އައްޑޫގެ ގުޅިފައިވާ ރަށްރަށިގެ ބައެއް މީހުން ފާހަގަ ކުރާ ގޮތުގައި ފޭދޫގައި ހުންނަ "މަސްއަށި" ފިހާރައަކީ އައްޑޫގެ އެންމެ އަގު ހެޔޮ ފިހާރަ އެވެ.
އެ ފިހާރައިގައި ވިއްކާ މުދާތައް އައްޑޫގެ އެހެން ރަށްރަށުގެ ފިހާރަތަކުން ވިއްކާ އަގުތަކަށް ވުރެ މާ ބޮޑު ތަން ވެސް ހެޔޮ ކަމަށް ބައެއް މީހުން ބުންޏެވެ. އަދި ހަމައެއާ އެކު އެ ފިހާރައިން ވިޔަފާރި ކުރާ މީހުން ފާހަގަ ކުރާ އަނެއް ކަމަކީ ފިހާރައިގައި ހުންނަ މުދާތަކުގައި ބަރާބަރަށް އަގު ޖަހާފައި ހުރުމެވެ. އެގޮތުން ޖީއެސްޓީ ނަގަން ފެށި ފަހުން، ހުރިހާ މުދަލެއްގައި އަގު ޖަހާފައި ހުންނަނީ ޖީއެސްޓީ ހިމަނައިގެންނެވެ.
އެއީ ކަސްޓަމަރުން ބޮޑު ފަސޭހައެއްގެ ގޮތުގައި ފާހަގަ ކުރާ ކަމެއް ވެސް މެ އެވެ.
"ދެ ބަޔަކަށް ބަހާލައިފައި ހުންނަ "މަސްއަށި" ފިހާރައިގެ އެއް ބައިން، ހަމަ އެއް މުދާތަކެއް އަނެއް ބަޔަށް ވުރެ އަގުހެކޮށް ވިއްކާ ކަމެވެ."
އޭގެ ތެރޭގައި ވަކި މިވެނި ސާމާނެއް ނެތެވެ. ހުރިހާ އެއްޗެއް ވެސް އަގުހެޔޮކޮށް ލިބެ އެވެ. ފިހާރައިގެ ދެ ބައިގައި ވެސް ހަމަ ހުންނަނީ އެއް މުދަލަކެވެ. އެކަމަކު އެއް ބައިން ވިއްކާ އަގު ތަފާތު ވަނީ ކީއްވެތޯ އެއީ ބައެއް މީހުން ކުރާ ސުވާލެކެވެ.
އެ ސުވާލަށް ފިހާރައިގެ ވެރިޔާ އަބްދުލް މަޖީދު ދޭ ޖަވާބަކީ މިއެވެ؛
އޭނާ ބޭނުން ވަނީ މަސްއަށި ފިހާރައަކީ އެންމެ ގިނަ ބަޔަކު ވިޔަފާރި ކުރާ ފިހާރައެއް އެ ފިހާރަ ވާށެވެ. އެންމެ އާދައިގެ މީހާ އަށް ވެސް މާ ބޮޑު ދަތިކަމެއްނެތި ވިޔަފާރި ކުރެވޭ، ކަސްޓަމަރުން ހިތްހަމަޖެހޭ ފިހާރައަކަށް އެތަން ވާށެވެ.
އެހެންވެ އެ ފިހާރަ އޭނާ އިޝްތިހާރު ކުރަނީ ވެސް "އައްޑޫގެ އެންމެ އަގު ހެޔޮ ފިހާރަ" އިގެ ގޮތުގަ އެވެ. ފިހާރައިގައި ހުންނަ ހުރިހާ މުދަލެއްގައި އަގު ޖަހާފައި ހުންނަ އިރު ވެސް "އެންމެ ހެޔޮ އަގު" ކަމަށް ލޭބަލްކޮށްފައި ހުރެ އެވެ.
"ބޭނުން ވަނީ ހުރިހާ ފަންތިއެއްގެ މީހުންނަށް ވިޔަފާރި ކުރެވޭ، ޖީބަށް ބާރު ބޮޑު ނުވާ ގޮތަކަށް މި ހިދުމަތް އާންމުންނަށް ދޭން. އެހެންވެ މި ފިހާރައަކީ އަބަދުވެސް އާންމުންގެ މެދުގައި ވަރަށް މަގުބޫލް ފިހާރައެއް. ފޭދޫގައި ފިހާރަ ހުރި ނަމަވެސް ގުޅިފައިވާ ރަށްރަށުގެ މީހުން އާންމުކޮށް މިތަނުން ވިޔަފާރި ކުރާނެ،" ވަރަށް އާދައިގެ ގޮތަކަށް ކުޑަކުޑަ ބަޖެޓަކުން ފެށި ވިޔަފާރި އާ ބެހޭ ގޮތުން މަޖީދު ބުންޏެވެ. "މިތަނަށް ވަންނަ މީހަކު ދުވަހަކު ވެސް މުދަލެއްގެ އަގު ބޮޑުވެގެން ޝަކުވާ ކުރާކަށް ނުޖެހޭ. އަތްފޯރާ އަގުގައި އަބަދުވެސް މުދާ ލިބެން ހުންނާނެ. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް."
މީގެ ހައެއްކަ އަހަރު ކުރިން މަޖީދު ފިހާރައެއް ހުޅުވުމުގެ ކުރިން އޭނާ ވަނީ ދިރިއުޅުމަށް ވަރަށް ގިނަ މަސައްކަތްތައްކޮށްފަ އެވެ.
އޭގެ ތެރޭގައި ހޮޓާ ހިންގުމާއި މަސް ކައްކައި، މަހާއި ރިހާކުރު ވިއްކުމާއި ރުއް އެރުމާއި އަދި އެ ނޫން ވެސް ވަރަށް ގިނަ މަސައްކަތްތަކުގެ ތެރޭގައި މަޖީދު ވަނީ އުޅެފަ އެވެ.
"އަބަދުވެސް ދެކެމުން އައި ހުވަފެނެއް އަމިއްލަ ފިހާރައެއް ހުޅުވައިގެން ވިޔަފާރި ކުރުމަކީ. އެ އަޒުމުގައި ކުރި މަސައްކަތުން މިހާތަނަށް އާދެވިފައި މި ވަނީ ހަމަ އަމިއްލަ އަށް ކުރި މަސައްކަތުން،" އަށް ކުދިންގެ ބައްޕަ ބުންޏެވެ. "ލޯނެއް ނަގައިގެން ނޫނީ މީހެއްގެ އަތުން ދަރަންޏަށް ވެސް ފައިސާ ނަގައިގެނެއް ނޫން މި ހިސާބަށް މި އައީ. ހަމަ އަމިއްލަ މަސައްކަތުން ޖަމާކުރި ފައިސާ އިން ފިހާރައެއް ހުޅުވައި އެއް ދުވަހުން އަނެއް ދުވަހަށް ވިޔަފާރި ފުޅާވަމުން މި އަންނަނީ."
މަޖީދްގެ "މަސްއަށި" ފިހާރަ އަށް މުދާ ގެންނަނީ ރާއްޖެ އަށް މުދާ އެތެރެ ކުރާ ބޮޑެތި ކުންފުނިތަކާ ގުޅިގެންނެވެ.
އެހެންވެ އަބަދުވެސް ހުސް ނުވެ، ރައްޔިތުންނަށް ދަތި ނުވާނެ ގޮތަކަށް އޭނާގެ ފިހާރަ އިން މުދާ ލިބެން ހުރެ އެވެ. އަދި ރީޓެއިލްކޮށް މުދާ ވިއްކުމުގެ އިތުރަށް ހޯލްސޭލް ވެސް ކުރެ އެވެ.
ދިހަ މުވައްޒަފުންނާ އެކު މިހާރު ފިހާރަ ހިންގަމުން އަންނަ މަޖީދު ބުނީ އޭނާގެ ފިހާރައިން މުދާ އަގުހެޔޮކޮށް ލިބޭ މައިގަނޑު އަނެއް ސަބަބަކީ، އޭނާ އަށް މުދާ ސަޕްލައިކޮށްދޭ ފަރާތްތަކުގެ އަތުން ބޮޑެތި ސްޓޮކްތަކުން މުދާ ނެގުން ކަމަށެވެ.
"ވިޔަފާރި ކުރެވޭނީ ވަރަށް ތަފާތު އުކުޅުތައް ބޭނުންކޮށްގެން. އެކަހަލަ ވިސްނުންތަކެއް ހުރެގެން. އަހަރެން އަބަދުވެސް ބަލާނީ ކަސްޓަމަރުންގެ ހިތްހަމަޖެހުމަށް. އަނެއްކާ ވިޔަފާރި އިޝްތިހާރު ކުރުމަށް ދޭތެރެ ދޭތެރެ އިން ލައުޑް ސްޕީކަރު ހިފައިގެން ނިކުމެ ރަށު ތެރޭގައި ައެބަ ގޮވަން،" ކުރިއަށް އޮތް ތަނުގައި "މަސްއަށި" ވަރުގަދަ ސްޕަމާކެޓަކަށް ހެދުމުގެ ހިޔާލު ގެންގުޅެމުން އަންނަ ކަމަށް މަޖީދު ބުންޏެވެ. "މިކަހަލަ ކަންކަން ކުރެވޭނީ ކެރިގެން ނިކުމެ ކުރަން އުޅޭ ބަޔަކަށް. ހަމަ ޔަގީނުން ވެސް ފޭދޫގެ އާބާދީގެ ބޮޑު ބައެއްގެ ފުރަތަމަ އިހުތިޔާރަކަށް ވާނެ ވިޔަފާތި ކުރުމުގައި އަހަރެންގެ ފިހާރަ."