އައްޑޫ ލިންކް ރޯޑްގެ "ރުއްފަށާ" ކައުންސިލުން ނެގީ އެތަނުގައި ބަދަލުގައި ގަސްތަކެއް ޖަހާ ގޮތަށް ކަމަށްވާތީ އެކަން އެގޮތަށް ކުރާތޯ ކަށަވަރުކުރާނެ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
ލިންކް ރޯޑްގެ އެންމެ ހިތްގައިމު ސަރަހައްދުގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރަމުން އައި "ރުއްފަށާ" ކައުންސިލުން "ބިމާހަމަކުރީ" މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު އެވެ. އެ ދުވަހު އެ ތަނުގައި ހުރި 50 އަށް ވުރެ ގިނަ ރުއް ނެގުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް، ކައުންސިލަށް ފާޑު ވެސް ކިޔާފައިވެ އެވެ. އަދި އެކަމުގެ ޝަކުވާތައް ގިނަ ބަޔަކު އީޕީއޭ އަށް ހުށަހެޅުމުން އެކަން ބަލާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.
"ރުއްފަށާ" ނެގުމާ ބެހޭ ގޮތުން މޭޔަރު އަލީ ނިޒާރު އޭރު "އައްޑޫ ލައިވް" އަށް ވިދާޅުވެފައި ވަނީ ރުއްތައް ނެގީ ގިނަ ދުވަސްތަކެއްވެފައި ހުރުމުން އެ ރުއްތަކުން މަގު ބޭނުންކުރާ މީހުންނަށް ލިބޭ ގެއްލުންތަކުން ސަލާމަތްކުރުމުގެ އިތުރަށް އެ ރުއްތަކަކީ މާ ބޮޑު ފައިދާއެއް ވެސް ވާ އެއްޗިއްސަށް ނުވާތީ ކަމަށެވެ.
ނިޒާރު ވިދާޅުވީ "ރުއްފަށާ" ނެގީ އީޕީއޭގެ ހުއްދައާ ވެސް އެކީގައި ކަމަށާއި އެތަނުގައި ދެން އީޕީއޭގެ ލަފާގެ މަތިން ގަަސްތަކެއް އިންދާނެ ކަމަށެވެ. އަދި އެ ތަނުގައި ލައިޓްތަކެއް ވެސް ޖަހާނެ ކަމަށް ވިދާޅުވި އެވެ.
"ރުއްފަށާ" ނެގުމަށް ފަހު އެ ސަރަހައްދުގައި ކާބްސްޓޯން ޖެހުމުގެ މަސައްކަތް ކައުންސިލުން މާޗް މަހުގެ ތެރޭގައި ފެށި އެވެ. އެކަމަކު ފަހުން އެ މަސައްކަތެއް ކުރިއަކަށް ނުދެ އެވެ. އަދި މިހާރު "ރުއްފަށާ" ނެގި ސަރަހައްދު އޮތީ "ފާޑެއްގެ ކުނިގޮނޑެއްހެން" ނެވެ.
އީޕީއޭ އިން މިއަދު ލިންކް ރޯޑްގެ "ރުއްފަށާ" ނެގީ ބަދަލުގައި ގަސްތަކެއް ޖަހާ ގޮތަށްކަމުން އެކަން އެގޮތަށް ކުރާތޯ ބަލާނެ ކަމަށެވެ.