ޔޯގާ، ލަވަ އަދި މިއުޒިކަކީ ހަރާމް ކަމެކޭ ބުނާނެ ތަނެއް ނެތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެކުލަވާލެއްވި ދިރާސާ ކަރުދާހުގައި ވިދާޅުވެއްޖެއެވެ.
އިޖުތިމާއީ އެކިއެކި ހަރަކާތްތަކާއި އިސްލާމް ދީނާއި ގުޅުވައި ރައްޔިތުންގެ މެދުގައި ފަތުރާ ބައެއް ރައުޔުތަކާއި ގުޅިގެން އެމްއާރްއެމްއިން ދެކޭ ގޮތް ހާމަކުރުމަށް އެ ޕާޓިން ވަނީ ބަޔާނެއް ނެރެފައެވެ. އަދި އެ ބަޔާނާއެކު ކުރީގެ ރައިސް އަދި އެ ޕާޓީގެ ޒައީމްގެ ދިރާސާ ކަރުދާހެއްވެސް އާންމު ކޮށްފައިވެއެވެ.
އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވަނީ، ފަހަކަށް އައިސް ދިވެހި މުޖުތަމައުގައި އިޖުތިމާއީ އަދި ދީނީ ބައެއް ކަންކަމުގައި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި، ހިޔާލުތަފާތުވުމާއި ކަންބޮޑުވުން އުފެދޭ ގޮތަށް، ބައެއް ފަރާތްތަކުން ދީނީ ނަޒަރުން ރައުޔުތައް ނެރުން އާންމުވެގެން ގޮސްފައިވާ ކަމަށެވެ. އަދި މިފަދައިން ނެރޭ ބައެއް ރައުޔުތަކަކީ އިސްލާމީ އުސޫލުތަކާ އެކަށޭނަ ދިރާސާއަށްވުރެއް އެ ރައުޔު ނެރޭ ފަރާތުގެ އަމިއްލަ ވިސްނުމަށް ބިނާކޮށް ނެރޭ ރައުރުތަކަށް ވެފައިވާ ކަމަށެވެ.
އެމްއާރްއެމްގެ ބަޔާނާއެކު އާންމު ކޮށްފައިވާ ރައީސް މައުމޫންގެ ދިރާސީ ކަރުދާހުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ހަރާމް ހަލާލްގެ ހުކުމް އިއްވުމުގެ ބާރު އޮންނަނީ، ހަމައެކަން މާތް ﷲ އަށް ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަންތައްތަކާ ބެހޭގޮތުން ނަޒަރު ހިންގާލާއިރު، އިސްލާމް ދީނަކީ ލުއިފަސޭހަ އަދި ހުރިހާ ޒަމާނަކަށާއި، ތަނަކަށް އެކަށީގެންވާ ނިޒާމެއްކަން ސާބިތުކޮށްދޭ ވަރަށް މުހިންމު ކަމަކަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ. އެ ކަމަކީ ހަރާމް ކުރައްވާފައި ނުވާ ކޮންމެ ކަމަކީ ހުއްދަ ކަމެއް ކަމުގައި މާތް ﷲ ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުން ކަމަށް ރައީސް މައުމޫން ގެ ކަރުދާހުގައިވެއެވެ.
މީގެއިތުރުން އެ ކަރުދާހުގައި ބުނެފައިވަނީ މާތްﷲ ހަރާމް ކުރެއްވި ކަން ސާބިތުނުވާ އެއްވެސް ކަމަކީ ހަރާމް ކަމެއް ކަމުގައި ބުނުމުގެ ހައްޤު އެއްވެސް އިންސާނަކަށް ނޯންނާނެ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ޤައުމީ ނުވަތަ އިޖްތިމާއީ މުނާސަބުތަތައް ފާހަގަކުރުމާއި، އިންސާނީ ގުޅުންތައް ބަދަހިކުރުމަށްޓަކައި ކުރެވޭ ކަންކަމާއި، އުފަންދުވަސް ފާހަގަކުރުމާއި، އެކިއެކި ކުޅިވަރު ކުޅުމާއި، މުނިފޫހިފިލުވުމަށް ކުރާ ކަންކަމާއި، އިސްލާމްދީނުގެ އުސޫލުތަކާއި ފުށުނާރާ ގޮތެއްގެމަތިން، ޔޯގާ ފަދަ ސިއްހީ ނުވަތަ ނަފުސާނީ ދުޅަހެޔޮކަން ބަދަހިކޮށް ވަރުގަދަ ކުރުމަށްޓައި ކުރެވޭ ކަސްތަކުތަކާއި، ލަވަކިޔުމާއި، މިއުޒިކު ކުޅުންފަދަ ކަންކަމަކީވެސް ހަރާމް ކަންކަމޭ ބުނާނެ ތަނެއް ނެތް ކަމަށެވެ.
"އެހެންނަމަވެސް، އެއިން އެއްވެސް ކަމެއް ކުރުމުގެ ތެރޭގައި ހަރާމް ކަމެއް އެކުލެވިގެންވާނަމަ ނުވަތަ އެ ކަމަކީ ހަރާމް ކަމަކަށް އަރައިގަތުމަށްޓަކައި ބޭނުންކުރެވޭ ވަސީލަތަކަށް ވާނަމަ، އެ ކަމެއް ހަރާމް ވާނެކަން ޔަގީނެވެ." ރައީސް މައުމޫންގެ ދިރާސާ ކަރުދާހުގައި ވިދާޅުވެފައިވެއެވެ.
ނޫސްބަޔާން: އިޖުތިމާޢީ އެކިއެކި ހަރަކާތްތަކާއި އިސްލާމް ދީނާއި ގުޅުވައި ރައްޔިތުންގެ މެދުގައި ފަތުރާ ބައެއް ރައުޔުތަކާއި ގުޅިގެން އެމް.އާރް.އެމް. އިން ދެކޭ ގޮތް ހާމަކުރުން
ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ ދިރާސާ ލިޔުން ވިދާޅުވުމަށް:https://t.co/IIfJwa9g5g
1/2 pic.twitter.com/bYQVb3KONr
— Maldives Reform Movement (MRM) 🇲🇻 (@MRM_Office) July 27, 2022
މިމައްސަލައިގައި ރައީސް މައުމޫން ދިރާސާ ކަރުދާހެއް ނެރުއްވާފައިވާއިރު، ޔޯގާ އަކީ ހަރާމް އެއްޗެއް ކަމަށް ބުނެ އަދާލަތު ޕާޓީ އާއި އިތުރު އިލްމުވެރިންތަކެއް ލިޔުންތަކެއް ނެރެފައިވެއެވެ.
މިފަދަ ކަންކަމުގައި ރާއްޖޭގައި ފަތުވާ ނެރެން އޮތް "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އިން އަދިވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.