ރައްކާތެރި ގޮތުގައި ލުއި ކާނާ އުފައްދައި ދިގު މުއްދަތަކަށް ބެހެއްޓޭނެ ގޮތް ދަސްކޮށް ދިނުމާ ބެހޭ ކޯހެއް އައްޑޫގައި ފަށައިފި އެވެ.
މި ކޯސް ކުރިއަށް ދަނީ ހިތަދޫގައި ގައުމީ ޔުނިވަސިޓީގެ ކެމްޕަހުގަ އެވެ. އިއްޔެ އިން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހުގައި 30 ފަރާތަކުން ބައިވެރިވެފައިވެ އެވެ.
މީގެ ތެރޭގައި ގިނައިން ހިމެނެނީ ސާކް ގައުމުތަކުގެ އަންހެނުންގެ ކުރިއެރުމަށް އުފައްދާފައިވާ ސަބާ ޕްރޮޖެކްޓްގައި ރަޖިސްޓްރީވެފައިވާ އަންހެނުންނެވެ.
އިކޮނޮމިކް މިނިސްޓްރީގެ އެހީތެރިކަމާ އެކު އައްޑޫގައި ކުރިއަށް ގެންދާ ކޯހުގައި ކިޔަވައި ދެއްވަނީ، މި ކޯހުގެ ކޮންސަލްޓަންޓް ޑރ. އައިޝަތު ނާއިލާ އެވެ.
އޭނާ ވިދާޅުވީ ކޯހުގެ މައިގަނޑު އަމާޒަކީ ރައްކާތެރިކަމާ އެކު ލުއި ކާނާ ފެންވަރު ރަނގަޅުކޮށް، އުފައްފައި އެ ތަކެތި ކޮލިޓީކޮށް ޕެކްކޮށް މާކެޓް ކުރާނެ ގޮތް ބައިވެރިންނަށް ދަސްކޮށް ދިނުން ކަމަށެވެ.
އެގޮތުން މައިގަނޑު 10 ލުއި ކާނާއެއް ހަލާކު ނުވެ، ގިނަ ދުވަހަށް ހުންނާނެ ގޮތަށް ތައްޔާރު ކުރަން ކޯހުގެ ތެރޭގައި ބައިވެރިންނަށް ދަސްވާނެ ކަމަށް ޑރ. ނާއިލާ ވިދާޅުވި އެވެ.
މި ކޯހުގައި ބައިވެރިވާ ސަބާ ޕްރޮޖެކްޓްގެ އައްޑޫ ޓްރެއިނަރު ފާތުމަތު ހަނީފާ ވިދާޅުވީ، ކޯހުގައި ބައިވެރިވާ މީހުންގެ ތެރޭގައި ތިބި، ސަބާގައި ރަޖިސްޓްރީ ނުވާ މީހުން ރަޖިސްޓްރީކޮށް، އެ މީހުންނަށް ވެސް ސަބާގެ ތެރެއިން އާމްދަނީ ހޯދޭނެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށެވެ.
އަދި މި ކޯހަކީ ބައިވެރިންނަށް ވަރަށް ބޭނުންތެރި ކޯހެއް ކަމަށް ފާތުން ބުންޏެވެ.
އޭނާ ބުނީ ސަބާ އިން ހަރަދުކޮށްގެން ހިތަދޫގައި ލުއި ކާނާ ތައްޔާރުކޮށް އެ ތަކެތި ޕެކް ކުރުމާ ހަމައަށް ކުރަން ޖެހޭ ހުރިހާ ކަންކަން ކުރެވޭ ކަހަލަ މަރުކަޒެއް ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އެކަމަށް ކައުންސިލުން ވަނީ ހިތަދޫން އިމާރާތެއް ވެސް ހަމަޖައްސައި ދީފަ އެވެ. އެއީ ކުރީގެ މާލިއްޔާ އެވެ.
ސަބާ މެމްބަރުންގެ ގޮތުގައި މިހާރު އައްޑޫގައި 78 އަންހެނުން އެބަ ތިއްބެވެ.