Last Updated: November 27, 01:11
Tuesday, November 26, 2024
މުނިފޫހިފިލުވުން

ސަންޖޭގެ ރޯލަށް ރަންބީިރު

ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމުގައި ސަންޖޭގެ ރޯލް ކުޅެން ރަންބީރު ކަޕޫރަށް ހުށަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން އުމުރުން މިހާރު 54 އަހަރުގެ ސަންޖޭގެ ހަޔާތުގެ ސޮފްހާތަކަށް ބިނާކޮށް ފިލްމެއް ހަދަން ނިންމާފައި ވަނީ ސަންޖޭ ހިމަނައިގެން "މުންނާބާއީ" ފްރެންޗައިޒްގެ ގެނެސް ދިން ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ އެެވެ.

އެހެން ނަމަވެސް މިކަމާ ބެހޭ ރަސްމީ އެއްވެސް ބަހެއް އަދި ހިރާނީގެ ފަރާތުން ލިބިފައެއް ނުވެ އެވެ.

އޭނާ މި ވަގުތު ބިޒީކޮށް އުޅެނީ މި އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ "ޕީކޭ" ގެ މަސައްކަތުގަ އެވެ. އެ ފިލްމުގައި ވެސް ސަންޖޭ ވަނީ މުހިއްމު ރޯލެއް އަދާކޮށްފަ އެވެ.

އެކަމަކު އެ ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ ހިރާނީގެ "3 އިޑިއަޓްސް" ގެ ބަތަލު އާމިރް ހާނާއި އަނުޝްކާ ޝަރްމާ އެވެ.

ސަންޖޭގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަން އުޅޭ ވާހަކަތަަކެއް ދެވެމުން އަންނަ އިރު، އޭނާއަކީ ތަފާތު މައްސަލަތަކެއް ކުރިމަތިވެފައިވާ އެކްޓަރެކެވެ. ސަންޖޭ މި ވަގުތު ވެސް ދުވަސްތައް ހޭދަ ކުރަނީ ޖަލުގެ ތޭރިތަކުގެ ފުރަގަހުގަ އެވެ.

HJNN (1)

އެއީ 1993 ގައި މުމްބާއީގައި ހިންގި ޖަރީމާތަކެއްގެ ކުށް ސަންޖޭގެ މައްޗަށް ސާބިތުވުމާ ގުޅިގެންނެވެ.

މި މައްސަލާގައި ސަންޖޭ މީގެ ކުރިން ވެސް ވަނީ ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފަ އެވެ.

އެހެން ނަމަވެސް އޭނާގެ ހުކުމުގައި ބާކީ އަދި 42 ހަފުތާ ޖަލުގައި ހޭދަ ކުރަން ޖެހޭ ކަމަށް ސްޕްރީމް ކޯޓުން މެއި 16، 2013 ގައި އަމުރު ކުރުމާ ގުޅިގެން ސަންޖޭ ވަނީ އެނބުރި ޖަލަށް ގޮސްފަ އެވެ.

އެހެން ނަމަވެސް ދެ ފަހަރެއްގެ މަތިން ޕެރޯލްގެ ދަށުން އޭނާ އަށް ގެއަށް ދޫކޮށްލާފައިވެ އެވެ. ދޮޅު މަހެއްހާ ދުވަހުގެ ޕެރޯލްގެ މުއްދަތު ހަމަ ކުރުމަށް ފަހު، ސަންޖޭ އެންމެ ފަހުން ޖަލަށް ދިޔައީ މި މަހުގެ 22 ވަނަ ދުވަހު އެވެ.