Last Updated: April 23, 18:48
Wednesday, April 23, 2025
ޚަބަރު

ސީލް މޮނިޓަކުރަން ވޮލަންޓިއަރުން ހޯދަނީ

އައްޑޫ ހިތަދޫގައި އޮތް ސީލް އަށް ވާނުވާ ބެލުމަށްޓަކައި އޭތި އޮތް ސަރަހައްދުގައި ވޮލަންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ހިތަދޫގެ ކުރީގެ ހޮސްޕިޓަލް ސަރަހައްދު ފުއްޓަރު ފަރާތުގެ އެތެރެވަރި އަށް މިދިޔަ އާދިއްތަ ދުވަހު ސީލް ވަން އެގޮތަށް އޭތި އޮންނަނީ އެ ސަރަހައްދުގަ އެވެ. އެގޮތުން ރާޅުފަށާ ހިސާބަށް އައިސް ދޭތެރެ ދޭތެރެ އިން ބޭރަށް ވެސް ދެ އެވެ. އެ ބަލާލަން އެ ސަރަހައްދަށް ގިނަ ބަޔަކު ޖަމާވާތީ، ސީލް އޮތް ދިމާލަށް ބޮޑަށް ކައިރި ނުވެވޭ ގޮތަށް ފުލުހުން މިހާރު ވަނީ ޓޭޕް ވެސް ދަމައިފަ އެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ވަނީ ސީލްއާ 30 މީޓަރަށް ވުރެ ކައިރި ނުވާން އަންގައި އެއަށް އެއްވެސް ގޯނާއެއް ނުކުރަން ވެސް އެދިފަ އެވެ. އަދި އިއްޔެ އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ އެއަށް އުނދަގޫވާ ގޮތަށް އާންމުން އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ސީލް އަށް ވާނުވާ ބެލުމުގެ ކަންކަން އީޕީއޭ އާއި އައްޑޫ ނޭޗާ ޕާކް ގުޅިގެން އަންނަނީ ކުރަމުންނެވެ. އެގޮތުން ސީލް ހިތަދޫގައި އޮންނަހާ ހިނދަކު އެއަށް ވާނުވާ ބަލަން ވޮލަންޓިއަރުން ހޯދަން ނިންމީ އެވެ. އެހެންވެ މިކަމަށް ޝައުގުވެރިވާ މީހުންނަށް 7580059 މި ނަމްބަރުން އިތުރު މައުލޫމާތު ހޯދޭނެ އެވެ.

އާދިއްތަ ދުވަހު ހިތަދޫގެ އެތެރެވަރިއަށް ސީލް އަށް ވަނުމުގެ ކުރިން އެ އަވަށުގެ އެހެން ދިމާއަކަށް ވެސް މިދިޔަ މަހުގެ 31 ވަނަ ދުވަހު ސީލްއެއް ވަނެވެ.