Last Updated: November 25, 13:18
Monday, November 25, 2024
ޚަބަރު

މަންކީޕޮކްސް އަށް ޝައްކުވި މީހާ ނެގަޓިވް

Test tubes labelled "Monkeypox virus positive" are seen in this illustration taken May 23, 2022. REUTERS/Dado Ruvic/Illustration

މަންކީޕޮކްސް ޖެހިފައިވާ ކަމަށް ރާއްޖޭން ޝައްކުވި މީހާ އެ ބައްޔަށް ނެގެޓިވްވެއްޖެ އެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލަށް ދެއްކި ބިދޭސީ އަކު މަންކީޕޮކްސް ޖެހިފައިވާ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ބެލެވިގެން އޭނާ ޓެސްޓްކުރި އިރު، ނަތީޖާ ނެގަޓިވް ކަމަށާއި އެހެންވެ ރާއްޖޭގައި އެ ބަލީގެ އެއްވެސް ކޭހެއް ނެތް ކަމަށް ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި މީގެ ކުރިން ވެސް ޝައްކުކުރެވޭ މިފަދަ ކޭހެއް ފެނިގެން ޓެސްޓްކުރި އިރު، ނެގަޓިވްވެފައިވެ އެވެ.

ނަމަވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނި އެ ބަލި ރާއްޖެ އަށް އައުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފަ އެވެ. އެހެންވެ އެކަމަށް ރައްކާތެރިވުމަށް އިލްތިމާސްކޮށްފައިވާ އިރު، އެ ބައްޔަށް ރާއްޖޭން ތައްޔާރީތައް ވަމުން އަންނަ ކަމަށް އެތަނުން ބުނެފައިވެ އެވެ.

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން މިހާރު މަންކީޕޮކްސް ފެނިފައިވާ އިރު، މި ބަލި މިހާތަނަށް ޖެހުނު މީހުންގެ ތެރެއިން ގިނަ މީހުންނަކީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުން ކަމަށް ދައްކަ އެވެ. އެހެންވެ ބަލީގެ ނުރައްކާ އެންމެ ބޮޑީ ވެސް އެފަދަ މީހުންގެ މެދުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވެސް ބުނެފައިވެ އެވެ.