މި މަހުގެ 13 ވަނަ ދުވަހު ހިދުމަތް ދޭން ފެށި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އައްޑޫ ބްރާންޗް މިއަދު ހަވީރު ރަސްމީކޮށް ހުޅުވައިފި އެވެ.
މިއަދު ހިތަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެތަން ހުޅުއްވައި ދެއްްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މިނިސްޓަރު ވަނީ މި ބްރާންޗްގެ ސަބަބުން އައްޑޫ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ގެއަށް ބޭނުންވާ ސާމާނާއި ސައިކަލާއި، ގެދޮރު އިމާރާތް ކުރުން ފަދަ ކަންކަމަށް އެމްއައިބީ އައްޑޫ ބްރާންޗުން ލޯން ލިބޭނެ ގޮތް ފަހިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެމްއައިބީގެ ސީއީއޯ ހާރިސް ހާރޫން ވިދާޅުވީ ރާއްޖޭގައި ހިދުމަތް ދޭތާ ތިން އަހަރު ފަހުން، އެ ބޭންކުގެ ބްރާންޗެއް އައްޑޫގައި ހުޅުވިގެން ދިއުމަކީ، އިސްލާމިކް ބޭންކިން އަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް އޮތްކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
އަދި އައްޑޫން އިސްލާމިކް ބޭންކަށް އަބަދު ވެސް ބޮޑު ތަރުހީބެއް ލިބޭކަން ފާހަގަ ކުރެއްވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ހިތަދޫ ބްރާންޗްގައި ވަރަށް އަވަހަށް އޭޓީއެމް ވެސް ބަހައްޓައި ހިދުމަތް ދޭން ފަށާނެ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވަނީ އެމްއައިބީގެ ބްރާންޗެއް އައްޑޫގައި ހުޅުވައި ދިން ކަމަށްޓަކައި އެ ބޭންކަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
ބޭންކް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއައިބީން ވަނީ މިނިސްޓަރު ޝަހީމަށާއި މޭޔަރަށާއި އައިސީޑީގެ ސީއީއޯ ހާލިދް އަލް އަބޫދީ އަށް ހާއްސަ ފިލައެއް ވެސް ހަދިޔާ ކުރައްވައިފަ އެވެ.