މަރަދޫފޭދޫ ޕަބްލިކް ހެލްތު ޔުނިޓް ހިންގާ އިމާރާތަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މިހާރަށް ވުރެ ތަފާތު ގޮތަކަށް އެތަން ހިންގަން ހެލްތު މިނިސްޓްރީން ނިންމާފައިވާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ހަދީޖާ ހަފުސާ ވިދާޅުވީ އެތަން ހިންގާނީ މާލޭގައި ހެލްތު މިނިސްޓްރީން މިހާރު ހިންގާ "ދަމަނަ ވެށި" އާ އެއްގޮތަކަށް ކަމަށެވެ.
އެއީ އެކިއެކި ކްލިނިކްތަކުގެ ހިދުމަތްތަކާ އެކު ގްރޭޑް އެކެއް ކެޓަރީގެ ސިއްހީ މަރުކަޒެއްގެ ގޮތުގަ އެވެ.
މަރަދޫފޭދޫ ޕަބްލިކް ހެލްތު ޔުނިޓް ހިންގާ އިމާރާތަކީ ކުރިން، އެ ރަށުގެ ސިއްހީ މަރުކަޒެވެ. ނަމަވެސް އެތަން ޕަބްލިކް ހެލްތު ޔުނިޓަކަށް ބަދަލު ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އައްޑޫ ސިޓީ ކައުންސިލުންނެވެ.
އަދި ފަހުން އެތަނުގައި ޕްރައިވެޓް ކުލިނިކެއް ހިންގަން ބޭނުންވާ ފަރާތަކަށް ދިގު މުއްދަތަކަށް ދޭން އައްޑޫ ސިޓީ ކައުންސިލުން ބީލަމަށް ލުމުން ބައެއް ފަރާތްތަކުން ކުރިމަތި ވެސް ލި އެވެ.
ނަމަވެސް އިމާރާތުގެ މިލްކުވެރިކަމާ ދޭތެރޭ ކައުންސިލާއި ހޮސްޕިޓަލާ ދޭތެރޭ އުފެދުނު ހިޔާލު ތަފާވުންތަކާ ގުޅިގެން، ކައުންސިލުން ކުރަން އުޅުނު މަސައްކަތް ވަނީ ހުއްޓާލައިފަ އެވެ.
އެއާ އެކު މަރަދޫފޭދޫ ޕަބްލިކް ހެލްތު ޔުނިޓުގެ މަސައްކަތަށް ގެނައި ބަދަލުތަކާ ގުޅިގެން އެ ޔުނިޓަކީ މިހާރު އެކަށީގެންވާ ގޮތަކަށް ހިނގާ ތަނެއް ނޫނެވެ. ތަނުގައި ތިބެނީ ވެސް އެންމެ ދެ މުވައްޒަފުންނެވެ.
ހަފުސާ ވިދާޅުވީ އެ އިމާރާތުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފޭތީ މާލީ ގޮތުން ވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
"އެހެންވެ ދެ ތަނާ ދޭތެރޭ މިނިސްޓްރީން ގޮތެއް ނިންމައި ދޭން އަޅުގަނޑުމެން މީގެ ކުރިން ވެސް ހުށަހަޅާފައި ވާނެ. އެއްގޮތަކީ އެތަން އުވާލުން. އަނެއް ގޮތަކީ މިހާރަށް ވުރެ ރަނގަޅަށް އެތަން ހިންގޭނެ ގޮތެއް ހަދައި ދިނުން. އެކަމަކު އެކަމަށް އެކަށީވެންވާ އިޖާބައެއް ލިބިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ހެލްތު މިނިސްޓްރީ އާ ޑރ. މަރިޔަމް ޝަކީލާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ އިމާރާތާ ގުޅޭ ކަންކަން ކުރިއަށްދާ ކަމަށް ހަފުސާ ވިދާޅުވި އެވެ.
"މިނިސްޓްރީން މިހާރު ބޭނުން ވަނީ މާލޭގައި ހިންގާ ދަމަނަ ވެށްޓާ އެއްގޮތަށް ހިންގަން. އެގޮތުން އިމާރާތަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އަޕްގްރޭޑް ކުރެވި އިތުރު މުވައްޒަފުންތަކަކާ އެކު އާ ހިދުމަތްތަކެއް ދެވެން ފެށޭނެ،" އޭނާ ވިދާޅުވި އެވެ. "އެ މަސައްކަތްތައް މިނިސްޓްރީން ވަރަށް ބާރަށް ކުރިއަށް އެބަ ގެންދޭ. މި އަހަރުގެ ތެރޭގައި އެކަން ވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ."