Last Updated: January 30, 12:01
Thursday, January 30, 2025
މުނިފޫހިފިލުވުން

"ލައިގާ" އިން ވަރަށް ތަފާތު ލަވައެއް

މި މަހުގެ ފަހުކޮޅު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ލައިގާ" އިން ވަރަށް ތަފާތު ލަވައެއް އާންމުންނަށް ދޫކޮށްލައިފި އެވެ.

"އާފަތު" ގެ ނަން ދީފައިވާ މި ލަވަ އަކީ އޭގެ މިއުޒިކާއި ކިޔާފައިވާ ސްޓައިލްގެ އިތުރުން ލަވައިގެ ނެށުމުގައި ވެސް "ކެޗީ" ސްޓެޕްތަކެއް ހިމެނޭ ލަވައެކެވެ. "ލައިގާ" ގެ ދެ ތަރިން ކަމަށްވާ ވިޖޭ ދެވަރަކޮންޑާ އާއި އަނަންޔާ ޕާންޑޭގެ ކެމިސްޓްރީ ވެސް ވަރަށް ޗާލުކޮށް ފެންނަ ލަވައިގެ މިއުޒިކް ހަދައި، މީގެ ފިރިހެން އަޑަކީ ތަނިޝްގް ބަގްޗީ އެވެ. ރަޝްމީ ވިރާގް ޅެން ހެދި ލަވައިގެ އަންހެން އަޑަކީ ޒަހްރާ އެސް ޚާނެވެ. އަދި ލަވައިގެ ތެރެއިން ރިޗާ ޝަރުމާގެ ޑައިލޮގްކޮޅުތަކެއް ވެސް ހިމަނާފައިވެ އެވެ.

"އާފަތު" ލަވައިގެ މަންޒަރުތައް ނަގާފައި ވަނީ ތައިލޭންޑްގަ އެވެ. ލަވައިގެ ނެށުން ތައްޔާރުކޮށް ދިނީ ޕިޔޫޝް-ޝާޒިއާ އެވެ.

މި މަހުގެ 25 ގައި ރިލީޒްކުރަން ތައްޔާރުވަމުން އަންނަ "ލައިގާ" އަކީ އެކްޝަން ސްޕޯޓްސް ޑްރާމާއެކެވެ. ކަރަން ޖޯހަރްގެ ދަރުމާ އިން ޕްރޮޑިއުސްކޮށް، ޕޫރީ ޖަގަންނަތު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. މީގެ ކާސްޓްގައި ރާމިއާ ކްރިޝްނަން، ރޯނިތު ރޯއި، މަކްރަންދު ދޭޝްޕާންޑޭ އަދި އެމެރިކާގެ ބޮކްސިން ލެޖެންޑް މައިކް ޓައިޒަން ވެސް ހިމެނެ އެވެ.

"ލައިގާ" އަކީ ދަރުމާ އިން މި އަހަރު ރިލީޒްކުރާ ތިން ވަނަ ފިލްމެވެ. މި އަހަރު އެ ސްޓޫޑިއޯ އިން ކުރިން ގެނެސްދިން ދެ ފިލްމަކީ ފެބްރުއަރީގައި ރިލީޒްކުރި "ގެހަރާއިޔާ" އާއި ޖޫންގައި ރިލީޒްކުރި "ޖުގް ޖުގް ޖިއޯ" އެވެ.