އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބްގައި ފޭދޫ ދާއިރާ އަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި މިހާރުގެ އެ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ އެންމެ މަދުން ވޯޓް ލިބި "ލަދުވެތި" ބަލިވުމަކާ އެކު މަޖިލިސް މެމްބަރުގެ ރިކޯޑަށް އަރައިފި އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ނާކާމިޔާބްވެ، އެދާއިރާއިން ޓިކެޓް ލިބުނު މުހައްމަދު ނިހާދުގެ ކެންޑިޑެންސީ ބާޠިލް ކުރުމަށް ސިވިލް ކޯޓަށް ހުށަހަޅުއްވައިގެން މަސައްކަތް ކުރެއްވި އަލްހާނަށް ފޭދޫ ދާއިރާ އިން ލިބިފައި ވަނީ އެންމެ 78 ވޯޓެވެ.
މިއީ މި އިންތުހާބްގައި ކުރީގެ މެމްބަރަކު ވާދަކޮށް ލިބުނު އެންމެ ދަށް ނަތީޖާ އެވެ.
އަލްހާން އާއި އެކު ޖުމްލަ 4 ކެންޑިޑޭޓުން ފޭދޫ ދާއިރާއަށް ކުރިމަތި ލެއްވި އިރު 1118 ވޯޓުން އެ ދާއިރާގެ ގޮޑި ކާމިޔާބް ކޮށްފައިވަނީ ޕީޕީއެމްގެ އިބްރާހިމް ދީދީއެވެ.
އަލްހާން އާއި ޕްރައިމަރީގައި ވާދަކޮށް މޮޅުވި މުހައްމަދު ނިހާދަށް ލިބިފައި ވަނީ 1073 ވޯޓެވެ.
އަމިއްލަ ގޮތުން ނިކުތް އިމާދު ސޯލިހް ވަނީ 254 ވޯޓު ހޯދައިފަ އެވެ.
އަލްހާން 2009 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސްއަށް ހޮވި ވަޑައިގަތީ އޭރު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޑީއާރްޕީންނެވެ. ނަމަވެސް އޭގެ ފަހުން އަލްހާން ވަނީ ޑީއާރްޕީ ދޫކޮށް އެމްޑީޕީ އާއި ގުޅި ވާދަވެރި އިންތިހާބަކުން އެމްޑީޕީގެ ނައިބް ރައީސް ކަން ހޯއްދަވާފަ އެވެ.
ނަޝީދުގެ ވެރިކަން ނިމުމަށް ފަހު ޕާޓީ އާ އުފެދުނު ހިޔާލް ތަފާތު ވުމަކަށް ފަހު އެމްޑީޕީން ވަކިވެވަޑައިގެން ގާސިމް އިބްރާހިމްގެ ޖުމްހުރީ ޕާޓީ އާއި ގުޅިވަޑައިގަތެވެ. އަދި އޭގެ ދުވަސްތަކެއް ފަހުން ވަނީ އެނބުރި އެމްޑީޕީ އާއި ގުޅިވަޑައިގެންފައެވެ.
ޕާޓީ ދޫކޮށް އެއް ޕާޓީން އަނެއް ޕާޓީ އަށް ބަދަލުވާން ފެށި ހިސާބުން އަލްހާންގެ "ސިޔާސީ ތަރި އޮއްސުނީ" ކަމަށް ގިނަ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. އެކަން އިންތިހާބުން ކިތަންމެ ފުރުހަމައަށް ވެސް ފެނިއްޖެ އެވެ. ބޮޑު ރިކޯޑަކާ އެކު އެވެ.
އެމްޑީޕީގެ ބައެއް މެމްބަރުން ބުނާ ގޮތުން ޕާޓީގެ ކެންޑިޑޭޓް މުހައްމަދު ނިހާދުއަށް މަޖްލިސް ގޮނޑި ގެއްލުނީ އަލްހާނު އާ ހެދި ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެ އެވެ.