ތެއްތިރީސް ހާސް މީހުންގެ ބޮޑު އާބާދީއެކެވެ. އެންމެ އަސާސީ އެއް ހިދުމަތް ކަމަށްވާ ސިއްހީ ހިދުމަތް އެންމެ އާދައިގެ ރައްޔިތު މީހާ ވެސް ބޭނުންވާ ފެންވަރަކަށް ނުލިބެ އެވެ.
އައްޑޫގެ އިތުރުން ދެކުނުގެ އަނެއް ތިން އަތޮޅުގެ ރައްޔިތުންނަށް ވެސް ހިދުމަތް ދޭން ތަރައްގީ ކުރި ހިތަދޫ ރީޖަނަލް ހޮސްޕިޓަލަކީ ނޮވެމްބަރު 24، 1984 ގައި ހުޅުވި ހޮސްޕިޓަލެކެވެ. ބާރަ އެނދާ އެކު އެވެ.
އެކަމަކު މިހާތަނަށް އައި އިރު މި ހޮސްޕިޓަލަށް އެދެވޭ ކުރިއެރުމެއް އައިސްފައެއް ނެތެވެ. ބަލި މީހަކު ފަރުވާ ހޯދަން އެތަނަށް ހިނގައްޖެ ނަމަ ގިނަ ފަހަރަށް އޮންނަނީ "ތައްގަނޑު" ޖަހާފައި މާލެ ފޮނުވާލުމެވެ. އެއީ ބޮޑު ތަކުލީފެކެވެ. އެތައް ހަރަދެކެވެ. ރައްޔިތުންގެ ކުރިމަތީގައި އޮތް ވަރަށް ބޮޑު "މުސީބާތެ" ކެވެ.
ހިދުމަތް ދޭނެ ޑޮކްޓަރެއް ހުރި ނަމަ، ހިދުމަތް ދޭނެ ވަސީލަތްތަކެއް ނެތެވެ. ވަސީލަތެއް ހުރި ނަމަ އެއިން ހިދުމަތް ދޭނެ ޑޮކްޓަރެއް ނުހުންނާނެ އެވެ. ބޭހެއް ފަސޭހައިން ލިބޭނެ ގޮތެއް ނޯވެ އެވެ.
މިހާރު ހުރީ ކޮން މައްސަލަތަކެއް؟
ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް 30 އަހަރުވީ އިރު، އެތަނަށް އައީ ކޮން ބަދަލެއްތޯ އެވެ؟ ޖާގަ ކުޑަވެއްޖެ އެވެ. އިމާރާތް ބާވެ، ސިއްހީ ހިދުމަތް ދޭން އެކަށީގެން ނުވާ ވަރުގެ ތަނަކަށް އެތަން ވެއްޖެ އެވެ.
އެނދާއި ބާލީހާއި ބެޑްޝީޓްތަކާއި އެ ނޫން ވެސް އެތަނުގައި ހުރި އެތައް ވަސީލަތްތަކެއް ހުރީ "ފީވެފަ" އެވެ. ބޭނުންވާ މެޑިކަލް އިކްޕްމަންޓްސްއެއް ނެތެވެ. ހުރި ނަމަ ހުރި އެއްޗެއްގައި ވެސް މައްސަލަ އެވެ.
ފުރާޅުން ވާރޭ ވެހެނީ އެވެ. ހޮސްޕިޓަލްގެ ތެރޭގައި ހުރި ޖަންގްޝަންތަކުން ނަޖިސް ބޭރުވެ، އެތަނުގެ މުވައްޒަފުންނާއި ހިދުމަތް ހޯދަން ދާ ބަލި މީހުން ވެސް އިތުރަށް ބަލި ވަނީ އެވެ.
އަނެއްކޮޅުން ޑޮކްޓަރުން ހޯދުން އެހާ ދައްޗެވެ. ޑޮކްޓަރުން އެތަނުގައި ހަރެއް ވެސް ނުލަ އެވެ. ތަފާތު އެކި ސަބަބުތަކާ ހުރެ އެތަނަށް ޑޮކްޓަރުން އަންނާކަށް ބޭނުމެއް ނުވެ އެވެ.
ޑޮކްޓަރުން ނެތިގެން ގިނަ ފަހަރަކަށް ބަލި މީހާ ފޮނުވާލަން ޖެހެނީ މާލެއަށެވެ. މިއީ އެންމެ އާންމު އެއް މައްސަލަ އެވެ.
އާންމުންގެ އެންމެ ބޮޑު ޝަކުވާ އެވެ. އަދި ހައްލެއް ނައިސް އޮތް އެންމެ ސީރިއަސް އެއް މައްސަލަ އެވެ.
އާ ހޮސްޕިޓަލެއް މުހިއްމު ވަނީ ކީއްވެ؟
އައްޑު އަށް އާ ހޮސްޕިޓަލެއް މުހިއްމު ވަނީ ކީއްވެތޯ އަހާލައިފި ނަމަ ގިނަ ބައެއްގަ ޖަވާބަކަށް ވާނީ މިހާރު ހުރި ހޮސްޕިޓަލް ހިދުމަތް ދޭން އެކަށީގެން ނުވުމެވެ.
ދެހާސް ދިހަ ވަނަ އަހަރާ ހަމައަށް އެއީ 50 އެނދުގެ ހޮސްޕިޓަލެކެވެ.
އެކަމަކު 2011 ވަނަ އަހަރު އައްޑޫގައި ސާކް ސަމިޓް ބާއްވަން ހިންގި މަޝްރޫއުތަކުގެ ތެރޭގައި ހިމަނައިގެން އެ ހޮސްޕިޓަލްގެ އާބާތުރަ ކޮންމެވެސް ވަރަކަށް ފިލުވި އެވެ.
މިހާރު އެތަނަށް އައިސްފައި ހުރި ބަދަލަކީ އޭގެ ނަތީޖާ އެވެ. އެކަމަކު އެއީ ބަލި މީހާގެ ބައްޔަށް ޝިފާއެއް ލިބޭނެ ކަމެއް ނޫނެވެ.
ފަންސާސް އެނދުން 74 އެނދަށް ޖާގަ އިތުރުވެއްޖެ އެވެ. ހޮސްޕިޓަލްގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން މައި ދޮރު ބަދަލު ކުރެވުނެވެ. ހިދުމަތް ހޯދަން ދާ މީހުން މަޑު ކުރާ ތަން ފިނި ކުރެވުނެވެ. އައިސީޔޫ އަށް ބަދަލުތަކެއް ގެނެސް، ޕްރައިވެޓް ރޫމްތަކެއް ވެސް ހެދި އެވެ.
އެކަމަކު އެއީ މުޅި ހޮސްޕިޓަލަށް ކުރިމަތިވެފައި ހުރި މައްސަލަތަކަށް ހައްލެއް ނޫނެވެ.
މިހާރު ހުރި ހޮސްޕިޓަލަށް ޖާގައިގެ ދަތިކަން އިންތިހާ އަށް އަދިވެސް އޮތް އިރު، ހޮސްޕިޓަލް ހުރި ބިމުގައި ދެން އިތުރަށް ކަމެއް ކުރާނެ ބިމެއް ނެތެވެ.
ހިދުމަތް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް އެކަށީގެންވާ ސިއްހީ ހިދުމަތެއް ފޯރުވައި ދޭން ބޭނުންވާ ނަމަ އައްޑު އަށް ބޭނުން ވަނީ، ގިނަ ވަސީލަތްތަކާ އެކު، ގިނަ ހިދުމަތްތަކެއް ދެވޭވަރުގެ އާ ހޮސްޕިޓަލެކެވެ. ހުން އަންނަ އިރަށް މާލެ ދާން ޖެހޭ ޖެހުމަށް ނިމުމެއް އަންނާނީ މިކަން ކުރެވިގެން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މިވަރުގެ އާބާދީއެއް އޮތް ތަނެއްގައި މި ފެންވަރުގައި ސިއްހީ ހިދުމަތް އޮތުމަކީ ވަރަށް ބޮޑު މައްސަލައެއް،" ކުރީގެ ސަދަން ހެލްތު ސާވިސް ކޯޕަރޭޝަން (އެސްއެޗްއެސްސީ) ގެ ޑިރެކްޓަރުކަން ކުރެއްވި އިބްރާހީމް ސޮބްރީ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އަތޮޅުގައި ތިބެގެން އަޅުގަނޑުމެންނަށް ބޭސް ފަރުވާ ކުރެވެން ޖެހޭނެ. މިހާރު ޑޮކްޓަރަކަށް ދައްކާ އިރަށް މި ފޮނުވާލަނީ މާލެ އަށް. މިކަން މިހާރު މި އޮތީ މަޖުބޫރު ކަމަކަށްވެފައި. މިއީ އަބަދު މިކަން ކުރެވޭނެ ގޮތެއް ނޫން."
ބޭނުންވާ ސިއްހީ ހިދުމަތްތައް ނުލިބިގެން އައްޑޫން އެތައް ބަޔަކު ހިޖުރަ ވެސްކޮށްފި އެވެ. އެއީ ގަބޫލް ކުރަން ޖެހޭ ހަގީގަތެކެވެ.
އެކަން އެންމެ ބޮޑަށް ސާފުވީ ދާދި ފަހުން ހޮސްޕިޓަލުން ކިޑްނީގެ ބަލި މިހުންނަށް ޑަޔަލިސިސްގެ ހިދުމަތް ދޭން ފެށުމުން، އަތޮޅުން ހިޖުރަކޮށްފައި ތިބި އެ ފަރުވާ ހޯދާ ބައެއް މީހުން އެނބުރި އައްޑު އަށް އައުމެވެ.
ބޭނުން ވަނީ 100 އެނދުގެ ހޮސްޕިޓަލެއް
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސިއްހީ ހިދުމަތް ޕްރައިވެޓައިޒް ކުރަން އަމާޒު ހިފި އެވެ.
އެ މަސައްކަތުގެ ތެރެއިން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގާނެ ބަޔަކު ހޯދަން އެތައް ފަހަރަކު އިންޓަނެޝަނަލް ޓެންޑާ އަށް ވެސް ހުޅުވާލި އެވެ.
އޭރު ހެލްތު މިނިސްޓްރީން ބުނަމުން ދިޔައީ ބޭރުގެ ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅު ކުރި ދިޔަ ކަމަށެވެ. އެކަމަކު އެކަން ވާ ގޮތެއް ނުވެ އެވެ.
އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅާ ވާހަކަ ދައްކަނީ 2005 ވަނަ އަހަރުން ފެށިގެންނެވެ. މި ހޮސްޕިޓަލް އަޅަން ބިމެއް ވެސް ކަނޑައަޅާފައި އޮންނަތާ ލައްކަ ޒަމާންވެއްޖެ އެވެ.
ބޭރުގެ ލޯން އެހީ އާ އެކު އަޅަން ނިންމާފައިވާ މި ހޮސްޕިޓަލްގެ ލޯން އެއްބަސްވުމުގައި 2011 އަދި 2012 ގައި ސޮއި ކުރެވުނެވެ.
އެގޮތުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރީ އޮކްޓޯބަރު 21، 2011 ގައި ޑރ. އައިމިނަތު ޖަމީލްގެ ހެލްތު މިނިސްޓަރުކަމުގަ އެވެ. އެއީ 47 މިލިއަން ރިޔާލް (12.5 މިލިއަން ޑޮލަރު) ގެ އެއްބަސްވުމެކެވެ.
އޭގެ ފަހުން 2012 ވަނަ އަހަރު އޯޕެކް ފަންޑް ފަންޑް ފޯ ޑިވެލޮޕްމަންޓް )އޯޕިޑް( އާ އެކު ސޮއި ކުރީ 8.4 މިލިއަން ޑޮލަރު (129.5 މިލިއަން ރުފިޔާ) ގެ ލޯން އެއްބަސްވުމެއްގަ އެވެ. އެއީ ޑރ. އަހުމަދު ޖަމްޝީދުގެ މިނިސްޓަރުކަމުގައި އޮކްޓޯބަރު 16، 2012 ގަ އެވެ.
100 އެނދުގެ ހޮސްޕިޓަލް ލަސްވަނީ ކީއްވެ؟
"މިހާތަނަށް ހެލްތު މިނިސްޓްރީން ހިންގެވި އެއްވެސް މިނިސްޓަރަކު އެކަމަށް ދޭން ވަރަށް ސަމާލުކަން ނުދެއްވަނީ. ނުވަތަ ސަރުކާރަށް އެކަން އެހާ މުހިއްމު ކަމަކަށް ނުވަނީ،" ޕީޕީއެމްގެ އައްޑޫގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 100 އެނދުގެ ހޮސްޕިޓަލް ހަގީގަތަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"އެކަމަކު ކަންތައްތައް އަދި ގޮސްފައި އޮތް ހިސާބަށް ބަލާ އިރު، އެކަން ވާނެ ކަމުގެ ނިޝާންތަކެއް އަދިއެއް ނުފެނޭ. އެކަމަކު ސަރުކާރުގެ ބައެއް ވަޒީރުން އައްޑު އަށް ވަޑައިގެން އެ ހޮސްޕިޓަލްގެ ވާހަކަ އެބަ ދައްކަވާ،" ރަޝީދު ވިދާޅުވި އެވެ. "އެކަމަކު އަދި އެއީ ހަމަ ހުސް ވާހަކަތަކެއް. އަމަލީ ގޮތުން ކަމެއް ކުރަން އުޅޭ ތަނެއް ގައިމުވެސް އަދިއެއް ނުފެނޭ. އެކަން ނުވާ ކަމަށް ވަންޏާ އަޅުގަނޑުމެން ސަރުކާރަށް ޕްރެޝަރު ކުރަމުން ގެންދާނަން. އެކަމަށް އެދޭނަން. މަޑަކުން ނުތިބޭނަން." ރަޝީދުގެ މި ވާހަކަތަކާ އެކު އެހެން ވާހަކައެއް ވެސް އޭނާ ހިއްސާ ކުރެއްވި އެވެ.
އެއީ އައްޑޫގައި މިހާރު ހުރި ހޮސްޕިޓަލް މަޑުމަޑުން ތަރައްގީކޮށްފައި، ރީޖަނަލް ހޮސްޕިޓަލެއްގެ ގޮތުގައި ފުވައްމުލަކު އަތޮޅު ހޮސްޕިޓަލް ތަރައްގީ ކުރަން ސަރުކާރުން ވިސްނާފައިވާ ކަމަށް ދެކެވޭ ވާހަކަތަކެވެ.
"އެކަހަލަ ވާހަކަތަކެއް ރަށުތެރޭގައި ދައްކާ އަޑު އެބަ އިވޭ. އެކަމަކު ބައެއް މިނިސްޓަރުން އެބަ ވިދާޅުވޭ، އައްޑޫގައި ހަދަން ބުނާ 100 އެނދުގެ ހޮސްޕިޓަލް ހަމަ މި ތަނުގައި މި ފަސް އަހަރުގެ ތެރޭގައި އަޅައި ދެއްވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ. "އެހެންވެ އަދި މިކަހަލަ ވާހަކަތަކެއް އަޑު އިވުނަސް އަޅުގަނޑުމެން ނާއުންމީދެއް ނުވަން."
ސޮބްރީ ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެއްވުނު ނަމަ 2013 ގައި 100 އެނދުގެ ހޮސްޕިޓަލް ހުންނާނީ ނިމިފައި ކަމަށެވެ.
"އޭރު ވަރަށް ބޮޑަށް މި ޕްރޮޖެކްޓާ ގުޅޭ ކަންކަން ސަރުކާރުގެ ތެރޭގައި ކުރެވެމުން ދިޔަ. އެގޮތުން 2012 ގެ މާޗް ތެރޭގައި އަމަލީ މަސައްކަތް ފަށަން ވެސް ތައްޔާރުވެފައި އޮތީ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑަށް ހަމަ ޔަގީން ނަޝީދަށް ފަސް އަހަރު ފުރިހަމަ ކުރެއްވުނު ނަމަ މިހާރު އަޅުގަނޑުމެން ސިއްހީ ހިދުމަތް ލިބިގަންނާނީ ފެންވަރު ރަނގަޅު 100 އެނދުގެ ހޮސްޕިޓަލުން. މާލެ ދާކަށް ނުޖެހޭނެ. މި ހޮސްޕިޓަލް ނޭޅިގެން ރައްޔިތުން މި މިހާރު ވާހަކަ ދައްކާކަށް ނުޖެހޭނެ. ވާ ގޮތަކީ ކޮންމެ ސަރުކާރަކުން ވެސް މިކަހަލަ ކަންތައްތައް ސިޔާސީ ގޮތުން ނަގާތީ ނަތީޖާ އާ ހަމައަކަށް ނާދެވެނީ. އަޅުގަނޑުމެންގެ އެދުމަކީ މިހާރުގެ ސަރުކާރުން މިކަން ސިޔާސީ ނުކޮށް ނިންމައި، ރައްޔިތުންނަށް އެކަން ފުރިހަމަކޮށް ދިނުން."
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ހަދީޖާ ހަފުސާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އާ ހޮސްޕިޓަލްގެ ބިންގާ އެޅޭނެ ކަމަށް އުންމީދުތަކެއް ކުރެވުނު ކަމަށެވެ.
"މިތަނުގެ ހުރިހާ މުވައްޒަފުން ތިބީ އެކަމަށް އުންމީދުކޮށްގެން. އެކަމަކު އެ 100 ދުވަހުގެ ތެރޭގައި ބިންގާ ނޭޅުނީމަ މުވައްޒަފުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ދެކޭ ގޮތުގައި އައްޑު އަށް އާ ހޮސްޕިޓަލެއް އެބަ ބޭނުންވޭ. އަދި އެކަން އަވަހަށް ވާން ވެސް އެބަ ޖެހޭ."
ހަފުސާ ވެސް ފާހަގަ ކުރެއްވި ގޮތުގައި މިހާރު ހުރި ހޮސްޕިޓަލަކީ އިމާރާތާއި ވަސީލަތުގެ ގޮތުން ވެސް "ބަލިކަށި" ތަނެކެވެ. އެތަނަށް އިތުރު ބޮޑު ހަރަދުތަކެއް ކުރުމުގެ މާ ބޮޑު މާނައެއް މިހާރަކު ނެތެވެ. އެހެންވެ ހަމައެކަނި އޮތް ހައްލަކީ 100 އެނދުގެ ހޮސްޕިޓަލެވެ.
"އަޅުގަނޑުމެން ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރާނަން 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް އަވަސް ކުރަން. ސިއްހީ ހިދުމަތް މި އޮތީ ވަރަށް ދަށުގައި. ކައުންސިލުން އެންމެ ފުރަތަމަ ވެސް އިސްކަން ދީގެން ހައްލު ކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ސިއްހީ ދާއިރާގެ ކަންތައްތައް ހިމެނޭ،" މޭޔަރު އަބްދުﷲ ސޯދިގް )ސޯބެ( ވިދާޅުވި އެވެ. "ސަރުކާރާ ވާހަކަ ދައްކައިގެން މި ޕްރޮޖެކްޓް އަވަސް ކުރަން އަޅުގަނޑުމެން ބާރު އަޅާނަން."
އައްޑޫ ރައްޔިތުން އެދިއެދި ތިބި 100 އެނދުގެ ހޮސްޕިޓަލާ ބެހޭ ގޮތުން "ހަވީރު" ގެ ކިއުންތެރިއެއްގެ ކޮމެންޓެއްގައިވެ އެވެ؛ ކޮންމެ ސަރުކާރަކުން ވެސް އިންތިހާބުތަކާ ދިމާކޮށް، އައްޑޫގައި އެވެނި ކަމެއް މި ވެނި ކަމެއް ކޮށްދޭނަމޭ އެބަ ކިޔަ އެވެ. އެކަމަކު ނަތީޖާ ސުމެކެވެ. އެއީ ހަމަ ތެދަކަށް ވެދާނެ އެވެ!
ރައީސާއީ ހެލްތު މިނިސްޓަރުގެ ވާހަކައަކީ މިއެވެ؛
މަޖިލިސް އިންތިހާބުގެ ކުރިން އައްޑު އަަށް ވަޑައިގެން ރައީސް ޔާމީން ވިދާޅުވީ އައްޑޫގައި އެޅުމަށް ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށެވެ.
އައްޑޫގައި 100 އެނދުގެ އާ ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ ވާހަކަ އަކީ 2005 އިން ފެށިގެން ދައްކަމުން އަންނަ، އެކަމަކު މިހާ ހިސާބަށް ހަގީގަތަކަށް ނުވެފައި އޮތް މަޝްރޫއެކެވެ.
އެކަމަކު އެ މަޝްރޫއު މާބޮޑަށް ދިގުލައިގެން ގޮސްފައި އޮތް ނަމަވެސް، މި ސަރުކާރުން އައްޑޫގައި އާ ހޮސްޕިޓަލް ގާއިމު ކުރާނެ ކަމަށް ޝަކީލާ ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އޯޕެކާއި ސައުދީ ފަންޑްގެ ލޯން އެހީގެ ދަށުން އިމާރާތް ކުރާ އެ ހޮސްޕިޓަލާ ބެހޭ އިތުރު ތަފުސީލްތައް މިހާރު ސައުދީ ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ.
"ފިނޭންސުން އޭގެ ފައިނޭންސާއި ޓެކްނިކަލް ހުރިހާ ކަމެއް ނިންމައި މިއަދު އެންޑޯސް ކުރުމަށްޓަކައި ސައުދީ އަށް ފޮނުވިއްޖެ. އޭގެ މާނަ އަކީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އޭތި ނިމި އަޅުގަނޑުމެންނަށް ޑިޒައިނިން ސްޓޭޖަށް ދެވޭނެއޭ،"ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.
ޝަކީލާ ވިދާޅުވި ގޮތުގައި އައްޑޫ އާ ހޮސްޕިޓަލް އިމާރާތް ކުރަން ބަޔަކަށް އެވޯޑް ކުރެވޭވަރު ވާނީ މި އަހަރުގެ ނޮވެމްބަރު މަސް ހިސާބުގަ އެވެ.
"އެހެންވީމާ އެގޮތަށް އަޅުގަނޑުމެން އުންމީދުކޮށްގެން ތިބެމާތޯ؟،" އައްޑޫގެ އެތައް ބައެއްގެ އުންމީދާ ގުޅިފައިވާ ހޮސްޕިޓަލާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވި އެވެ.
ޝަކީލާ އިތުރަށް ވިދާޅުވީ އާ ހޮސްޕިޓަލް އިމާރާތް ކުރެވެންދެން، އައްޑޫގައި މިހާރު ހުރި ހޮސްޕިޓަލްގެ ހިދުމަތްތައް އިތުރަށް ރަނގަޅު ކުރަން މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. އެހެންވެ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި، އެތަނުން ދެވޭ ހިދުމަތްތައް އިތުރަށް ރަނގަޅުކޮށް، ބޭނުންވާ ވަސީލަތްތައް ގެނެސް ހުރިހާ ހިދުމަތެއް ލިބޭ، ފުރިހަމަ ހޮސްޕިޓަލަކަށް ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މީގެ ތެރޭގައި އިކުއިޕްމަންޓްސް އާއި އިންފްރާސްޓްރަކްޗާ އަށް ގެންނަން ޖެހޭ ބަދަލުތައް މިހާރު ވެސް ކުރިއަށް އެބަދޭ. އެގޮތުން ކޯޓޭޝަންތަކެއް އަންނާނެ [އޮޕަރޭޝަން] ތިއޭޓަރު ބޮޑުކުރުމަށްޓަކައި. އެހެންވީމާ އިތުރު ދެ ތިއޭޓަރު، ބޭސްލާފައި ހުރި ތިއޭޓަރެއް ލިބިގެން ދާނެ ވަރަށް އަވަހަށް،" ޝަކީލާ ވިދާޅުވި އެވެ.