ގަލޮޅު ދަނޑުގައި ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝެއިހް އާދަމް ނިޝާން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކޮށްފިއެވެ.
ޝެއިހް ނިޝާން ބަންދުގައި ބަހައްޓާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ހައިކޯޓުގައި ބައްލަވައިފައިވަނީ ފަނޑިޔާރު ހުޒައިފާ މުހައްމަދު، އިސްފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން އެ މައްސަލައިގައި މިއަދު ހުކުމް އިއްވިއިރު، ކްރިމިނަލް ކޯޓުން ޝެއިހް ނިޝާން ބަންދު ކުރުމަށް ނެރުނު އަމުރަށް ތާއިދުކޮށްފައިވެއެވެ.
ޔޯގާ ދުވަސް ފާހަގަރަން މާލޭގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކުވަދެ ހަމަނުޖެހުން ހިންގާ އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ މީހުންނަށް ހަމަލާދީފައިވާއިރު، މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.