުއްވާ "ފަތުވާތަކަށް" އިޝާރާތްކުރައްވައި މައުމޫން ވިދާޅުވީ ޔޯގާ އާއި އިސްލާމް ދީނާ ގުޅުވައިގެން ދެއްކޭނެ ވާހަކައެއް ނެތް ކަމަށެވެ. އަދި ދީން ބިނާވެފައި ވަނީ ޤރުއާނާއި ސުންނަތުގެ މައްޗަށް ކަމަށްވާއިރު އޭގައި ޔޯގާއާ ގުޅުން ހުރި ވާހަކަތަކެއް ނެތް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"ހަރާމްވާނީ މާތް ﷲ ހަރާން ކުރެއްވި ކަންތައްތަކެއް. ހަރާން ކުރެއްވުމުގެ އިހުތިޔާރަކީ ހަމައެކަނި މާތް ﷲ އަށް އޮންނަ އިހުތިޔާރެކޭ. އެކަލާނގެ ނާންގަވާ ކޮންމެ ކަމަކީ ހަލާލު ކަމެއް." މައުމޫން ވިދާޅުވި އެވެ.
ޔޯގާމަ މައްސަލާގައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ބުނެފައި ވަނީ ޔޯގާ އަކީ ހިންދީ ދީނުގެ އަޅުކަމެއްކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީންވާ ކަމަށެވެ. އެގޮތުން ޔޯގާ ހެދުމުގެ ތެރޭގައި ހިންދީ ދީނުގެ ހާއްސަ ކަންތައްތަކެއް އިޢުތިޤާދުކުރުމާ އެކު ޔޯގާ ހަދާއިރު ހިންދޫ ކަލާނގެ އަށް ނިސްބަތްވާ ގޮތައް ޚާއްޞަ ކަލިމަތަކެއް ކިޔަން ޖެހޭ ކަމަށް ވެސް އަދާލަތުން ބުނެފައިވެ އެވެ. އެހެންވެ އެކަމުގެ ތެރޭގައި ކުރާ އިޢުތިޤާދުތަކަށް ބަލާއިރު މީހާ މަރުވުމަށް ފަހު ރޫޙު އެހެން މަޚްލޫޤަކަށް ބަދަލުވާކަމާއި މަތިވެރި އިލާހާ އެކުވާކަމާއި އަދި އިރު ކަލާނގެ މަތިވެރި ކުރުން ފަދަ އެތައް އިޢުތިޤާދުތައް ޔޯގާގެތެރޭގައި ހިމެނިގެންވާ ކަމަށް އަދާލަތުން ޔޯގާއާ ގުޅޭ ގޮތުން ނެރުނު ކަރުދާހެއްގައި ބުނެފައިވެ އެވެ.
އަދާލަތު ޕާޓީގެ އިތުރުން ދީނީ ގިނަ އިލްމުވެރިންތަކެއް ތިއްބަވާ ސަލަފަ ޖަމިއްޔާ އިން ވެސް ތަކުރުކޮށް ބުނަމުން އަންނަނީ ޔޯގާ އަކީ މުސްލިމުންނަށް ހުއްދަވާނެ ކަމެއް ނޫން ކަމަށާއި އެކަމާ ދުރުވާން ޖެހޭ ކަމަށެވެ.
ނަމަވެސް ޔޯގާ މައްސަލާގައި މައުމޫންގެ "ފަތުވާ" އެހެން ބޭފުޅުން ހިލާފުވެފައިވާ އިރު، ބުރުގާ އެޅުމާ މެދު މައުމޫން ނެރުއްވާފައިވާ "ފަތުވާ" ވެސް އާންމުންގެ ތެރޭގައި ބޮޑު ބަހުސަކަށްވެފައިވެ އެވެ. މިދިޔަ މަހު މައުމޫން އާންމުކުރެއްވި މަޒުމޫނެއްގައި ވިދާޅުވީ އުފަން ދުވަސް ފާހަގަކުރުމާއި އެކިއެކި ކުޅިވަރު ކުޅުމާއި މުނިފޫހި ފިލުވަންކުރާ ކަންކަމާއި ލަވަކިޔުމާއި މިއުޒިކް ކުޅުން ފަދަ ކަންކަމަކީ ހަރާމް ކަމެކޭ ބުނާނެ ތަނެއް ނެތް ކަމަށެވެ.
"އެހެން ނަމަވެސް އެއިން އެއްވެސް ކަމެއް ކުރުމުގެ ތެރޭގައި ހަރާމްކަމެއް އެކުލެވިގެންވާ ނަމަ ނުވަތަ އެކަމަކީ ހަރާމް ކަމަކަށް އަރައިގަތުމަށްޓަކައި ބޭނުންކުރެވޭ ވަސީލަތަކަށްވާ ނަމަ އެކަމެއް ހަރާންވާނެކަން ޔަގީން ކަމެކެވެ." މައުމޫން ވިދާޅުވި އެވެ.