އެމްއެންޑީއެފް ސަދަން އޭރިއާގައި ކުރިއަށް ގެންދިޔަ ސެކިއުރިޓީ އޮފިސަރުން ތަމްރީނު ކުރުމުގެ ކޯސް ނިންމާލައި ބައިވެރިންނަށް މިއަދު ސެޓްފިކެޓް ދީފި އެވެ.
ސެޓްފިކެޓް ދޭން މިއަދު ހެނދުނު ގަމުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ އެމްއެންޑީއެފްގެ ކޮމާންޑަ އިން ޗީފް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމެވެ.
މި ކޯހުގައި ޖުމްލަ 25 ޒުވާނުން ބައިވެރިވި ނަމަވެސް، ސިއްހީ މައްސަލަތަކަކާ ގުޅިގެން ދެ ބައިވެރިއަކު ކޯހުން ވަކިވުމުން ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލް ކުރީ 23 ބައިވެރިންނެވެ. އެއީ އައްޑޫން ހަ ޒުވާނަކާއި ފުވައްމުލަކުން 17 ޒުވާނެކެވެ.
މުޅި ކޯހުގެ އެންމެ މޮޅު ތިން ވަނަ ގެންދިޔައީ ފުވައްމުލަކުގެ ތިން ބައިވެރިއެކެވެ. އެއީ އެއް ވަނަ އަށް ހޮވުނު އަލީ ސަފްވާން އިބްރާހީމާއި ދެވަނަ ލިބުނު މޫސާ އަބްދުﷲ ގެ އިތުރުން ތިން ވަނަ ލިބުނު ކަރަން އަހުމަދެެވެ.
މީގެ އިތުރުން މުޅ ކޯހުގައި އެންމެ ބޮޑަށް ހިތްވަރު ކުރި ބައިވެރިއަކަށް ހޮވުނީ ފޭދޫ ދުންމާރިގޭ އަލީ ހަލީލެވެ.
ޝިޔާމް ވިދާޅުވީ އައްޑޫގައި ކުރިއަށް މި ގެންދިޔަ ސެޓްފިކެޓް ލެވެލް އެކެއްގެ ސެކިރިޓީ ކޯހަކީ ސިފައިންގެ ތާރީހުގައި ސިފައިން ނޫން ބަޔަކަށް، މިހާތަނަށް ހިންގި ފުރަތަމަ ސެކިއުރިޓީ އޮފިސަރުން ތަމްރީނު ކުރުމުގެ ކޯސް ކަމަށެވެ.
އެހެންވެ ކޯހުގެ ބައިވެރިން ދަސްވި އެއްޗެއްގެ ބޭނުން ވަޒީފާގެ މާހައުލުގަިއ ބޭނުންކޮށް، ސެކިއުރިޓީ އޮފިސަރުންނަކީ އާންމުން ބަަލައި ގަންނަ ފަދަ ބަޔަކަށްވުމަށް އިލްމާސް ކުރެއްވި އެވެ. އަދި އެމްއެންޑީއެފުން ތަމްރީނު ކުރި އޮފިސަރުންނަކީ ސެކިއުރިޓީންނާ ދޭތެރޭ އާންމުން މިހާރު ދެކޭ ގޮތް ބަދަލު ކުރަން މަސައްކަތްތަކެއް ކުރަން ޖެހޭ ބައެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެހެންވެ ކުރިއަށް އޮތް ތަނުގައި އެ މަންޒަރު ފެނިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މޭޖަ ޖެނެރަލް ވިދާޅުވި އެވެ.
ޝިޔާމް މިއަދު ވަނީ ކޯހަށް އެހީތެރިކަން ފޯރުކޮށް ދިން ގަން އެއާޕޯޓަށާއި ޝަންގްރިއްލާ ވިލިގިލި ރިސޯޓަށް ވެސް ހަނދާނީ ލިއުން ދެއްވައިފަ އެވެ.
ކޯހުގައި ކިޔަވައި ދެއްވި މުދައްރިބުންނަށް ހަނދާނީ ލިއުން ދެއްވީ ސަދަން އޭރިއާގެ ކޮމާންޑަރު ކާނަލް ވައިސް ވަހީދެެވެ.