އިމްތިއާޒް އަލީގެ ހިޓް ފިލްމް "ރޮކްސްޓާ" އިން ބޮލީވުޑަށް ތައާރަފްވި ނަރުގިސް ފަޙްރީއަކީ އެމެރިކާ އަށް އުފަން ބަތަލާއެކެވެ.
އެހެން ނަމަވެސް އެމެރިކާގައި މޮޑެލް ކުރުމަށް ފަހު، އޭނާގެ އަމާޒަކަށްވީ ބޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތް ކުރާށެވެ.
އެހެން ނަމަވެސް މިއީ ބޮލީވުޑްގެ އެހެން ތަރިންނަށް ބަލާ އިރު، ކަން ހިނގާ ގޮތާ މުޅިން އިދިކޮޅު ގޮތެކެވެ.
ނަރުގިސްގެ މިހާތަނަށް ރިލީޒްވީ އެންމެ ދެ ފިލްމެވެ. އެއީ ރަންބީރު ކަޕޫރާ އެކު ކުޅުނު "ރޮކްސްޓާ" ގެ އިތުރުން ޖޯން އަބްރަހަމް އާ އެކު ކުޅުނު "މެޑްރާސް ކެފޭ" އެވެ.
އޭނާގެ ތިން ވަނަ ފިލްމް "މޭ ތޭރާ ހީރޯ" އަންނަ އެޕްރީލް މަހުގެ 18 ގައި ރިލީޒް ވާނެ އެވެ.
އެހެން ނަމަވެސް މިސްރާބް މިހާރު ހުރީ ހޮލީވުޑާ ދިމާއަށް މިސްރާބު ޖަހައިފަ އެވެ. ފުރަތަމަ ފިލްމްގެ ޝޫޓިިން ފެށުމަށް އޭނާ އަންނަނީ އެންމެ ފަހުގެ ތައްޔާރީތައްވަމުންނެވެ. އަދި މިއީ އާދައިގެ ފުރުސަތެއް ވެސް ނޫނެވެ.
ނަރުގިސްގެ ފުރަތަމަ ހޮލީވުޑް ފިލްމުގެ ޑައިރެކްޓަރަކީ 2012 ވަނަ އަހަރު އޮސްކާ އަށް ނޮމިނޭޓްވި ފިލްމް "ބްރައިޑްސް މެއިޑް" ގެ ޑައިރެކްޓަރު ޕޯލް ފީގެވެ.
އަދި ވަކި ނަމެއް ހަމަޖެހިފައި ނުވާ މި ފިލްމުގައި ނަރުގިސް ފެނިގެން ދާނީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ "ޓްރާންސްޕޯޓާ" ގެ ތަރި ޖޭޒަން ސްޓެތަމް އާއި "ދަ ހީޓް" ގެ ބަތަލާ މެލީސާ މެކާތީ އާ އެކުގަ އެވެ.
އެ ތަރިންނާ އެކު ޕޯލްގެ ފިލްމުން ނަރުގިސް ފެނިގެން ދާނީ ސީކްރެޓް އެޖެންޓެއްގެ ގޮތުގަ އެވެ.
ފޮކްސް ޕްރޮޑަކްޝަމުން އުފައްދާ މި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި މިހާތަަނަށް މީޑިއާ އާ ހަމައަށް ތިލަވެފައެއް ނުވެ އެވެ.
އެކަމަކު ހޮލީވުޑްގެ ފިލްމަކުން ނަރުގިސް ފެނުމަކީ އޭނާގެ ފޭނުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލަކަށް ވާނެކަން ޔަގީނެވެ.
ބެލެވޭ ގޮތުގައި މި ފިލްމު އަންނަ އަހަރު ސިނަމާތަކަށް އަންނާނެ އެވެ. އޮތީ އިންތިޒާރެއްކޮށްލުމެވެ.